ޕެރިހުގައި "ފަލަސްތީން ދިރިހުންނާނެ" ކަމަށް ލިޔެފައިވާ ބެނާއެއްގެ ފަހަތުގައި މުޒާހަރާއެއްގެ ބައިވެރިން ހިނގަނީ. (ފޮޓޯ/ބާޓްރާންޑް ގުއޭ/އޭއެފްޕީ)

ޔޫރަޕް

ޔޫރަޕުގެ އިތުރު ގައުމުތަކެއް ފަލަސްތީން ދައުލަތް ބަލައިގަތުމާ ދިމާލަށް؟

އިޒްރޭލުން ދައްކަމުންދާ ހަރުކަށިކަމާ ގުޅިގެން ހުޅަނގުން އިޒްރޭލާ މެދު ވިސްނާ ގޮތް އަންނަނީ މަޑުމަޑުން ބަދަލުވަމުން

އަޔަލެންޑް އާއި ސްޕެއިންގެ ލީޑަރުން ވަނީ މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދު މަޝްވަރާކުރައްވާފަ އެވެ. 

އެ ބައްދަލުވުމަށް ފަހު އަޔަލެންޑްގެ ލީޑަރު ސައިމަން ހެރިސް ވިދާޅުވީ އަޔަލެންޑް އާއި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމުގެ ކަންކަން "އިތުރަށް ގާތްވެގެން ގޮސްފައިވާ" ކަމަށެވެ.

މި ދެ ބޭފުޅުންގެ ބައްދަލުވުން އައިސްފައި މިވަނީ އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ. 

ގާޒާގައި އާންމުން މަރުވަމުންދާ އަދަދު އިންތިހާ މައްޗަށް އަރާފައިވުމާއި ގާޒާއަށް ލިބިފައިވާ ގެއްލުންތަކާއި އެތަނުގައި ތިބި އާންމުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ހާލަތާ ގުޅިގެން، ބައިނަލްއަގްވާމީ މުޖުތަމައުއިން އިޒްރޭލަށް އަމާޒު ކުރާ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.

އަދި އިޒްރޭލުގެ މި އުދުވާނާ މެދު ޔޫރަޕުގައި ކަންބޮޑުވުންތައް އުފެދި، ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދު ވިސްނަމުން އަންނަ ޔޫރަޕުގެ ގައުމުތައް ވަނީ އިތުރުވެފަ އެވެ. 

އަޔަލެންޑުގެ ވެރިރަށް ޑަބްލިންގައި އެ ގައުމުގެ ލީޑަރުކަމާ މިފަހުން ހަވާލުވެވަޑައިގެންނެވި ހެރިސް އާއި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ބައްދަލުވުމަކީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް އެކި ގައުމުތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ސަންޗޭޒް ހައްދަވާފައިވާ ޕްލޭނެއްގެ ދަށުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ސްޕެއިން ސަރުކާރުގެ ތަރުޖަމާނު ޕިލާރް އެލެގްރިއާ ވިދާޅުވިގޮތުގައި، ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ތާއީދު ހޯއްދެވުމަށް ނޯވޭ، ޕޯޗުގަލް، ސްލޮވީނިއާ އަދި ބެލްޖިއަމްގެ ބޮޑުވަޒީރުންނާ ވެސް ސަންޗޭޒް ބައްދަލު ކުރައްވާނެ އެވެ.

"އަހަރެމެން ބޭނުން ވަނީ ގާޒާގެ އިންސާނީ ކާރިސާ ހުއްޓުމަކަށް ގެނެސް، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ދެ ގައުމެއް ގާއިމުވެފައި އޮތުން ކަމަށް ވީހާ ވެސް އަވަހަކަށް ގަބޫލު ކުރެވޭނެ ސިޔާސީ ސުލްހައިގެ މަސައްކަތްތަކެއް އަވަހަށް ފެށިގެން ދިޔުން،" އެލެގްރިއާ ވިދާޅުވި އެވެ.

ހަމާސް-އިޒްރޭލް ހަނގުރާމައިގައި މިހާތަނަށް ޔޫރަޕުން އެންމެ ވަރުގަދައަށް ފަލަސްތީނަށް ތާއީދު ކުރަމުން އަންނަ ދެ ގައުމަކަށް ވެފައި ވަނީ އަޔަލެންޑް އާއި ސްޕެއިން އެވެ.

ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދު މަޝްވަރާ ކުރުމަށް މިދިޔަ މަހު 22ގައި ބޭއްވި ބައްދަލުވުމެއްގައި އަޔަލެންޑް އާއި ސްޕެއިންގެ ލީޑަރުންގެ އިތުރުން ސްލޮވީނިއާ އާއި މޯލްޓާގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ 27 މެމްބަރު ގައުމުގެ ތެރެއިން ފަލަސްތީނުގެ ދައުލަތެއް މިވަގުތު ބަލައިގަންނަ އޮތީ އެންމެ ހަތް ގައުމެވެ. އެއީ ޕޯލެންޑް، ބަލްގޭރިއާ، ރޫމޭނިއާ، ހަންގޭރީ، ޗެކް ރިޕަބްލިކް، ސްލޮވާކިއާ، ސްވީޑެން އަދި ސައިޕްރަސް އެވެ.

އަޔަލެންޑް، ސްޕެއިން، މޯލްޓާ އަދި ސްލޮވީނިއާ އިން މިކަމަށް ތާއީދުކޮށްފި ނަމަ އީޔޫގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަ ގައުމުތަކުގެ އަދަދު 12 އަށް އަރާނެ އެވެ.

ނަމަވެސް އީޔޫގެ އިއްތިހާދުން، މީގެ ކުރިން މިކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، ޖުމްލަގޮތެއްގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގެންފައެއް ނުވެ އެވެ. ސަބަބަކީ ފްރާންސް އާއި ޖަރުމަނު ފަދަ އީޔޫގެ ބާރުގަދަ ގައުމުތަކުން ފަލަސްތީނު ބަލައިގަތުމަށް ބޭނުންވަނީ "ދެ ގައުމެއް ގާއިމުވެފައި އޮތުމުގެ" ހައްލުގެ ތެރެއިންނެވެ. އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމުވުމަށް އިޒްރޭލުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ.

ގާޒާ ހަނގުރާމައާ ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ވެސް ވަނީ އިޒްރޭލަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އެގޮތުން ބެލްޖިއަމްގެ ބޮޑުވަޒީރު އެލެކްސެންޑާ ޑި ކްރޫ ނޮވެމްބަރު މަހު ވަނީ އިޒްރޭލުން ގާޒާގައި ދައްކަމުންދާ ހަރުކަށިކަން ހާލަތާ ނުބައްދަލު ކަމަށް ވިދާޅުވެފަ އެވެ.

"ޓެރަރިސްޓެއް މަރާލުމުގެ އަޒުމުގައި ބޮޑު ރެފިއުޖީ ކޭމްޕްއަކަށް ހަމަލާ ދިނުން، އެއީ ކަމާ އެކަށީގެންވާ ހަމަލާއެއް ކަމަކަށް އަހަރެން ނުދެކެން،" ބެލްޖިއަމް އިން ވަކި ކޮޅަކަށް ތާއީދު ނުކުރާނެކަން ފާހަގަކުރައްވައި ޑި ކްރޫ ވިދާޅުވެފައި ވެ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނާއިބު ވަނީ އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕަށް ގޮވާލައްވާފަ އެވެ. މިއީ މަދުން ނޫނީ ޔޫރަޕުގައި ފެނިފައިވާ ކަމެއް ނޫނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ނޮވެމްބަރު މަހުގެ ފަހުކޮޅު ބެލްޖިއަމް އާއި ސްޕެއިންގެ ބޮޑުވަޒީރުން ވަނީ މިސުރުގައި ރަފަހްއާވީ ފަޅީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި އިޒްރޭލުގެ ހަނގުރާމައަށް ފާޑުވިދާޅުވެފަ އެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އުންރްވާ އެޖެންސީގެ މުވައްޒަފުންތަކެއް އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކުގައި ބައިވެރިވާކަމަށް އިޒްރޭލުން ތުހުމަތު ކުރުމާ އެކު ގިނަ ގައުތަކަކުން އުންރްވާއަށް ފައިސާގެ އެހީދިނުން މަޑުޖައްސާލި އެވެ. ނަމަވެސް ޔޫރަޕުގެ ގައުމުތައް ކަމުގައިވާ ރޫމޭނިއާ، ނޯވޭ އަދި ސްވިޓްޒަލެންޑް އިން އެހީ ދިނުން ހުއްޓާލާފައެއް ނުވެ އެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި ފަންޑު ދިނުން މެދުކަނޑާލުމަކީ އެކަމަށް ދެވޭނެ ރަނގަޅު ރައްދެއް ނޫން. އެއީ [ކުށެއް ނެތް] އެތައް ބަޔެއްގެ މައްޗަށް އަދަބު ދިނުން،" އަލް ޖަޒީރާއަށް ނޯވޭގެ ހާރިޖީ ވަޒީރު އެސްޕެން ބާތު ވިދާޅުވެފައި ވެ އެވެ.

އިޒްރޭލާ އެންމެ އެކުވެރި އެމެރިކާއިން ވެސް މިހާރު އަންނަނީ މަޑުމަޑުން އިޒްރޭލުގެ ކަންކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ރަފަހް އަށް ވަދެނުގަތުމަށް ވޮޝިންޓަނުން ނަތަންޔާހޫއަށް އިންޒާރު ދީފައި ވާއިރު، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އދ. އިން ފާސްކުރި ގަރާރު އެމެރިކާ އިން އެންމެ ފަހުން ވީޓޯކޮށްފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާއިން އަންނަނީ އިޒްރޭލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފަލަސްތީނަށް ތާއީދުކޮށް އެހެން ގައުމުތަކުން ވެސް ވަނީ އަޑުއުފުލަން ފަށާފަ އެވެ. މީގެ އިތުރުން ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އަށް، އިޒްރޭލުން ގަތުލު އާންމެއް ގާޒާގައި ހިންގަމުންދާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައެޅި މައްސަލަ އާއި ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ސަޕްލައިކުރުން ހުއްޓުވުމަށް ނިކަރަގުއާއިން ހަމަ އެ ކޯޓަށް ހުށައެޅި މައްސަލަ ވެސް ފާހަގަކޮށްލެވެ އެވެ.

ޖުމްލަ ގޮތެއްގައި އދ.ގެ މެމްބަރު 193 ގައުމުގެ ތެރެއިން 139 ގައުމަކުން ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް