އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވުމަށް އިޒްރޭލުން ވަނީ އިތުރު ސިފައިން ނެރެފައި.
އީރާނުގެ ފަރާތުން އަތުވެދާނެ ކޮންމެ ފަދަ ބިރަކަށް ވެސް ތައްޔާރު: އިޒްރޭލް
ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ރައްދު ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައި ވަނިކޮށް، އެފަދަ ކޮންމެ ހަމަލާއަކަަށް ތައްޔާރަށް އޮތް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު އީރާނުގެ 7 ރެވޮލިއުޝަނަރީ ގާޑް އޮފިސަރުން މަރުވި ހަމަލާ ދީފައިވާ ކަމަށް ބެލެވިފައި ވަނީ އިޒްރޭލުން ނެވެ.
މި ހަމަލާއާ ގުޅޭ ގޮތުން އިއްޔެ ވާހަކަ ދައްކަވަމުން އީރާނުގެ އޮފިޝަލެެއް ވިދާޅުވީ އިޒްރޭލުގެ އެމްބަސީތައް މިހާރު ރައްކާތެރި ނޫން ކަމަށެވެ.
އީރާނުގެ އިންޒާރުތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ ފައުޖުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފަ އެވެ. އަދި އީރާނުގެ ރައްދު ހަމަލާއެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭ ފެނިގެން ދާނެކަމަށް ލަފާކޮށް އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އިޒްރޭލް އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ހާޒީ ހަލެވީ ވިދާޅުވީ އީރާނުން ދީފާނެ ހަމަލާއަކަށް އައިޑީއެފް (އިޒްރޭލް ޑިފެންސް ފޯސަސް) ތައްޔާރު ކަމަށެވެ.
"ދުރާއި ގާތުގައިވާ އީރާނުގެ ތަންތަނަށް އަހަރުމެންނަށް ހަރުކަށިކަން ދެއްކިދާނެ،" ހަލެވީ ވިދާޅުވި އެވެ.
ހޯމަ ދުވަހު ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީއަށް ދިން ހަމަލާއާ ގުޅޭގޮތުން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމެނީ އަށް ލަފާދެއްވާ ސީނިއާ އެޑްވައިޒަރު ޔަހްޔާ ރަހީމް ސަފާވީ ވިދާޅުވީ، އިޒްރޭލަށް ރައްދު ދިނުމަށް ތެހެރާންއަށް ހައްގެއް އޮތް ކަމަށެވެ.
"ޒަޔަނިސްޓުންގެ އެމްބަސީތައް މިހާރު އެއްގޮތަކަށް ވެސް ރައްކާތެރިއެއް ނޫން." އީރާނުގެ އިސްނާ ނޫސް އެޖެންސީއަށް ސަފާވީ ވިދާޅުވި އެވެ. ނަމަވެސް އީރާނުން ދޭނެ ރައްދަކާ ބެހޭ އެއްވެސް ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެ އެވެ.
އީރާނުގެ އެމްބަސީއަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރު ހަމަ އެ ދުވަހު ވިދާޅުވެފައި ވަނީ އިޒްރޭލުން "މި ހަމަލާއާ މެދު ހިތާމަ ކުރާނެ" ކަަމަށެވެ. އަދި ރައީސް އިބްރާހިމް ރައީސީ ވިދާޅުވީ މި ހަމަލާއަށް "ޖަވާބުދާރީ ނުވެ ނުދާނެ" ކަމަށެވެ.
އީރާނުގެ އިންޒާރުތަކާ ގުޅިގެން އައިޑީއެފް އިން ވަނީ ބައެއް ކަހަލަ ސިފައިންނަށް ޗުއްޓީތައް ދޫކުރުން ވެސް މަޑުޖައްސާލާފަ އެވެ. އަދި ކޮންމެ ފަދަ ހާލަތަކެއް ވެސް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންތައްތައް ނިންމާލާފައިވާ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންތު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވެސް ބައެއް ގައުމުތަކުގައި ހުރި އިޒްރޭލުގެ އެމްބަސީތައް ވެސް ހުސްކޮށްފައިވާ ކަމަށް ވެސް އިޒްރޭލުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އިޒްރޭލުގެ އާންމުންގެ މެދުގައި އުފެދިފައި އޮތް ބިރުވެރިކަން މައިތިރިކުރުމަށް ޖަނަރޭޓަރުތަކާއި ކާބޯތަކެއްޗާއި ބޭންކުގައި ހުރި ފައިސާތައް ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނެއް ވަނީ ވިދާޅުވެފަ އެވެ.
ދިމިޝްގުގެ އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ އިޒްރޭލުން ނަގާފައި ނުވި ނަމަވެސް ނަން ނުޖެހުމަށް އެދި ރޮއިޓާސް ނޫހަށް މައުލޫމާތު ދިން އިޒްރޭލް އޮފިޝަލެއް ވިދާޅުވީ، މި ހަމަލާގައި މަރުވި މީހުންނަކީ އިޒްރޭލާއި އެމެރިކާގެ މަސްލަހަތުތަކަށް ގިނަ ހަމަލާތަކެއް ދީފައިވާ އަދި ދޭން ރާވަމުން ދިޔަ ބައެއް ކަމަށެވެ.
އީރާނުގެ ރެވޮލިއުޝަނަރީ ގާޑްސް އިން ފަންޑުކޮށް ތަމްރީން ދީފައިވާ ސީރިއާގައި ހަރަކާތްތެރިވާ ގިނަ ގްރޫޕުތަކަކާ ދެކޮޅަށް އެތައް ސަތޭކަ ހަމަލާތަކެއް ދީފައިވާކަމަށް އިޒްރޭލުން ވަނީ މިހާތަނަށް ހާމަކޮށްފަ އެވެ.