ދުނިޔޭގެ އެކި ހިސާބުތަކުގައި ކުދިން ހޯދާ މީހުންގެ ނިސްބަތް ދަނީ ދަށަށް.

އާބާދީ

މި ގަރުނު ނިމޭއިރު ހުރިހާ ގައުމެއްގެ އާބާދީ ދާނީ މަދުވަމުން: ދިރާސާ

ބޮޑެތި އިގްތިސާދުތައް ހިފަހައްޓާލުމަށް ހިޖުރަކުރާ މީހުންނަށް އޮންނަ ވާދަވެރިކަން ބޮޑުވާނެ ކަމަށް މި ދިރާސާގައި ބުނެފައިވޭ

މި ގަރުނު ނިމޭއިރު ގާތްގަނޑަކަށް ހެން ހުރިހާ ގައުމެއްގައި ކުދިން ވިހަމުންދާ ނިސްބަތް އެގައުމެއްގެ އާބާދީ ހިފަހައްޓާލެވޭ މިންވަރަށް ވުރެ ދަށްވާނެ ކަމަށް ބޮޑު ދިރާސާއަކުން އިންޒާރު ދީފި އެވެ.

ލެންސެޓްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ މި ދިރާސާގައި އަންދާޒާކޮށްފައިވާ ގޮތުގައި، ދުނިޔޭގެ 204 ގައުމުއްގެ ތެރެއިން 198 ގައުމެއްގެ އާބާދީ 2100 ވަނަ އަހަރާ ހަމައަށް އަންނަ އިރު ދާނީ ދަށްވަމުން ނެވެ. 

އަދި އެ ހިސާބަށް ދާއިރު ދުނިޔޭގައި ވިހާ ކޮންމެ ދެ ކުއްޖަކުން އެއް ކުއްޖަކު ވިހަމުން ދާނީ އެފްރިކާ ފަގީރު ސަރަހައްދުތަކުގައި ކަމަށް ވެސް އެ ދިރާސާ ރިޕޯޓުގައިވެ އެވެ.

މި ގަރުނު ނިމޭ އިރު އާބާދީ އިތުރުވާ ހަމަ އެކަނި ގައުމުތަކަކަށް އޮންނާނީ ސޮމާލިއާ، ޓޮންގާ، ނައިޖާ، ޗާޑު، ސަމޮއާ އަދި ތަޖިކިސްތާނު ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ އިންސްޓިޓިއުޓް ފޮ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) ގެ މި ދިރާސާގައިވެ އެވެ.

"ގޮންޖެހުންތައް ވަރަށް ބޮޑު. މުސްތަގުބަލުގައި ދަރިން ވިހާ ނިސްބަތާ އެކު ދުނިޔޭގެ އިގްތިސާދާއި ބައިނަލްއަގްވާމީ ބާރު ބަދަލުކޮށްލާނެ އަދި މުޖުތަމައުތައް ބަދަލުކުރުމަށް މަޖުބޫރު ވާނެ،" އައިއެޗްއެމްއީގެ ލީޑް ރިސާޗް ސައިންޓިސްޓް އަދި މި ދިރާސާގެ ކޯ ލީޑް ނަތާލިއާ ވީ ބައްޓަޗަރްޖީ ވިދާޅުވި އެވެ.

"އެފްރިކާގައި ކުދިން ވިހާ ނިސްބަތް އިތުރުވަމުން ދިޔުމާއި އިގްތިސާދުތައް ހިފަހައްޓާލުމަށް ހިޖުރަކުރާ މީހުން ހޯދުމަށް އޮތް ވާދަވެރިކަމާ އެކު މީހުން ގެނައުމަށް ހުރި ގޮންޖެހުންތަކާއި ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދޭ ނެޓްވޯކުތަކަށް ދޭ މުހިންމުކަން އިތުރުވެގެން ދާނެ."

އާބާދީއަށް އަންނަ ބަދަލުތަކާ ގުޅިގެން އިގްތިސާދުތައް ހިފަހައްޓާލުމަށް މުއްސަނދި ގައުމުތަކަށް ގޮންޖެހުމަކަށް ވެގެން ދާއިރު ފަގީރު ގައުމުތަކަށް ގޮންޖެހުންތައް ދިމާވާނީ އާބާދީ އިތުރުވަމުން ދިޔުމުން ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

"ދަރިމައިވާ ނިސްބަތް އެންމެ މަތީ އެފްރިކާގެ ފަގީރު ގައުމުތަކަށް އޮތް ބޮޑު ހުރަހަކަށް ވާނީ އާބާދީ އިތުރުވަމުން ދިޔުމުން ކުރިމަތިވާ ގޮންޖެހުންތަކާއި އިންސާނީ ކާރިސާތައް މެނޭޖު ކުރުން،" އައިއެޗްއެމްއީގެ އެސިސްޓަންޓް ޕްރޮފެސާ އަދި ކޯ ލީޑް އޯތާ އޮސްޓިން އީ ޝޫމޭކާ ވިދާޅުވި އެވެ.

މިއާ އެކު މި ސަރަހައްދުގައި މޫސުމީ ކާރިސާތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ދަށް ކުރުމަށާއި ބޭސްފަރުވާގެ ހިދުމަތް ރަނގަޅުކޮށް، ވިހާއިރު ކުދިން މަރުވާ ނިސްބަތް މަދުކޮށް، ފަގީރުކަން މަދުކޮށް، އަންހެނުންނަށް ދަރިމައިވުމުގެ ހައްގުތައް ދީ، އާއިލާ ރޭވުމާއި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ހާއްސަ އަހައްމިއްޔަތެއް ކޮންމެ ސަރުކާރަކުން ވެސް ދޭން މުހިންމުކަމަށް މި ރިޕޯޓުގައި ގޮވާލާފައިވެ އެވެ.

މި ދާރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ 1950 އިން 2021 އާ ދެމެދު ހަދާފައިވާ ސާވޭތަކާއި، ބޯހިމެނުމުގެ ރިޕޯޓުތަކާއި އަދި އެހެނިހެން މައުލޫމާތުތައް ބޭނުންކޮށްގެން ނެވެ. އަދި މިއީ 150 ގައުމެއްގެ 8،000 އަށް ވުރެ ގިނަ ސައިންސްވެރިން އެތައް އަހަރުތަކެއް ވަންދެން  އެކުގައި ހަދަމުން އަންނަ 'ގްލޯބަލް ބާޑަން އޮފް ޑިޒީސަސް، އިންޖަރީސް އެންޑް ރިސްކް ފެކްޓާސް' ދިރާސާގެ ބައެކެވެ.

ކޮމެންޓް (1)

ރޭޓު

21 މާރިޗު 2024
އުފަންވާ ރޭޓު ދަށްވުމަކީ ގައުމެއްގެ އިގްތިސޯދަށް ވަރަށް ބޮޑު ގެއްލުމެއް. އުފަންވާ ރޭޓު ދަށްވާ ސަބަބު އެންމެނަށްވެސް އެގޭ، އެކަމަކު އެ ވާހަކަ ދެއްކުން މަނާ، ނޫނީ ދައްކައިފިއްޔާ ކުށްވެރިވޭ. އަންހެނުން ވަޒީފާތަކަށް ނެރުން އިތުރުވާ ވަރަކަށް އުފަންވާ ރޭޓު ދާނީ ހަމަ ދަށްވަމުން.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް