ޕެނީ ވޮންގްގެ ކޮމެންޓުތައް އައިސްފައި މި ވަނީ އިނގިރޭސި ހާރިޖީ ވަޒީރު ވެސް މިމޭރުމުން ވާހަކަ ދައްކާފައި ވަނިކޮށް.

އޮސްޓްރޭލިޔާ

ފަލަސްތީން ދައުލަތެއް ބަލައިގަނެފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިއާއިން ދީފި

އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް މިހަފްތާގައި މަސައްކަތްތަކެއް ކުރިއަށް ދާނެ

ދާއިމީ ސުލްހައަކާ ހަމައަށް ވާސިލުވާން އެހީތެރިވުމަށް ފަލަސްތީނުގެ ދައުލަތެއް އޮސްޓްރޭލިއާއިން ބަލައިގަނެފާނެ ކަމުގެ އިޝާރާތެއް އެ ގައުމުގެ ހާރިޖީ ވަޒީރު ދެއްވައިފި އެވެ.

ނަމަވެސް އެ ދައުލަތް ހިންގުމުގައި ހަމާސް އަށް އެއްވެސް ރޯލެއް އޮވެގެން ނުވާނެކަމަށް ވަޒީރު ޕެނީ ވޮންގް ވިދާޅުވި އެވެ.

އޮސްޓްރޭލިއާ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި އަދި ޒަޔަނިސްޓް ފެޑެރޭޝަން އޮފް އޮސްޓްރޭލިއާ އިން ވޮންގްގެ މި ވާހަކަތަކާ ގުޅޭގޮތުން ބުނީ މިފަދަ ފިޔަވަޅެއް އެޅުން އަދި މާ އަވަސް ވާނެ ކަމަށެވެ.

ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަނެވޭނެ ހަމަ އެކަނި ގޮތަކީ 'ޓޫ ސްޓޭޓް ސޮލިއުޝަން' ހައްލާ އެކު ކަމަށް ކެންބެރާއިން ވަނީ ޒަމާންތަކެއް ވަންދެން ބުނަމުން އައިސްފަ އެވެ.

ނަމަވެސް ވޮންގްގެ ވާހަކަތައް އައިސްފައި މިވަނީ މިއަހަރު ކުރީކޮޅު އިނގިރޭސިވިލާތުގެ ވަޒީރު ޑޭވިޑް ކެމެރޮން ވެސް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. 

ފާއިތުވެ ދިޔަ މަދު މަސްތަކެއްގައި އޮސްޓްރޭލިއާާ ސަރުކާރުން އަންނަނީ ގާޒާ ހަނގުރާމައާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުން ނެވެ. އަދި އިޒްރޭލުގެ ހަމަލާއެއްގައި ގާޒާގައި އެހީ ދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ އޮސްޓްރޭލިއާ ރައްޔިތަކު ވެސް ވަނީ މަރުވެފަ އެވެ.

ރޭ އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ވޮންގް ދެއްވި ތަގްރީރެއްގައި އޭނާ ވިދާޅުވީ، ޒަމާންތަކެއް ވަންދެން ހިނގަމުން މިދާ ހަމަނުޖެހުން ނިމުމަކަށް ގެނެވޭނެ އުއްމީދެއް އޮތް ހަމަ އެކަނި ހައްލަކީ ވަކި ގައުމުތަކެއް ގޮތުގައި ފަލަސްތީނާއި އިޒްރޭލު ކައިރި ކައިރީގައި ގާއިމު ކުރުން ކަމަށެވެ. މި 'ޓޫ ސްޓޭޓް ސޮލިއުޝަން' އަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުން ތާއީދު ކުރާ ހައްލެކެވެ. 

ނަމަވެސް ފަލަސްތީނަށް ދައުލަތެއް ގާއިމު ކުރުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަށް އިޒްރޭލުގެ ނަތަންޔާހޫގެ ސަރުކާރުން ދެކޮޅު ހަދަމުން ދިޔުމަކީ މި މައްސަލައަށް މާޔޫސްކަމާއި ރުޅިވެރިކަން ގެނުވާ ކަމެއް ކަމަށް ވޮންގް ވިދާޅުވި އެވެ. 

"އެހެންކަމުން ދެ ގައުމުގެ ހައްލާ ދިމާލަށް ދަތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ދަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ މެދު ވިސްނަމުން،" ވޮންގް ވިދާޅުވި އެވެ.

ދުނިޔޭގެ ގާތްގަނޑަކަށް 140 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެވެ. ނަމަވެސް ފަލަސްތީން ބަލައިނުގަންނަ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

މިވަގުތު "އޮބްޒާވާ ގައުމެއްގެ" ދަރަޖަ ދީފައިވާ ފަލަސްތީނަށް އދ.ގެ އާންމު މަޖިލީހުގެ ފުރިހަމަ މެމްބަރުކަން ދިނުމާ މެދު އެ މަޖިލީހުގައި މި ހަފްތާގައި މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް