އޭޕްރިލް 10 ވަނަ ދުވަހު ސްޕެއިންގެ ޕާލިމަންޓުގައި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ތަގްރީރު ކުރައްވަނީ.

ސްޕެއިން

އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކަކީ ދުނިޔެއަށް އޮތް ނުރައްކަލެއް: ސްޕެއިންގެ ބޮޑުވަޒީރު

ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަނީ ފަލަސްތީންގެ ދައުލަތެއް ބަލައިގަންނާނެކަމަށް ބުނަމުން

ގާޒާ ހަނގުރާމައިގައި އިޒްރޭލުން ދެމުން އަންނަ "ނުބައްދަލު ހަމަލާތަކަކީ" ސަރަހައްދީ އަދި ބައިނަލްއަގްވާމީ ނުރައްކާތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމަށާއި ފަލަސްތީން ދައުލަތެއް ބަލައިގަތުމަކީ ޔޫރަޕުގެ "ސަރަހައްދީ ސިޔާސީ މަސްލަހަތުތަކާ ގުޅިފައިވާ" ކަމެއް ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ ދައުލަތެއް ބަލައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ސްޕެއިން އިން ބާރު އަޅަމުންދާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. ނަމަވެސް އިޒްރޭލު ސަރުކާރާއި އިޒްރޭލަށް ތާއީދު ކުރާ އެކުވެރި ގައުމުތަކުން އެކަމާ ދެކޮޅު ހަދަ އެވެ.

ފަލަސްތީންގެ ދައުލަތެއް ބަލައިގަތުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ މިދިޔަ މަހު ސަންޗޭޒް ވަނީ އަޔަލެންޑް، މޯލްޓާ އަދި ސްލޮވީނިއާގެ ބޮޑުވަޒީރުންނާ އެކު ގުޅިގެން ބަޔާނެއް ނެރުއްވާފަ އެވެ.

ސްޕެއިން ސަރުކާރުގެ ތަރުޖަމާނު ޕިލާރް އަލެގްރިއާ މިއަދު ވިދާޅުވިގޮތުގައި، ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ސަންޗޭޒް ބައެއް ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ނޯވޭ އާއި ޕޯޗުގަލް ހިމެނެ އެވެ.

އަދި ސަންޗޭޒް ވަނީ މިދިޔަ ހަފްތާގައި އުރުދުން، ސައުދީ އަރަބިއްޔާ އަދި ގަތަރަށް ކުރެއްވި ދަތުރުފުޅުގައި މިކަމާ ބެހޭގޮތުން އެ ގައުމުތަކުގެ ލީޑަރުންނާ މަޝްވަރާކޮށް، އަންނަ ޖޫން މަސް ނިމުމުގެ ކުރިން ފަލަސްތީނުގެ ދައުލަތެއް ސްޕެއިން އިން ބަލައިގަނެފާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. 

"ބައިނަލްއަގްވާމީ މުޅި މުޖުތަމައުއިން، އަހަރެމެން ޖެހޭ އދ.ގެ ނިޒާމުން ފަލަސްތީނަށް ލިބިދޭން ޖެހޭ މެމްބަރުކަން ފުރިހަމައަށް ބަލައިގަންނަން،" ގަތަރަށް ކުރެއްވި ދަތުރުފުޅުގައި އަލް ޖަޒީރާއަށް ސަންޗޭޒް ވިދާޅުވެފައިވެ އެވެ.

އަދި ސްޕެއިން އިން ވަކިން ފަލަސްތީނުގެ ދައުލަތެއް ގަބޫލުކޮށް އެކަމަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށާއި ސަބަބަކީ ފާއިތުވެ ދިޔަ 70 ވަރަކަށް އަހަރުތެރޭ ކަންކަން ހިނގާފައިވާ ގޮތާ ހިލާފަށް މިފަހަރު ކަންކަން ކުރިއަށް ކަނޑާ ތަފާތު ކުރުން ކަމަށް ސަންޗޭޒް ވިދާޅުވެފައިވެ އެވެ.

މީގެ 13 އަހަރު ކުރިން 2011ގައި އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް އެދި ހުށައެޅި ހުށައެޅުން އަލުން މުރާޖައާ ކޮށްދިނުމަށް އެދި ފަލަސްތީން އޮތޯރިޓީ (ޕީއޭ) އިން ވަނީ މިދިޔަ ހަފްތާގައި އދ.ގެ ސަލާމަތީ މަޖިލީހުގައި އެދިފަ އެވެ. ޕީއޭއަށް މިވަގުތު އދ.ގައި ދީފައި އޮންނަނީ 'ނޮން-މެބްބާ އޮބްޒާވާ' ގެ ދަރަޖަ އެވެ.

ޕީއޭގެ ހުށައެޅުމާ މެދު ވަކި ގޮތެއް އދ.ގެ ސެކިއުރިޓީ ކައުންސިލުން މިމަހު ނިންމާނެ އެވެ. ނަމަވެސް މި ކައުންސިލުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައި އޮތް އެމެރިކާއިން ބުނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ކަންތައްތައް ކުރަން ޖެހޭނީ އދ.ގައި ނޫން ކަމަށާއި އެ ކަމުގައި ހިމެނޭ ބައިވެރިންގެ މެދުގައި މަޝްވަރާކޮށްގެން ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ގެންދަވަނީ ގާޒާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށާއި ގާޒާއަށް ބޭނުންޖެހިފައިވާ އިންސަނީ އެހީގެ ސާމާނު ވެއްދުމަށާއި އަދި ހަމާސް އިން ރަހީނުކޮށްފައި ތިބި އިޒްރޭލު މީހުން މިނިވަން ކުރުމަށް ވެސް ތަކުރާރުކޮށް ގޮވާލައްވަމުން ނެވެ.

ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ ޔޫރަޕުގެ މަސްލަހަތުތަކުގައި ހިމެނޭ ކަމެއް ކަމަށް ސަންޗޭޒް ވިދާޅުވުމާ ގުޅޭ (ވީޑިއޯ/ފްރާންސް 24 އިންގްލިޝް)

މިއަދު ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވީ ހަމާސް އިން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލުން ދެމުން އަންނަ "ނުބައްދަލު ރައްދާ" އެކު "އެތައް އަހަރެއްގެ މަތިން ހެދިފައި އޮތް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ފުރޮޅާލެވި، މެދުއިރުމަައްޗާއި މުޅި ދުނިޔެ އިތުރަށް ހަލަބޮލިވުމުގެ ނުރައްކާ" ކުރިމަތިވެފައިވާ ކަމަށެވެ. 

ފަލަސްތީނުގެ ދައުލަަތެއް ބަލައިގަތުމުގެ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާތަކުގައި އަޔަލެންޑުން ފަށާނޭ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު މައިކަލް މާޓިން ވެސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް