އާމް އާދްމީ ޕާޓީއަށް ނިސްބަތްވާ ސަޕޯޓަރުން ވެރިރަށް ދިއްލީގައި ހުންނަ ރާމްލީލާ ބިމުގައި މުޒާހަރާ ކުރަނީ.

އިންޑިއާ

އިދިކޮޅު ލީޑަރަކު ހައްޔަރުކުރުމާ ގުޅިގެން އިންޑިއާގަައި ބާއްވަމުންދާ އެއްވުންތައް ކުރިއަށް

އިންތިހާބާ ދިމާކޮށް އިންޑިއާ ސަރުކާރުން އުނދަގޫ ކުރަމުންދާ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ތުހުމަތުކޮށްފައި

އިންޑިއާގެ އާންމު އިންތިހާބު ފެށުމަށް މަދު ހަފްތާތަކަކަށް ވެފައި ވަނިކޮށް އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ހައްޔަރުކުރުމާ ގުޅިގެން ވެރިރަށް ނިއު ދިއްލީގައި އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް އެއްވުންތަކެއް ބާއްވައިފި އެވެ.

ވެރިރަށް ދިއްލީގެ ޗީފް މިނިސްޓަރު މަގާމުގައި ހުންނެވި އަރްވިންދް ކެޖްރިވާލް ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ އަކީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ގިނަ ޕާޓީތަކެއް އެކުވެގެން އުފައްދާފައިވާ އިއްތިހާދުގެ އިސް ލީޑަރެކެވެ.

ކެޖްރިވާލްގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ރާ ވިއްކުމުގެ ލައިސަންސްތަކެއް ޕްރައިވެޓް ކުންފުނިތަކަކަށް ދޫކުރި އިރު ރިޝްވަތު ނެންގެވި ކަމަށެވެ. ކެޖްރިވާލް މާދަމާގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް އިންޑިއާގެ ކޯޓަކުން ވަނީ ބުރާސްފަތި ދުވަހު އަމުރުކޮށްފަ އެވެ.

ކެޖްރިވާލްގެ މައްޗަށް އުފުލާފައިވާ ތުހުމަތުތައް އޭނާ ދޮގުކުރައްވާފައި ވާއިރު އޭނާ ނިސްބަތްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އިން ވަނީ މިއީ ސިޔާސީ ބޭނުމެއްގައި ހިންގާ ކުޅިގަނޑެއް ކަމަށް ބުނެފަ އެވެ.

ކެޖްރިވާލް ހައްޔަރުކުރި އިންޑިއާގެ މާލީ ތަހްގީގުތައް ހިންގާ މައި އިދާރާ އެންފޯސްމަންޓް ޑައިރެކްޓޮރޭޓް (އީޑީ) އިން އަންނަނީ އިތުރު ހަތަރު ޗީފް މިނިސްޓަރަކާއި އެ މީހުންގެ އާއިލާގެ މައްޗަށް ވެސް ތަހްގީގުތަކެއް ހިންގަމުންނެވެ. ގާތްގަނޑަކަށް މި ހުރިހާ ތަހްގީގުގެއް ވެސް ހިންގަމުން އަންނަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއާ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށެވެ.

މިއަދު ވެރިރަށް ދިއްލީގައި އޮތް މުޒާހަރާގައި އިދިކޮޅު 'އިންޑިއާ' އިއްތިހާދުގައި ހިމެނޭ ގިނަ ޕާޓީތަކެއްގެ ލީޑަރުން ވަނީ ތަގްރީރު ކުރައްވާފަ އެވެ.

"ގައުމު މިސްރާބު ޖަހާފައި މިވަނީ ހުދުމުހުތާރުކަމާ ދިމާލަށް،" މަހަރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ، ޝިވް ސޭނާ ޕާޓީގެ ލީޑަރު އުއްދަވް ތަކެރޭ ވިދާޅުވި އެވެ. "އެންމެ މީހެއްގެ މައްޗަށް ހިންގަމުންދާ ސަރުކާރު މިދަނީ ގައުމު ހަލާކާ ދިމާލަށް ދުއްވާލަމުން."

ބިހާރް ސްޓޭޓުގެ އިދިކޮޅު ލީޑަރު ތެޖާޝްވީ ޔަދާވް ވިދާޅުވީ ބޮޑުވަޒީރު މޯދީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ ފައިދާއަށް ކަމަށެވެ.

"މިއަދު މިއީ އަހަރެން ބައިވެރިވާ ތިންވަނަ މުޒާހަރާ. އަދި އަހަރެން ބުނެލަން ބޭނުންވަނީ ކޮންމެ ތަނަކަށް އަހަރެމެން ދިޔަޔަސް އާންމުންގެ ތާއީދު އެބަ ލިބެޔޭ. އަހަރެމެން އެންމެން ނުކުމެ މިތިބީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް،" ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ އިންފްލޭޝަން އާއި ވަޒީފާތައް ނެތުންކަން ފާހަގަ ކުރައްވަމުން ޔަދާވް ވިދާޅުވި އެވެ.

"މި ހަނގުރާމަ އަހަރެމެން ކުރާނަން އަދި ކާމިޔާބު ހޯދާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާގެ ފަރާތުން ތަގްރީރު ކުރެއްވި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑީ ރާޖާ ވިދާޅުވީ، ސަރުކާރުން އިދިކޮޅު ޕާޓީތަކަށް ގޮންޖެހުމަށް އީޑީ އާއި އިންކަމް ޓެކުހާއި އެހެނިހެން އިދާރާތައް ބޭނުން ކުރަމުންދާ ކަމަށެވެ.

އިންޑިއާގައި މިއަދު ކުރިއަށް ގެންދިޔަ އެއްވުންތަކާ ގުޅޭ (ވީޑިއޯ/ވިއޯން)

އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ފެށޭ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން މޭ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ބިލިއަނެއްހާ ރައްޔިތުން އެބަތިއްބެވެ. މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މިފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރާނީ ހިންދޫންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ މޯދީގެ ބީޖޭޕީއިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް