އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުން ވަނީ އާދިއްތަ ދުވަހު ވެސް ބައްދަލުކޮށްފައި.

އިޒްރޭލް

އީރާނަށް ދޭނެ ރައްދަކާ މެދު އިޒްރޭލުގެ ކެބިނެޓުން ބައްދަލުކޮށްފި

ރައްދެއް ދޭނެކަމަށް އިޒްރޭލުގެ އަސްކަރީ ވެރިޔާ ވަނީ ވިދާޅުވެފައި

އީރާނުން ދިން ވަރުގަދަ ރޮކެޓާއި މިސައިލު ހަމަލާއަށް ދޭނެ ރައްދަކާ މެދު މަޝްވަރާކުރުމަށް އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުން ބައްދަލުކޮށްފި އެވެ.

މި މަޝްވަރާތަކަށް ފަހު ވަކި ގޮތަކަށް ނިންމާފައިވާ ކަމެއް އިޒްރޭލް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އީރާނުގެ ހަމަލާ އިޒްރޭލުގެ އެކުވެރި ގައުމުތަކުން ހަރުކަށިކަމާ އެކު ކުށްވެރިކޮށްފައިވީ ނަމަވެސް، މައްސަލަ އިތުރަށް ގޯސް ނުކުރުމަށް އެ ގައުމުތަކުން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރުއަޅާފަ އެވެ.

އީރާނުން ހަމަލާދިނުމަށް ފަހު މި މައްސަލަ މިހާރު މިވަނީ ނިމިފައި ކަމަށް ތެހެރާނުން ވަނީ ބުނެފަ އެވެ. ނަމަވެސް އީރާނުގެ މި ހަމަލާއަށް ރައްދެއް ދޭނެ ކަމަށް އިޒްރޭލް އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ވަނީ ވިދާޅުވެފަ އެވެ.

"ހިންގަވާ ވިސްނާލަމާ، އަހަރުމެން ކުރިއަށް ބަލާއިރު، އަޅާ ފިޔަވަޅުތަކާ މެދު ވިސްނަން. އަދި އިޒްރޭލަށް އަމާޒުކޮށް މިހާ ބައިވަރު މިސައިލުތަކާއި ކްރޫޒް މިސައިލުތަކާއި ޔޫއޭވީތައް ލޯންޗުކުރި ކުރުމަށް ރައްދެއް ދޭނަން،" ލިއުޓެނަންޓް ޖެނެރަލް ހާޒީ ހަލެވީ ވިދާޅުވި އެވެ.

ނަމަވެސް އިޒްރޭލުން ދޭނެ ރައްދަކާއި އެކަން ކުރާނެ ވަކި ތާރީހެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

އިޒްރޭލުން އީރާން އަށް ދީފާނެ ރައްދެއްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަސަރުތައް ކުރިމަތި ކުރުވަފާނެ ކަމެއް ކުރަން ވޮޝިންޓަނުން ބޭނުންނުވާ ކަމަށް، ބީބީސީއާ ވާހަކަ ދެއްކެވި އެމެރިކާގެ ސީއައިއޭގެ ކުރީގެ ވެރިޔާ ޑޭވިޑް ޕެޓްރައިއަސް ވިދާޅުވި އެވެ.

އީރާގު އާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވި ބައިނަލްއަގްވާމީ ސިފައިންގެ ފައުޖުތަކުގެ މައްޗަށް ވެސް ކުރިން އަމުރު ހިންގެވި ޕެޓްރައިއަސް ވިދާޅުވީ އީރާނުން ދިން ހަމަލާއަކީ "ވަރަށް ބޮޑު ކަމެއް" ކަމަށެވެ. އަދި މިއީ އިޒްރޭލަށް ކިހާ ބޮޑު ކަމެއް ކަން ހުޅަނގުން ދެނެގަންނަން ޖެހޭ ކަމަށެވެ.

"މިހާރު ދެން އޮތް ގޮންޖެހުމަކީ، ހަމަ ގައިމު ވެސް، މިކަމާ ބެހޭ ގޮތުން ދެން އަޅާނެ ފިޔަވަޅަކާ މެދު ހިޔާލު ތަފާތުވުން. ކޮންމެ ވެސް ސަބަބަކާ ހުރެ ތެލުގެ އަގު މައްޗަށް އަރައިގެން ދިޔުން، ނުވަތަ ގަލްފުގައި ކަނޑު ދަތުރުތައް ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ދިޔުން. އަނެއްކާ މިހާރު ވެސް ކަންބޮޑުވުން އުފެދިފައި އޮތީ ކުރިން ދުވަހު އީރާނުން ތެޔޮ ޓޭންކަރެއް އަތުލައިގަތުމުން."

މިހާރު ރިޓަޔާ ކުރައްވާފައިވާ ޖެނެރަލް ޕެޓްރައިއަސް ވިދާޅުވީ އިޒްރޭލް ސަރުކާރުގެ ތެރޭގައި މިހާރު މަޝްވަރާތައް ކުރިއަށް ދަނީ މައްސަލަ އިތުރަށް ގޯސް ކުރުމުގެ ބަދަލުގައި އީރާނުން މިފަދަ ހަމަލާއެއް ދެވަނަ ފަހަރަށް ދިނުމާ މެދު ޖެހިލުންވާނެ ގޮތެއް ހޯދުމަށެވެ. 

އީރާނަށް ރައްދު ދޭނެކަމަށް އިޒްރޭލުގެ އަސްކަރީ ވެރިޔާ ވިދާޅުވާ ގުޅޭ (ވީޑިއޯ/ސީބީއެސް އީވްނިންގް ނިއުސް)

މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތަކުން ކެތްތެރިވުމަށް ދުނިޔޭގެ ލީޑަރުން އަންނަނީ އިލްތިމާސް ކުރަމުން ނެވެ. އަދި އީރާނަށް ދޭ ރައްދު ހަމަލާއެއްގައި އެމެރިކާއިން ބައިވެރި ނުވާނޭކަމަށް ވޮޝިންޓަނުން ވަނީ އިޒްރޭލަށް އަންގާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް