ޕީޓާ ޕެލެގްރީނީ އަކީ ބޮޑުވަޒީރު ރޮބަޓް ފީކޯގެ އަރިސް ބޭފުޅެއް.

ސްލޮވާކިއާ

ރަޝިޔާއާ ރަހުމަތްތެރި ޕީޓާ ޕެލެގްރީނީ ސްލޮވާކިއާގެ ރައީސްކަމަށް އިންތިހާބުވެއްޖެ

ހުޅަނގާ ރަހުމަތްތެރި ސްލޮވާކިއާއިން މި ވަނީ ހައެއްކަ މަސްތެރޭގައި ރަޝިޔާއާ ރަހުމަތްތެރި ވެރިން އިންތިހާބު ކޮށްފައި

ސްލޮވާކިއާގެ ރައީސްކަމަށް، އާންމުންގެ ބޮޑު ތަރުހީބެއް އޮތް އަދި ރަޝިޔާއާ ރަހުމަތްތެރި ބޭފުޅެއްކަމުގައިވާ 48 އަހަރުގެ ޕީޓާ ޕެލެގްރީނީ އިންތިހާބުވެވަޑައިގެންފި އެވެ.

ސްލޮވާކިއާގެ ރިޔާސީ އިންތިހާބު ޕެލެގްރީނީ ކާމިޔާބު ކުރައްވާފައި މިވަނީ ހުޅަނގާ ރަހުމަތްތެރި ވިސްނުމެއް ގެންގުޅުއްވާ އައިވަން ކޮރްޗޮކްއާ ވާދަކުރައްވައި ވޯޓުގެ %53 ހޯއްދަވައިގެންނެވެ. 

ކުރިން ސްލޮވާކިއާގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ޕެލެގްރީނީ އަކީ މިހާރުގެ ބޮޑުވަޒީރު ރޮބަޓް ފީކޯއާ އަރިސް އަދި ރަޝިޔާއާ މެދު ފީކޯ ގެންގުޅުއްވާ ވިސްނުން ހިއްސާ ކުރައްވާ ބޭފުޅެކެވެ.

ފީކޯ އާއި އޭނާއަށް ބައިއަތު ހިފާފައިވާ ސިޔާސީ ލީޑަރުން މިހާރު ގެންދަނީ ސްލޮވާކިއާގެ ޕާލިމަންޓާއި ސަރުކާރު ކޮންޓްރޯލު ކުރަމުންނެވެ. އަދި ޕެލެގްރީނީއަށް މި ލިބުނު ކާމިޔާބީއާ އެކު ރައީސް އޮފީހުގެ ކޮންޓްރޯލު ވެސް އެ މީހުންނަށް ލިބޭނެ އެވެ.

ޔޫކްރެއިނަށް ފޮނުވަމުންދާ އަސްކަރީ ހަތިޔާރުތައް ހުއްޓުވާނެ ކަމަށް ވައުދުވެވަޑައިގެން ސްލޮވާކިއާގެ ބޮޑުވަޒީރުކަމާ ފީކޯ ހަވާލުވެވަޑައިގަތީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން ސްލޮވާކިއާ އަކީ ޔޫކްރެއިނުގެ ދިފާއުގައި އެންމެ ހަރު އަޑުން ޔޫރަޕުގައި ވާހަކަ ދައްކަމުން އައި އެއް ގައުމެވެ. ނަމަވެސް ފީކޯ ބޮޑުވަޒީރުކަމަށް ވަޑައިގަތުމާއި އަދި މިހާރު ޕެލެގްރީނީ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމާ އެކު ޔޫރަޕާއި ނޭޓޯގައި ޔޫކްރެއިނަށް ތާއީދުކޮށް ވަކާލާތު ކޮށްދޭނެ ބައިވެރިއަކު މިވަނީ ގެއްލިގެން ގޮސްފަ އެވެ.

ހުޅަނގުން ޔޫކްރެއިނަށް ދެމުން އަންނަ އަސްކަރީ އެހީތެރިކަން ހުއްޓާލާ، ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ވެސް ވަގުތުން ހުއްޓާލާ މޮސްކޯއާ އެކު މަޝްވަރާތައް ފެށުމަށް ފީކޯ ވަނީ ގޮވާލައްވާފަ އެވެ. އަދި ހުޅަނގުން ރަޝިޔާގެ ރައީސް ބޭއިންސާފުކޮށް ސިފަކުރަމުން ދަނީ ނުލަފާ ބޭފުޅެއްގެ ގޮތުގައި ކަމަށާއި ޔޫކްރެއިން ނޭޓޯއަށް ވެއްދުން ވެގެން ދާނީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފެށުން ކަމަށް ވެސް ފީކޯ ވަނީ އިންޒާރު ދެއްވާފަ އެވެ.

ޕެލެގްރީނީ ވެސް ވަނީ ކެމްޕެއިން ކުރެއްވި އިރު މޮސްކޯއާ ރަހުމަތްތެރި ވާހަކަތަކެއް ދައްކަވާފަ އެވެ. އިދިކޮޅުން ވާދަކުރެއްވި ކޮރްޗޮކް އަކީ ހަނގުރާމައަށް ފޯރި ހުންނަ ބޭފުޅެއް ކަމަށާއި އޭނާ ހޮވައިފި ނަމަ ސްލޮވާކިއާ ސިފައިން ޔޫކްރެެއިނަށް ހަނގުރާމައަށް ފޮނުވާނެ ކަމަށް ޕެލެގްރީނީ ވިދާޅުވެފައި ވެ އެވެ. ނަމަވެސް އެއީ ސްލޮވާކިއާގެ ގާނޫނުގެ ދަށުން ރައީސް އަށް ލިބިވަޑައިގެންފައިވާ ބާރެއް ނޫނެވެ. 

އިދިކޮޅު އަދި ހުޅަނގާ ރަހުމަތްތެރި ސިޔާސީ ފަރާތްތަކުން ވަނީ ފީކޯގެ ސަރުކާރުން ގައުމުގެ ޖިނާއީ އަދުލުގެ ނިޒާމު ފުނޑުފުނޑު ކުރަމުން ދާއިރު ޕެލެގްރީނީ އެއްޗެއް ވިދާޅުނުވާތީ އޭނާއަށް ފާޑުކިޔާފަ އެވެ. ފީކޯގެ ސަރުކާރުން ވަނީ ކޮރަޕްޝަން އާއި އިގްތިސާދީ ސީރިއަސް މައްސަލަތައް ބެލުމަށް މީގެ 20 އަހަރުކުރިން ގާއިމުކޮށްފައި ހުރި ސްޕެޝަލް ޕްރޮސެކިއުޓާސް އޮފީސް ވެސް އުވާލައިފަ އެވެ.

މި އޮފީހުން ވަނީ ބޮޑުވަޒީރު ފީކޯ ނިސްބަތްވާ ސްމާ ޕާޓީގެ ސީނިއާ އޮފިޝަލުންތަކެއްގެ މައްޗަށް ކުރިން ތަހުގީގުތަކެއް ކޮށްފަ އެވެ. އަދި ތަހުގީގީ ނޫސްވެރިއެއް ކަމުގައިވާ ހާން ކުޗިއަކް އާއި އޭނާގެ ލޯބިވެރިޔާ 2018 ގައި މަރާލި މައްސަލަ ވެސް ތަހްގީގުކޮށް އެކަމުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލުމަށް ތައްޔާރުވި އެވެ.

ކުޗިއަކް މަރާލި މައްސަލައާ ގުޅިގެން ސްލޮވާކިއާގެ ސިޔާސީ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނުވައި އޭރު ވެސް ބޮޑުވަޒީރުކަމުގައި ހުންނެވި ފީކޯގެ މަގާމު ގެއްލުނެވެ. 

ރަޝިޔާއާ ރަހުމަތްތެރި ޕީޓާ ޕެލެގްރިނީ ސްލޮވާކިއާގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅޭ (ވީޑިއޯ/ފްރާންސް 24 އިންގްލިޝް)

ރޮބަޓް ފީކޯގެ ސަރުކާރުން މިހާރު ދަނީ ބްރޯޑްކާސްޓު ކުރާ ޕަބްލިކް ކުންފުނި އުވާލައި އެފަދަ އެހެން ކުންފުންޏެއް އުފައްދައި ސީދާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ހިންގުމަށް ވިސްނަމުންނެވެ. 

މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި މީޑިއާ ކުންފުނިތައް ވެރިމީހާގެ ދަށަށް ގެނެސް، ކެމްޕެއިން ތެރޭ ދޮގު ވާހަކަތައް ފެތުރުމަކީ ރަޝިޔާ ފަދަ ގައުމުތަކުގައި އާދައިގެ މަތިން ކަންކަން ހިނގާ ގޮތެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް