މިއީ އިޒްރޭލްގެ ވެރިރަށް ތަލްއަވީވް މިވަގުތު ފެންނަ ގޮތް

މެދު އިރުމަތި

އިޒްރޭލަށް އީރާންގެ ހަމަލާ: އެމެރިކާގެ އެހީގައި ޑްރޯން އާއި މިސައިލްތައް ވައްޓާލައިފި

އިޒްރޭލުން ބުނީ ކުދިކުދި ގޮވުންތަކެއް ބައެއް ސަރަހައްދުތަކަށް އަމާޒުވި ކަމަށް. އެގޮތުން އެކަކު ޒަހަމްވި ކަމަށް ވެސް ބުނި
14 އޭޕްރީލު 2024

މުހިންމު ނުކުތާތައް

އެމެރިކާގެ ރައީސް ބައިޑަން ބަނީ ޗުއްޓީ މެދުކަނޑާލާފައި ވައިޓް ހައުސްއަށް ވަޑައިގެންފައި

އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ކޮންމެ ހާލަަތަކަށް ވެސް އިޒްރޭލް ތައްޔާރުކަމަށް

ޖެރޫސަލަމް މަތިން ބޮޑެތި ގޮވުންތަކެއް އަޑު އިވެން ވަނީ ފަށާފައި

ބަދަލުހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ރޭ ފޮނުވާލި ހުރިހާ ޑްރޯން އާއި މިސައިލްތަކެއް، އެމެރިކާގެ އެހީތެރިކަމާ އެކު ވައްޓާލާފައިވާ ކަމަށް، އިޒްރޭލުން ބުނެފި އެވެ.

'އޮޕަރޭޝަން ޓްރޫ ޕްރޮމިސް'ގެ ނަމުގައި އީރާނުން އިޒްރޭލަށް ފޮނުވާލި ޑްރޯން އާއި މިސައިލްގެ އަދަދު 200އަށް ވުރެ ގިނަ އެވެ. މިއީ އީރާންގެ ތެރެއިން އިޒްރޭލަށް ހަމަލާތަކެއް އަމާޒުކުރި ފުރަތަމަ ފަހަރެވެ.

ނަމަވެސް ޔޫއެންގައި ތިބޭ އީރާންގެ މިޝަން އިން ރޭ ބުނީ އީރާނުން ފެށި ހަމަލާތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.

"އެކަމަކު އިޒްރޭލުން އިތުރު ގޯހެއް ހަދައިފި ނަމަ އަހަރެމެންގެ ހަމަލާތައް ކުރިއަށް ވުރެ ގެއްލުން ބޮޑުވާނެ އެވެ،" އީރާންގެ މިޝަންއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އީރާނުން އަމާޒުކުރި ގާތްގަނޑަކަށް ހުރިހާ ޑްރޯން އާއި މިސައިލަކަށް ހުރަސްއަޅައި، ވައްޓާލި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބާރުތަކަށް އީރާންގެ ހަމަލާތަކަށް ތައްޔާރުވެ ތިބެން މިދިއަ ހަފުތާއިން ފެށިގެން ގެންދެވީ އަމުރުކުރައްވަމުންނެވެ.

އިޒްރޭލްގެ ވައިގެ ދިފާއުން އީރާންގެ ޑްރޯން އާއި މިސައިލްތައް ވައްޓާލަން ހަމަލާ ފޮނުވަނީ

"ގާއިމްކޮށްދެވުނު ދިފާއު އާއި އަހަރެމެންގެ ސިފައިންގެ ގާބިލްކަމުގެ ސަބަބުން ހުރިހާ ޑްރޯންއަކާއި މިސައިލެއް ވައްޓާލަން އިޒްރޭލަށް މަގުފަހިވި،" ބައިޑަން ވިދާޅުވި އެވެ.

ރޭ ޖެރޫސަލަމް އާއި ތަލްއަވީވް އާއި އެހެން ބައެއް ސަރަހައްދުތަކުގެ މަތިން އިޒްރޭލްގެ ވައިގެ ދިފާއުން އީރާންގެ ޑްރޯން/މިސައިލްތައް ވައްޓާލާ މަންޒަރު ފެނުނެވެ. އިޒްރޭލްގެ ވައިގެ ދިފާއުން ފޮނުވާ މިސައިލްތައް ގޮސް އީރާނުގެ އެއްޗެހީގައި ޖެހިގެން ބޮޑެތި ގޮވުންތައް ވައިގެ ތެރޭގައި އުފެދުނެވެ. 

މި މަހު ސީރިޔާގައި ހުންނަ އީރާންގެ ކޮންސިއުލޭޓް އިމާރާތަށް ދިން ހަމަލާގައި ތަން ހަލާކުވެފައި: މިއީ އިޒްރޭލްގެ ހަމަލާއެއް ކަމަށް ގަބޫލުކުރެވޭ. އެކަމަކު އިޒްރޭލުން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކާ

އެމެރިކާގެ ސިފައިން ސީރިޔާ އާއި އިރާގުގައި ތިބެ އެވެ. އީރާނުން ފޮނުވާ ޑްރޯން އާއި މިސައިލްތައް ހުއްޓުވުގެ ގާބިލްކަން އެ ސިފައިންނަށް ލިބިފައިވެ އެވެ. އެކަމަކު އެކަން ބިނާވަނީ އީރާނުން އެ ހަމަލާތައް ދޭ ސަރަހައްދަކަށެވެ.

މިއީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް

ޔޫއެންގައި ތިބޭ އީރާންގެ މިޝަންއިން އެކްސްގައި ނެރުނު ބަޔާނެއްގައި އީރާންގެ ހަމަލާތަކުގެ ސަބަބު ބަޔާންކޮށްދިނެވެ. އީރާނުން ބުނީ އެއީ ޔޫއެން ޗާޓަރުގެ51 ވަނަ މާއްދާގެ ދަށުން ދިން ހަމަލާތަކެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ 'ހަތިޔާރު ބޭނުންކޮށްފި ނަމަ އެއިން ދިފާއުވުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ' ކަމަށެވެ.

އީރާނުން ބުނީ މިއީ ޔަހޫދީ ދައުލަތާއި އީރާނާ ދެމެދު ހިނގާ ހަމަނުޖެހުމެއް ކަމަށެވެ. މީގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް ވެސް ގޮވާލި އެވެ.

އިޒްރޭލަށް ދިން އީރާންގެ ފުރަތަމަ ހަމަލާ

އީރާންގެ ހަމަލާތަކެއް ފުރަތަމަ ފަހަރަަށް އިޒްރޭލަށް އަމާޒު މިވީ ސީރިޔާގައި ހުންނަ އީރާންގެ ކޮންސިއުލާ އޮފީސް އިމާރާތަކަށް އިޒްރޭލުން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި އީރާން ސިފައިންގެ އިސް ކޮމާންޑަރުންތަކެއް މަރުވެފައި އޮއްވަ އެވެ. އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އިންޒާރު ދެއްވި ގޮތުގައި ސީރިޔާގެ ކޮންސިއުލޭޓަށް ހަމަލާދިނުމަކީ އީރާނަށް ހަމަލާދިނުމެވެ.

"އެ ނުބައި ވެރިކަމަށް އަދަބު ލިބެން ޖެހޭނެ، އަދި އަދަބު ދޭން ވެސް ވާނެ،" އިޒްރޭލަށް އަމާޒުކުރައްވައި އޭނާ ވިދާޅުވި އެވެ.

އީރާންގެ ޑްރޯންއެއް: އީރާނުން ބުނީ އިޒްރޭލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް

އެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެމެރިކާ އޮންނާނީ އިޒްރޭލްގެ ދިފާއުގައި ކަމަށެވެ. އަދި އީރާނުން އެފަދަ ހަމަލާއެއް ފަށައި، މެދު އިރުމަތި އިތުރަށް ހޫނުކުރަން ނޫޅެން ވެސް އޭނާ އެދިވަޑައިގަތެވެ. 

އީރާނުން ހަމަލާއެއް ދޭނެކަން ކަށަވަރުވުމުން ބައިޑަން ވަނީ ޗުއްޓީ ކުރުކުރައްވާފައި ވައިޓް ހައުސްއަށް ވަޑައިގެން ސަލާމަތީ ފަރާތްތަކާ އެކު ބައްދަލުވުމެއް މިރޭ ބާއްވައިފަ އެވެ.

ކޮންމެ ހާލަތަކަށް ވެސް ތައްޔާރު

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލް އޮތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށެވެ.

"މިދިއަ ހަފުތާތަކުގައި އިޒްރޭލުން ތައްޔާރުވަމުން މިއައީ އީރާނުން ދޭނެ ހަމަލާއަކަށް،" ގައުމާ މުހާތަބުކުރައްވާ ނަތަންޔާހޫ ވިދާޅުވި އެވެ.

"އަހަރެމެންގެ ދިފާއީ ނިޒާމް މިހާރު ވާނީ އެކަމަށް ތައްޔާރުވެފައި. އަހަރެމެން ކޮންމެ ކަހަލަ ހާލަތަކަށް ވެސް ތައްޔާރު. ދިފާއުވާން ވެސް އަދި ހަމަލާދޭން ވެސް."

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލަށް ގެއްލުމެއް ދޭ ކޮންމެ ބަޔަކަށް އިޒްރޭލުން ވެސް ގެއްލުންދޭނެ އެވެ.

މެދުއިރުމަތީގެ ހާލަތު ގޯހުން ގޯހަށް

މިއީ މެދުއިރުމަތީގައި ދެ ގައުމެއްގެ ދެމެދު ހަމަލާތަކެއް ފެށިދާނެ ކަމަށް ތަޖުރިބާކާރުން ބުނަމުން އައި ވާހަކަތައް ދިމާވުމެވެ. ކުރިން ނަމަ ހަނގުރާމަ އޮތީ އިޒްރޭލް އާއި ހަމާސްއާ ދެމެދުގަ އެވެ. އަދި ލުބުނާންގެ ހިޒުބުﷲއާ ދެމެދުގަ އެވެ.

ނަމަވެސް އިޒްރޭލަށް އަމާޒުކޮށް އެހެން ގައުމަކުން ހަމަލާއެއް ނުދެ އެވެ. އެހެންކަމުން އީރާންގެ މި ހަަމަލާއާ އެކު މެދުއިރުމަތީގެ ހާލަތު އަނެއްކާ ގޯހުން ގޯހަށް މިދިޔައީ އެވެ.

އީރާނުން އެއްވެސް ކަހަލަ ހަމަލާއެއް ދިނުމުން ދުރުކުރެވޭތޯ ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ވެސް އައީ ބާރުއަޅަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް