ފަލަސްތީނުގެ ސަރަހައްދުތަކަށް އދ. އިން ކަނޑައަޅާފައި ހުންނެވި ސްޕެޝަލް ރެޕަޓުއާ ފްރެންސެސްކާ އަލްބަނީސް.

އދ

އިޒްރޭލުން ގާޒާގައި ހިންގާ ގަތުލުއާންމާ ބެހޭ ރިޕޯޓާ އެކު އިންޒާރު ލިބުނު: އދ.ގެ މާހިރެއް

އދ. ގެ ސްޕެޝަލް ރެޕަޓުއާގެ ނެރުއްވި މި ރިޕޯޓަށް އިޒްރޭލުން ވަނީ ވަރުގަދައަށް ފާޑުކިޔާފައި

ގާޒާގައި ހިނގަމުން އަންނަ ހަނގުރާމައިގައި އިޒްރޭލުން ގަތުލު އާންމެއް ހިންގާ ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް ހުރިކަމަށް ބުނެ  ނެރުނު ރިޕޯޓަކާ ގުޅިގެން އިންޒާރުތަކެއް ލިބުނު ކަމަށް އދ.ގެ  މާހިރެއް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ ފްރެންސެސްކާ އަލްބަނީސް "އެނެޓޮމީ އޮފް އަ ޖެނޮސައިޑް" ގެ ނަމުގައި ރިޕޯޓެއް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް އަށް ހުށައެޅީ އަންގާރަ ދުވަހު އެވެ. 

އިޒްރޭލުން ވަނީ މި ރިޕޯޓު "އެއްގޮތަކަށް ވެސް ބަލައިނުގަންނަ" ކަމަށް ބުނެފަ އެވެ.

އދ.ގެ ގާނޫނުތަކުގައި ގަތުލު އާންމެއް ކަމަށް  ބެލެވޭ ފަސް ކަމެއްގެ ތެރެއިން ތިން ކަމަކާ އިޒްރޭލުން ހިލާފުވެެފައިވާ ކަމުގެ ސާފު ހެކިތައް ފެންނަން ހުރި ކަމަށް އަލްބަނީސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ރިޕޯޓާ ގުޅިގެން އިންޒާރުތައް ލިބިވަޑައިގަންނަވާތޯ ސުވާލުކުރުމުން އަލްބަނީސް ވިދާޅުވީ، "އާނ، އަހަންނަށް އިންޒާރުތައް ލިބޭ. އެކަމު ހާއްސަ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް އަހަންނަށް ފެންނަ އިންޒާރެއް އަދި ލިބިފައެއް ނުވޭ. އަހަންނަށް ޕްރެޝަރު އެބަ އޮތްތަ؟ އާނ، އެކަމު އޭގެ ސަބަބުން އަހަރެން މިކުރާ ކަމަށް ބަދަލެއް ނާންނާނެ، އަދި އަހަރެންގެ މަސައްކަތުގެ ނަތީޖާތަކަށް ބަދަލެއް ނާންނާނެ،" ކަމަށެވެ.

ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ މަގާމަށް 2022 ވަނަ އަހަރު އައްޔަން ކުރެވުނު އަލްބަނީސް އޭނާއަށް ލިބިވަޑައިގެންނެވި އިންޒާރު ތަކާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.

"ވަރަށް އުނދަގޫ ދަނޑިވަޅެއް މިދަނީ. އަހަރެން މި މަގާމު ފުރަން ފެށިފަހުން އަހަންނަށް އަބަދު ވެސް ހަމަލާތައް އާދޭ." އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ އުފެދުމަށާއި ގައުމެއްގެ ގޮތުގައި އިޒްރޭލުން ދެމިއޮތުމަށް ގާނޫނީ އަސާސެއް ނެތް ކަމަށް ވިދާޅުވެ އަލްބަނީސް ހަމަލާ ދެއްވަމުން ގެންދަވާ ކަމަށް އިޒްރޭލުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ތުހުމަތުތައް އަލްބަނީސް ދޮގުކުރައްވަ އެވެ.

އަލްބަނީސް ވިދާޅުވިގޮތުގައި އޭނާ ހެއްދެވި ދިރާސާތަކުން، ފަލަސްތީން ރައްޔިތުންގެ މައްޗަށް ގަތުލުއާންމެއް ހިންގުން ސައްހަކަމަށް ދެއްކުމަށް އިޒްރޭލުގެ އަސްކަރީ ލީޑާޝިޕް އާއި ސިފައިން އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމުގެ ޒިންމާތައް ގަސްދުގައި ދޫކޮށްލާފައިވާކަން ވަނީ ފާހަގަ ވެފަ އެވެ.

"މި ސިޔާސަތުން އަހަންނަށް ނަގައިގަނެވޭ ހަމަ އެކަނި އެއްޗަކީ ގާޒާގައި ތިބި ފަލަސްތީން ރައްޔިތުންގެ މައްޗަށް ގަތުލުއާންމެއްގެ އަނިޔާތައް ބާލާލުމުގެ ސިޔާސަތެއް އިޒްރޭލުން ގެންގުޅުން،" އަލްބަނީސް ވިދާޅުވި އެވެ.

އަދި 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީން ރައްޔިތުން ނަސްލީ ގޮތުން ފޮހެލުމަށް "ހިންގަމުން އަންނަ ނަކްބާ" ހުއްޓާލުމަށް ވެސް އަލްބަނީސް ގޮވާލެއްވި އެވެ.

އިޒްރޭލުން ގަތުލުއާންމެއް ހިންގަމުންދާކަމަށް އަލްބަނީސް ރިޕޯޓު ކުރައްވަނީ (ވީޑިއޯ/އެންބީސީ ނިއުސް)

އަލްބަނީސްގެ ރިޕޯޓުގައި "ގަތުލުއާންމު" މި ބަސް ބޭނުންކޮށްފައި ވާތީ ސްވިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ އިޒްރޭލުގެ މިޝަން އިން ވަނީ އެކަން ކުށްވެރިކޮށް، އިޒްރޭލުން ހަނގުރާމަ ކުރަމުން ދަނީ ހަމާސްއާ ދެކޮޅަށް ކަމަށާއި، ފަލަސްތީނު އާންމުންނާ ދެކޮޅަށް ނޫން ކަމަށް ބުނެފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކާ ގުޅޭ ތަހްގީގުތައް ހިންގާ، އެ ހޯދުންތައް ރިޕޯޓް ކުރުމަށް އދ.ގައި އަލްބަނީސް ފަދަ ގިނަ މާހިރުންތަކެއް މަސައްކަތް ކުރައްވަ އެވެ. ނަމަވެސް މި މަގާމުތައް ފުރުއްވާ ބޭފުޅުން ހުށައަޅުއްވާ ރިޕޯޓުތަކާ ވިދާޅުވާ ބަސްފުޅުތަކަކީ އދ.ގެ ޖުމްލަ ވިސްނުމެއް ރަމްޒުކޮށްދޭ ކަމެއް ނޫނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް