ގާޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ހުރިހާ އަސީރުން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި.

ގާޒާ ހަނގުރާމަ

ގާޒާ ހަނގުރާމަ ހުއްޓާލަން އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

އެމެރިކާއިން ވީޓޯ ނުކުރުމުން ފާސްވި ގަރާރުގައި ވަނީ ހަނގުރާމައިގެ ހުރިހާ އަސީރުން މިނިވަން ކުރުމަށް ވެސް ގޮވާާލާފައި

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ އޮކްޓޫބަރު 2023ގައި އެ ހަނގުރާމަ ފެށި ފަހުން އދ. ސަލާމަތީ ކައުންސިލުން މިގޮތަށް ގޮވާލި ފުރަތަމަ ފަހަރެވެ.

ތަފްސީލު - އދ.ގެ އެ ގަރާރު ފާސްވީ މީގެ ކުރިއާ ހިލާފަށް މިފަހަރު އެމެރިކާއިން އެ ގަރާރު ވީޓޯ ނުކުރުމުންނެވެ. އެ ގަރާރު ފާސްކުރަން ނެގި ވޯޓުގައި އެމެރިކާއިން ބައިވެރިއެއް ނުވެ އެވެ. ބާކީ 15 ގައުމުން ވެސް ވޯޓުދިނީ ގަރާރު ފާސްކުރުމަށެވެ.

ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމުގެ އިތުރަށް ހަނގުރާމައިގެ ހުރިހާ އަސީރުން މިނިވަން ކުރުމަށް ވެސް އެ ގަރާރުގައި ގޮވާާލާފައިވެ އެވެ.

މިއީ އިޒްރޭލުން ގާޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ މެދު އެމެރިކާއިން ގެންގުޅޭ ވިސްނުން ބަދަލުވަމުން އަންނަ ކަމުގެ އިޝާރާތެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި އެމެރިކާގެ ފަހުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އަދި މި ހަފްތާގައި އެމެރިކާގެ އޮފިޝަލުންނާ އެކު ވޮޝިންޓަންގައި ބާއްވަން އޮތް ބައްދަލުވުމެއް ނަތަންޔާހޫ ވަނީ ކެންސަލްކުރައްވައިފަ އެވެ.

ހަމާސްއިން ހިފަހައްޓާފައިވާ އަސީރުން ދޫނުކުރާހާ ހިނދަކު ގާޒާއަށް ހަމަލާދިނުން ނުހުއްޓާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން މި ގަރާރު ފާސްކުރުމާ އެކު ހަމާސްއިން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އަސީރުން ބަދަލުކުރުމަށް މިހާރު ވެސް ތައްޔާރެވެ. އަދި އެކަން ކުރާނީ އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހުން ދޫކޮށްލާ މަތިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް