އދ. ގެ ސަލާމަތީ މަޖިލީސް.

އިޒްރޭލް

ވޯޓާ ގުޅިގެން އިޒްރޭލުން ވޮޝިންޓަންގެ ބައްދަލުވުން ކެންސަލްކޮށްފި

ގާޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލާއި އެމެރިކާއާ ދެމެދު އުފެދިފައި އޮތް ހިޔާލުތަފާތުވުންތައް އަންނަނީ އިތުރުވަމުން

ގާޒާ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހުނު ގަރާރު އެމެރިކާއިން ވީޓޯ ނުކުރުމުން ވޮޝިންޓަނާ އެކު ބާއްވަން އޮތް ބައްދަލުވުމެއް އިޒްރޭލުން ކެންސަލްކޮށްފި އެވެ.

ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ރަހީނުން ދޫކޮށްލުމަށް ވެސް ގޮވާލާ މި ގަރާރު ފާސްވެގެން ގޮސްފައި މިވަނީ މީގެ ކުރިން މިފަދަ ގިނަ ގަރާރުތަކެއް ފާސްކުރުމަށް މަސައްކަތް ކޮށް ފޭލުވެފައި ވަނިކޮށެވެ.

މި ގަރާރު ފާސްވުމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެމެރިކާއިން ކުރިން ގެންގުޅު ސިޔާސަތު ދޫކޮށްލާފައިވާ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުން މިދަނީ ގާޒާގައި ބަނޑަށްޖެހުމުގެ ހާލަތެއް މެދުވެރިވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގޮވާލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ހަމާސް-އިޒްރޭލު ހަނގުރާމަ ފެށުނު ފަހުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ  ތިން ގަރާރެއް އެމެރިކާއިން ވަނީ މިހާތަނަށް ވީޓޯކޮށްފަ އެވެ. އިތުރު ދެ ގަރާރެއް ޗައިނާ އާއި ރަޝިޔާއިން ވެސް ވީޓޯކޮށްފައިވެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ހޯމަ ދުވަހު ވޯޓަށް އެހުނު ގަރާރަށް 15 މެމްބަރުންގެ ތެރެއިން 14 މެމްބަރަކު ތާއީދުކޮށްފައިވެ އެވެ. އެމެރިކާއިން މި ވޯޓުގައި ވަކިކޮޅަކަށް ވޯޓުދީފައި ނުވާއިރު، އިނގިރޭސިވިލާތުން ވޯޓުދީފައި ވަނީ މި ގަރާރު ފާސްކުރުމަށެވެ.

ރޯދަމަހުގެ ބާކީ އޮތް ދެ ހަފްތާއަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލާ އެއްވެސް ޝަރުތަކާ ނުލާ ރަހީނުންތައް މިނިވަން ކުރުމަށް ގޮވާލާ މި ގަރާރާ މެދު ނަތަންޔާހޫ މައްސަލަ އުފެއްދެވީ ރަހީނުން ދޫކުރުމުން ނޫނީ ހަމަލާތައް ދިނުން ހުއްޓާ ނުލުމަށް ޝަރުތުކޮށްފައި ނެތުމުން ނެވެ. 

"މިއަދުގެ ގަރާރުން އަހަރުމެންގެ ރަހީނުން މިނިވަންކުރުމާ ނުލާ ބައިނަލްއަގްވާމީ ޕްރެޝަރާ ހެދި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރު ކުރެވިދާނެކަމަށް ހަމާސް އަށް އުއްމީދު ލިބިގެންދާނެ،" ނަތަންޔާހޫގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

އަދި "އެމެރިކާގެ ސިޔާސަތައް އައިސްފައިވާ މި ބަދަލާ އެކު" އިޒްރޭލުގެ ވަފުދަކުން މި ހަފްތާގައި އެމެރިކާއަށް ކުރަން އޮތް ދަތުރު ކުރިއަކަށް ނުގެންދާނެ،" ކަމަށް އެ ބަޔާނުގައިވެ އެވެ.

އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ ގާޒާގެ ދެކުނުގައި އޮތް ރަފާ ސިޓީއަށް އިޒްރޭލު ސިފައިން ވަދެގަތުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ. މިފަދަ އޮޕަރޭޝަނެއް ހިންގުމާ ދެކޮޅަށް ގިނަ ގައުމުތަކުން އަޑުއުފުލާފައި ވާއިރު އެމެރިކާއިން ވެސް އަންނަނީ މިކަމާ ދެކޮޅަށް އިންޒާރު ދެމުން ނެވެ. 

އަދި މިފަދަ އޮޕަރޭޝަނަކާ ގުޅިގެން ފަލަސްތީނުގެ އާންމުން އިތުރަށް މަރުވުމުގެ ބިރު އޮތް ކަމަށާއި މިއީ ހަމާސް ނައްތާލުމަށް އޮތް ގޮތެއް ނޫން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުގެ ވަފުދު އެމެރިކާއަށް ކުރަން އޮތް ދަތުރު ކެންސަލް ކުރުމުން އެކަމާ ހިތާމަކުރާ ކަމަށާއި، ނަމަވެސް ރަފާއަށް ވެދަގަތުން ވާނީ ބޮޑު ގޯހަކަށް ކަމަށް  އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންތު އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަންއާ އެކު ބާއްވަން އޮތް އެހެން ބައްދަލުވުމެއް ކުރިއަށް ދާނެކަމަށް ކާބީ ފާހަގަ ކުރެއްވި އެވެ.

އެެމެރިކާގެ ބައްދަލުވުން ކުރިއަށް ނުގެންދިޔުމަށް ނިންމި ނިންމުމަށް އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައާ ލާފިދު ވަނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ފާޑުވިދާޅުވެފަ އެވެ.

"އިޒްރޭލަށް ގޯސް. ސަލާމަތަށް ގޯސް، އިގްތިސާދަށް ގޯސް،" ސޯޝަލް މީޑިއާ އެކްސްގައި ލާފިދު ލިޔުއްވާފައިވެ އެވެ. 

"ބައެއް ފަހަރު އެމެރިކާ އަށް ވެސް ނޫނެކޭ ބުނަން ޖެހޭ. އިޒްރޭލަކީ މިނިވަން ގައުމެއް އަދި އަހަރުމެންގެ ދިފާއުއަށް މަސައްކަތް ކުރަން އެހެން ބައެއްގެ ހުއްދައެއް ބޭނުމެއް ނުވޭ. [ނަމަވެސް] މިފަދަ ދެބަސްވުންތައް ރަނގަޅީ ބަންދު ކޮޓަރީގައި ކުރިއަށް ގެންދިޔުން."

ވޯޓާ ގުޅިގެން އިޒްރޭލުން ވޮޝިންޓަންގެ ބައްދަލުވުން ކެންސަލް ކުރުމާ ގުޅޭ (ވީޑިއޯ/ޑަބްލިއުއާރްއޭއެލް)

އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތައް ބެލެވިފައި އޮންނަނީ އެއަށް އަމަލުކުރުމަށް ގާނޫނީގޮތުން މެމްބަރު ގައުމުތަކަށް ލާޒިމުވާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ގަރާރަށް އިޒްރޭލުން އަމަލުކުރުމަށް ލާޒިމުވާކަމަށް ނުދެކޭ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް