އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި ތަންތަނުން ނުނިކުތުމަށް ކީވްގެ މޭޔަރު ވަނީ އިލްތިމާސް ކުރައްވާފައި.

ޔޫކްރެއިނުގެ ކީވްއަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ދީފި

ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތައް ރަޝިޔާއިން ވަނީ މި ހަފްތާގައި ވަރުގަދަކޮށްފައި

ޔޫކްރެއިނުގެ ވެރިރަށް ކީވް އާއި އިތުރު އެހެން ސަރަހައްދުތަކަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ.

ޔޫކްރެއިނުގެ ހުޅަނގު ބޯޑަރު ކައިރީ އޮންނަ ލުވިއު ސިޓީ އަށް ވެސް ރަޝިޔާގެ ހަމަލާތައް އަރާފައި ވާއިރު، ރަޝިޔާއިން ފޮނުވާލި އެއް މިސައިލު ޕޯލެންޑުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ޕޯލެންޑު އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ކީވް އަށް އަމާޒުކޮށް ރަޝިޔާއިން ބޮން އަޅަން ފަށާފައި ވަނީ މިއަދު ފަތިހު 5 ޖަހާކަން ހާއިރެވެ. އަދި މި ހަމަލާތައް ހުއްޓުވުމަށް ވައިގެ ދިފާއީ ނިޒާމްތައް ހަރަކާތްތެރިވި ކަމަށް ޔޫކްރެއިން އަސްކަރިއްޔާއިން ބުނެ އެވެ.

ވެރިރަށް ކީވްގެ އަސްކަރީ ކަންތައްތައް ބަލަހައްޓާ އިދާރާގެ ވެރިޔާ ސަރްހީ ޕޮޕްކޯ ވިދާޅުވިގޮތުގައި، ކީވްގެ މަތިން ރަޝިޔާގެ 12 ވަރަކަށް މިސައިލް ވަނީ ގޮއްވާލައިފަ އެވެ. އަދި މި ހަމަލާތަކާ ގުޅިގެން އެއްވެސް މީހަކު މަރުވިކަމުގެ ނުވަތަ އަނިޔާވި  ކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ޕޮޕްކޯ ޓެލެގްރާމްގައި ވިދާޅުވެފައިވެ އެވެ.

ލުވިއުގެ މޭޔަރު އަންދްރީ ސަދޮވްޔީ ޓެލެގްރާމްގައި ލިޔުއްވިގޮތުގައި އެ ސިޓީއަށް އެއްވެސް މިސައިލެއް އަރާފައެއް ނުވެ އެވެ. ނަމަވެސް ލުވިއު އޮންނަ ސަރަހައްދުގައި ހުންނަ އުމްރާނީ ތަރައްގީގެ މުހިންމު ތަންތަނަށް އަމާޒުކޮށް 20 މިސައިލު ހަމަލާ އާއި ހަތް ޑްރޯން ހަމަލާ ރަޝިޔާއިން ވަނީ ފޮނުވާލާފަ އެވެ.

ރަޝިޔާގެ ބޮން އަޅާ ބޯޓުތަކުން ދޭން ފެށި ކްރޫޒް މިސައިލް ހަމަލާތަކާ އެކު މުޅި ޔޫކްރެއިން އެކީ އެލާޓަށް ގެނެސްފައިވެ އެވެ.

ރަޝިޔާގެ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ވެރިރަށް ކީވްގެ އާންމުން މެޓްރޯ ސްޓޭޝަންތަކުގައި ހިމާޔަތް ހޯދައިގެން ތިބި މަންޒަރުތަކުގެ ފޮޓޯތައް ދަނީ ދައުރުވަމުން ނެވެ.

ޔޫކްރެއިނުގެ ވެރިރަށް ކީވް އަށް ރަޝިޔާއިން މިދިޔަ ހަފްތާގައި ދިން ހަމަލާތަކާ ގުޅޭ (ވީޑިއޯ/ޑީޑަބްލިއު ނިއުސް)

ރަޝިޔާއިން ޔޫކްރެއިނަށް މިއަދު ފަތިހު ހަމަލާތަކެއް ދީފައި މިވަނީ ހުކުރު ދުވަހު ޔޫކްރެއިނުގައި ހުންނަ ޑޭމް އަކަށް ވެސް ރަޝިޔާ އަސްކަރިއްޔާއިން ހަމަލާދީ ޔޫކްރެއިނުގެ މިލިއަނެއްހާ އާންމުން ކަރަންޓުން މަހްރޫމް ކޮށްލާފައި ވަނިކޮށެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް