ކޮންގްރެސް ޕާޓީގެ އިސް ލީޑަރުން ކަމަށްވާ ސޯނިއާ ގާންދީ، މައްލިކަރްޖުން ކަރްގެ އަދި ރާހުލް ގާންދީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި

އިންޑިއާ

މޯދީ އިންޑިއާގެ ޓެކްސް އޮފީސް ބޭނުންކުރައްވަނީ އިދިކޮޅަށް އުނދަގޫކުރަން: ސޯނިއާ ގާންދީ

ޑިމޮކްރަސީ ހިމާޔަތް ކުރުމުގެ ޒިންމާ އޮތް އެއްވެސް މުއައްސަސާއަކުން އެ ވާހަަކަ ނުދައްކާ ކަމަށް ވެސް ކޮންގްރެސް ޕާޓީން ބުނި

އަންނަ މަހު އިންޑިއާގައި ފަށާ އާންމު އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕާޓީތަކަށް އުނދަގޫ ކުރުމުގެ ގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ޓެކްސް އޮފީސް ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ތުހުމަތުކޮށްފި އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ސޯނިއާ ގާންދީ ވިދާޅުވީ "މާލީ ގޮތުން ޕާޓީ ހުއްޓުވާލަން ނިޒާމީ ހަރަކާތެއް" ސަރުކާރުން ފަށާފައިވާ ކަމަށެވެ.

އިންޑިއާގެ ޓެކްސް އިދާރާއިން ވަނީ ކޮންގްރެސް ޕާޓީގެ 2.1 ބިލިއަން ރުޕީސް (25 މިލިއަން ޑޮލަރު) ފްރީޒު ކޮށްފައިވާ ކަމަށާއި، މިއީ "ހިޔާލަށް ވެސް ނުގެނެވޭ އަދި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު" ފިޔަވަޅެއް ކަމަށް ކޮންގްރެސްއިން ބުންޏެވެ.

ކޮންގްރެސް ޕާޓީގެ މި ތުހުމަތުތަކަށް ބީޖޭޕީ އާއި ޓެކުހާ ބެހޭ ޑިޕާޓްމަންޓް އިން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.

ކޮންގްރެސް ޕާޓީން މި ތުހުމަތުތައް ކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޗީފް މައްލިކަރްޖުން ކަރްގެ، ސޯނިއާ ގާންދީ، ރާހުލް ގާންދީ އަދި ޕާޓީގެ ހަޒާންދާރު އަޖޭ މަކެން އެވެ.

ހަތް ހަރުފަތަކަށް ބަހާލެވިފައިވާ އިންޑިއާގެ އާންމު އިންތިހާބު ކުރިއަށް ދާނީ އޭޕްރިލް މަހުގެ މެދުތެރެއިން މޭ މަހުގެ ނިޔަލަށެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ޕާޓީންނެވެ. 

ކޮންގްރެސް ޕާޓީގެ ބޭންކް އެކައުންޓުތައް ޓެކުހާ ބެހޭ ޑިޕާޓްމަންޓް (އައިޓީ) އިން ހިފަހައްޓާފައިވާ ކަމަށް އެ ޕާޓީން ފުރަތަމަ ހާމަކުރީ މިދިޔަ މަހު އެވެ. އަދި މިއަދު އެ ޕާޓީގެ ހަޒާންދާރު މަކެން ވިދާޅުވި ގޮތުގައި، ހިފަހައްޓާފައިވާ އެކަންޓުތަކުގެ އަދަދު 11 އަށް އަރާއިރު ފައިސާގެ ޖުމްލަ އަދަދު 2.1 ބިލިއަން ރުޕީސްއަށް އަރަ އެވެ. 

"މިއީ އިންޑިއާ ނެޝަނަލް ކޮންގްރެސްގެ އެކައުންޓުތައް ހިފެހެއްޓުމެއް ނޫން، މިއީ އިންޑިއާގެ ޑިމޮކްރަސީ ހިފެހެއްޓުން،" ސޯނިޔާ ވިދާޅުވި އެވެ.

އައިޓީއިން މި ފިޔަވަޅު އަޅާފައި ވަނީ ޓެކުހާ ބެހޭ އިދާރާތަކަށް 1.4 މިލިއަން ރުޕީސް ދައްކަން އޮތުމުން ކަމަށް މަކެން ފާހަގަކުރެއްވި އެވެ.

"އިންކަމް ޓެކްސް ދެއްކުމުން ސިޔާސީ ހުރިހާ ޕާޓީތަކެއް އިސްތިސްނާވޭ. ދެން ކީއްވެ ކޮންގްރެސްއަށް ފިޔަވަޅު އަޅަންވީ؟"

މި ފިޔަވަޅާ ގުޅިގެން އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހަރަކާތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ކަރްގެ ވިދާޅުވި އެވެ.

"ދިމުގްރާތީ ނިޒާމު ރައްކާތެރިކުރުމުގެ ޒިންމާ ހުރި މުއައްސަސާތަކެއް އެބަހުރި މި ގައުމުގައި. އެކަމަކު އެއްވެސް ކޯޓަކުން އެއްޗެއް ނުބުނޭ. އިލެކްޝަންސް ކޮމިޝަނުން އެއްޗެއް ނުބުނޭ، އެހެން އެއްވެސް މުއައްސަސާއަކުން އެއްޗެއް ނުބުނޭ. މީޑިއާއިން މި މައްސަލައިގެ ވާހަކައެއް ނުދައްކާ،" ރާހުލް ވިދާޅުވި އެވެ. 

ކޮންގްރެސް ޕާޓީގެ ލީޑަރުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލީ ގޮތުން އެ ޕާޓީ ފިއްތާލާފައި މިވަނީ، އިންޑިއާ ސަރުކާރުން މީގެ ހަ އަހަރު ކުރިން ފެށި އަދި މިދިޔަ މަހު ސުޕްރީމް ކޯޓުން އެއީ ގާނޫނު ހިލާފު ކަމެއް ކަމަށް ކަނޑައެޅި އިލެކްޓޯރަލް ބޮންޑު ޕްރޮގްރާމްގެ ސަބަބުން ބީޖޭޕީއަށް ފައިދާތަކެއް ކޮށްފައި ވަނިކޮށެވެ.

މޯދީ ސަރުކާރުން އެ ޕްރޮގްރާމް ފެށީ ސިޔާސީ ޕާޓީތަކަށް ހަދިޔާކުރާ ފައިސާގެ ދެފުށް ފެންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ ސްކީމުގެ ދަށުން ކާކުކަން ނޭނގޭ ގޮތަށް ފައިސާގެ އެހީތެރިކަން ދޭން ފުރުސަތު ފަހިވެ އެވެ. މި ސްކީމުގެ ދަށުން ލިބިފައިވާ ހުރިހާ ފަައިސާއެއްގެ ތަފްސީލު އާންމުކޮށް ހާމަކުރަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފަ އެވެ.

އެ ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 އިން 2024އާ ދެމެދު ބޮންޑުން 120 ބިލިއަން ރުޕީސް ބީޖޭޕީއަށް ލިބިފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް