ރަޝިޔާގެ ރައީސް ވްލަޑަމިއާ ޕޫޓިން.

ރަޝިޔާ

ރަޝިޔާގެ ރައީސްކަމަށް އަނެއްކާވެސް ޕޫޓިން: ދެން ވާނީ ކިހިނެއް؟

ރަޝިޔާގައި ޑިމޮކްރަސީ ނެތަސް ވެރިކަމުގައި ޕޫޓިން ހުންނެވުމުން ލިބޭ ފައިދާތަކެއް އެބަހުރިތަ؟

ފަސޭހަައިން ހަގީގަތަކަށް ވާނެ އަންދާޒާއެއް ކޮށްލަން ބޭނުންވާ ނަމަ ރަޝިޔާގެ ރިޔާސީ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ރައީސް ވްލަޑިމިއާ ޕޫޓިން ކާމިޔާބު ކުރައްވާނެ ކަމަށް އަންދާޒާ ކުރުމަކީ ރަނގަޅު ތަމްރީނަކަށް ވާނެ އެވެ.

ފާލު ބަލާކަށް ނުވަތަ ފަލަކީ އިލްމުން ތަރިތައް ބަލައި އެކަން ވާނެތޯ ނުވަތަ ނުވާނެތޯ ބަލާކަށް ވެސް ނުޖެހެ އެވެ.

އާދީއްތަ ދުވަހު ނިމުނު ރަޝިޔާގެ ރިޔާސީ އިންތިހާބުގައި %87 ވޯޓު ޕޫޓިން ވަނީ ކާމިޔާބު ކުރައްވާފަ އެވެ. މިއާ އެކު ޕޫޓިންގެ ފަސްވަނަ ދައުރަކުން ދުނިޔެއަށް ފެނިގެންދާނީ ކޮންކަމެއް ބާވަ އެވެ؟ 

ޕޫޓިންގެ ފަސްވަނަ ވާޝަންގައި، މިހާރު ފެންނަމުން މިދާ ހަތަރުވަނަ ވާޝަންއާ އަޅާބަލާއިރު މާ ބޮޑު ތަފާތެއް ނެތުން އެކަށީގެންވެ އެވެ.

ބަލަން ތިބޭ މީހުން އާޝޯހުކޮށްލާ ފަދަ ހަރަކާތަކާ އެކު ޖާދޫގަރެއް ކުއްލިއަކަށް ބާޒެއް ކޮތަރަކަށް ބަދަލުކޮށްލާނެ ކަމަށް އުއްމީދު ނުކުރާށެވެ. 

ޕޫޓިންގެ ފަސްވަނަ ދައުރެއްގައި ވެސް ފުރުސަތު ބޮޑީ ރަޝިޔާގެ އެތެރެ އާއި ބޭރުގައި ކްރެމްލިން އިން ހިންގަމުންދާ ހަމަނުޖެހުންތަކާއި ފާޑުކިޔާ މީހުން އަޑު ކަނޑުވާލުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާތަން ފެނިގެން ދިޔުމެވެ. 

މީގެ މާނައަކީ ޔޫކްރެއިނު އުދުވާން ކުރިއަށް ގެންދިޔުމެވެ. އަދި ހުޅަނގާ ދެކޮޅަށް ހަރުކަށި އެޖެންޑާއެއް ގެންގުޅުމެވެ. އަދި ގައުމުގެ އެތެރޭގައިވާ މީޑިއާތަކާއި އިންޓަނެޓުގެ ފުރިހަމަ ކޮންޓްރޯލު ނަގާފައިވާ ކްރެމްލިން އިން ޕޫޓިންގެ އެޖެންޑާ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމެވެ. މަޑުމަޑުން ރަޝިޔާ އަކީ އަސްކަރީ މުޖުތަމައައުއަކަށް ބަދަލުކޮށްލުމެވެ. 

އެންމެ ފަރުދަކަަށް ގައުމެއްގެ ހުރިހާ ބާރެއް ލިބުމަކީ އެ ގައުމެއްގެ އާންމުންނަށް ބިރުވެރި ކަމެކެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ ގައުމެއްގެ ހުރިހާ ބާރެއް އެންމެ މީހަކަށް ލިބުމަކީ މުޅި ދުނިޔެއަށް ހުރި ބިރެކެވެ. ދެވަނަ ބޮޑު ހަނގުރާމަގައި ޖަރުމަނުގެ ނާޒީންނާއި ހިޓްލަރަށް ލިބިފައި އޮތް ބާރުން އަހަރެމެންނަށް ވަނީ ގިނަ ފިލާވަޅުތަކެއް ލިބިފަ އެވެ. 

މީގެ 30 ވަރަކަށް އަހަރު ކުރިން ކުރީގެ ރޫސީވިލާތް ރޫޅުމާ އެކު އުފެދިގެން ދިޔަ ރަޝިޔާގައި 1990ގެ އަހަރުތަކުގައި އޮތް ގާނޫނީ ހުސްކަމާ އެކު އެ ގައުމުގެ އަގުހުރި އެތައް ބިލިއަން ޑޮލަރެއްގެ ވަސީލަތްތައް ވަނީ ވަކިވަކި މަދު ފަރުދުންނަށް 'ފިޔާ ކިލޯއެއް ވިއްކާ' އަގަށް ކޮރަޕްޝަން ތެރެއިން ވިއްކާ ހުސްކޮށްފަ އެވެ.

އޭރު ރަޝިޔާގެ ސިޓީތަކުގެ ސަރުކާރުތަކުގެ މަތީ މަގާމެއްގައި ހުރި މީހަކު ވެއްޖެއްޔާ ފައިސާ ކޮޅަކަށް ދިޔައީ ވިކެމުންނެވެ. ކުރިން ރޫސީވިލާތުގެ ޖާސޫސީ އިދާރާ ކޭޖީބީގައި އޮފިސަރަކަށް މަސައްކަތް ކުރެއްވި ޕޫޓިން 1990ގެ ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައި ވަނީ ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ސެއިންޓް ޕީޓާސްބާގްގެ މޭޔަރުގެ އޮފީހުގަ އެވެ. 

ރޫސީވިލާތުގެ ޖާސޫސީ އިދާރާގައި ޕޫޓިން މަސައްކަތް ކުރެއްވި އިރުގެ ފޮޓޯއެއް.

މި އޮފީހުގައި މަސައްކަތް ކުރެއްވި އިރު ޕޫޓިން އާއި އޭނާއާ ގުޅުން ބާއްވަމުން ދިޔަ ވިޔަފާރިވެރިންގެ މުއްސަނދިކަން ދިޔައީ އިންތިހާ މައްޗަށް އަރަމުންނެވެ. މޭޔަރުގެ އޮފީހުން ހޯއްދެވި ތަޖުރިބާތަކާ އެކު ރަޝިޔާގެ ބޮޑުވަޒީރުކަމާއި އަދި އޭގެ އަހަރެއް ފަހުން 2000 ވަނަ އަހަރު ރަޝިޔާގެ ރައީސްކަން ޕޫޓިން ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

ރައީސްކަމާ ޕޫޓިން ހަވާލުވެވަޑައިގަތުމުގެ އަހަރެއް ކުރިން ރަޝިޔާގެ އެކި ސަރަހައްދުތަކުގެ އެޕާޓްމަންޓުތަކުގައި ބޮން ގޮއްވުމުގެ ގިނަ ހާދިސާތަކެއް ހިނގާ އެތައް ބަަޔަކު ވަނީ މަރުވެފަ އެވެ. މި ހާދިސާތަކާ ގުޅިގެން ރަަޝިޔާގެ ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިޔަ އެވެ. އަދި އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި ޕޫޓިން ވަނީ މިކަމުގެ ފަހަތުގައި ތިބީ ޗެޗްނިޔާގެ ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރައްވައި ޗެޗްނިޔާއާ ދެކޮޅަށް ހަނގުރާމައެއް ފައްޓަވާފަ އެވެ.

ނަމަވެސް މި ބިރުވެރި ހާދިސާތައް ތަހްގީގު ކުރި މިނިވަން ނޫސްވެރިން މި އަމަލުތަކުގެ ތުހުމަތު އަޅުވާފައި ވަނީ ޕޫޓިންގެ އިސްތަށިފުޅުގަ އެވެ. މިއީ ޕޫޓިން އޭނާއާ އެކުވެރި ޖާސޫސީ އިދާރާގެ ފަރާތްތަކާ ގުޅިގެން ހިންގެވި ކަމެއް ކަމަށާއި، މީގެ ބޭނުމަކަށްވީ އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދަވައި އެ ބިރުވެރިކަމުން އެމީހުން މިންޖު ކުރެއްވުމަށް ބަތަލެއްގެ ގޮތުގައި ޕޫޓިން ނުކުންނެވުން ކަމަށް ގިނަ ނޫސްވެރިން ތުހުމަތުކޮށްފައި ވެ އެވެ. 

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ސެޕްޓެމްބަރު 9 1999ގައި އެޕާޓްމަންޓެއް ގޮއްވާލާފައި: މި ހާދިސާތަކުގެ ފަހަތުގައި ހުންނެވީ 'ބަތަލެއްގެ ގޮތުގައި ނުކުންނެވި' ޕޫޓިން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައި

އާދައިގެ މަތިން، މިފަދަ ތުހުމަތުތައް ކުރި ނޫސްވެރިންގެ ވާހަކަތައް ރަޝިޔާގައި މާ ބޮޑަށް އަޑުއިވެގެން ގޮސްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ނޫސްވެރިން ވަނީ ބޭރުގެ މީޑިއާތަކާ މި ހޯދުންތައް ހިއްސާކޮށްފަ އެވެ.

ކޮންމެއަކަސް 2000 ވަނަ އަހަރު ޕޫޓިން ރަޝިޔާގެ ރައީސްކަމާ ހަވާލުވެވަޑައިގަތެވެ.  ރަޝިޔާގައި ހަގީގަތުގައި ވެސް އެންމެ ބާރު ގަދައީ  މުއްސަނދި މަހުޖަނުންކަން ޕޫޓިން އަށް އޮތީ ރަނގަޅަށް އެނގިވަޑައިގެންފަ އެވެ. މިއާ އެކު ރައީސްކަމުގެ ފުރަތަމަ ދައުރުގައި މުއްސަނދިން އޭނާއަށް ކިޔަމަންތެރި ކުރެއްވުމަށް ޕޫޓިން ވަނީ ބައެއް މަހުޖަނުން ހައްޔަރު ކުރައްވައިފަ އެވެ. 

ޕޫޓިން އެ މީހުންނަށް ދެއްވި އިންޒާރު ވަރަށް ސާފެވެ. އެމީހުން ހިންގަމުން  ދިޔަ ކޮރަޕްޝަންގެ ކަންތައްތައް އެނގޭ ކަމަށް ވިދާޅުވެ، އެފަދަ ހަރަކާތްތަކުން ލިބޭ ފައިދާގެ ރަނގަޅު މިންވަރެއް ބައި އެޅުމަށް ޕޫޓިން އަމުރު ކުރެއްވި އެވެ. މިކަން ނުކޮށްފި ނަމަ ދެން ވާ ގޮތް ބަލަން ތިބުމަށް ވިދާޅުވި ފަދަ އެވެ.

ފުރަތަމަކޮޅުގައި އެ މަހުޖަނުންތައް ޕޫޓިންގެ އަޑު އައްސަވާފައެއް ނުވެ އެވެ. ދެން ފެންނަން ފެށީ މާ ނުބައި މަންޒަރެކެވެ. ބައެއް މަހުޖަނުން ޖަލަށްލާ، ދެން ތިބި ބަޔަކު ގޮތް ނޭނގޭ ގޮތްގޮތަށް މަރުވެ، އިތުރު ބަޔަކު ރަޝިޔާއިން ފިލަން މަޖުބޫރުވެ އެ މީސްމީހުންގެ ވިޔަފާރިތައް ވެސް ލޯމަތިން ގެއްލެން ފެށި އެވެ. މިއާ އެކު މުއްސަނދިކަމުގައި ދެމިތިބެން ބޭނުންވާ މަހުޖަނުން ޕޫޓިންގެ އަމުރުތަކަށް ބޯލަނބަން ފެށި އެވެ. 

ރަޝިޔާގެ އެންމެ މުއްސަނދި މަހުޖަނު މިކެއިލް ކޮރްދޯކޮވްސްކީ ޕޫޓިންއާ 2002 ވަނަ އަހަރު ބައްދަލު ކުރައްވަނީ: ކޮރްދޯކޮވްސްކީ ވަނީ 2003 ގައި ޖަލަށް ލާފައި އަދި އޭނާގެ މުއްސަނދިކަން ވަނީ ނެތިގޮސްފައި.

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމުގެ ފުރިހަމަ ކޮންޓްރޯލު ހޯދުމުގެ ފުރަތަމަ ބައި ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޕޫޓިން ވަނީ ކާމިޔާބު ކުރައްވާފަ އެވެ. 

ރަޝިޔާ އާބާދީގެ ބޮޑު ބަޔަކީ އެތައް ޒަމާނެއް ވަންދެން ވެރިން ދައްކާ ގޮތަކަށް ވެރިން ބުނާ ހުރިހާ އެއްޗެއް ގަބޫލުކޮށްގެން އުޅެން އާދަވެފައިވާ ބަޔެކެވެ. ވެރިންގެ ކުރިމަތީގައި ނުކިޔަމަންތެރިކަން ދެއްކުމަކީ ރަޝިޔާގެ ސަގާފަތުގައި މާ ބޮޑަށް ހަރުލާފައި އޮތް ކަމެއް ނޫނެވެ. 

ރޫސީވިލާތް ރޫޅި ރަޝިޔާ ހަމަޖެހޭ ގައުމެއްގެ ގޮތުގައި ހިނގައިގަންނަން ނެގި 10-15 ވަރަކަށް އަހަރު ތެރޭގައި އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވީ ޕޫޓިން އެވެ. ދުނިޔޭގެ ހުޅަނގުގައި ހުރި ގައުމުތަކުން ހުޅުވާލެވިފައިވާ އިގްތިސާދަކާ އެކު ޑިމޮކްރަސީގެ އުސޫލުތައް ބާރަށް ކުރިއަށް ނެރެމުން ދިޔަ ދުވަސްވަރެއްގައި އެ ޑިމޮކްރަސީތަކަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް ލިބި އާންމުންގެ އިލްމާއި ހުނަރު ދިޔައީ މުއްސަނދިވަމުންނެވެ. މިއާ ހިލާފަށް ގަދަފަދަ ރަޝިޔާ ބަން ކިޔާފައި ދިޔައީ ހުއްޓުމަކަށެވެ.  

ގައުމުގެ ގުދުރަތީ ވަސީލަތްތައް ވިއްކައިގެން ލިބޭ ފައިސާތައް މަދު ބައެއްގެ ޖީބުތަކަށް ވަދެ، ރަޝިޔާގެ ކުރިއެރުމާއި ތަރައްގީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ފިރުކެން ފެށި އެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ ތަސައްވުރު ފެނި އެކަން ތަޖުރިބާ ކުރި ރަޝިޔާ ރައްޔިތުން އެނބުރި ގައުމަށް އައިސް އެ ވާހަކަތައް ދައްކައި ސަރުކާރަށް ފާޑުކިޔަން ފެށުމުން އެމީހުންގެ އަޑުތައް ކްރެމްލިން އިން ކަނޑުވާލަން ފެށި އެވެ.  އާންމުންނަށް ހިލަމެއް ވާނޭ ގޮތަކަށް ނޫނެވެ. އެއް ދުވަހަކު އެވެނިމިވެނި ތަނެއްގައި ހުއްޓައި އެ މީހަކު ގެއްލޭ ގޮތަށެވެ. ނުވަތަ ގުދުރަތީ ގޮތުން މަރުވާ ފަދަ ގޮތަކަށެވެ. ނުވަތަ ހަމަ އެފަދަ މީހުން މަތީ އިމާރާތްތަކުން ވެއްޓުން ފަދަ އެކްސިޑެންޓުތައް ހިނގަނީ އެވެ. 

ރަޝިޔާ ސަރުކާރުން ހިންގާ މިފަދަ ކަންކަން އޭރު ގައުމުގެ ގިނަ އާންމުންނަކަށް ނޭނގެ އެވެ. މިހާރު ވެސް ނޭނގެ އެވެ. އޭރު އާންމުންނަށް މިކަން ނޭނގުނީ މުޅި ދުނިޔެއަށް އިންޓަނެޓާއި ޓެކްނޮލޮޖީތައް ފެތުރިގެން ދިޔަ އިރު ރަޝިޔާއަށް އެ ހަލުވިމިނުުގައި އެ ތަރައްގީ އައިސްފައި ނެތުމުންނެވެ. މިހާރު އާންމުންނަށް އެކަން ނޭނގެނީ ހަބަރުތަކާއި މީޑިއާތަކާއި އިންޓަނެޓުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ކްރެމްލިންގެ އަތުގައި ކަމަށް ވުމުންނެވެ.  

މިހާރު ހަލުވިމިނުގައި ދުނިޔެއަށް އަންނަ ތަރައްގީތަކާއި ގިނަ އުފެއްދުންތަކާއި ހޯދުންތައް އިއުލާނު ކުރަމުން ދަނީ ހުޅަނގުގެ ގައުމުތަކުންނެވެ. ރަޝިޔާގެ ސިނާއަތްތައް އޮތީ މަކުނުވާ އަޅައި ހިރަފުސް ބޯވެފައި ކަހަލަ ގޮތަކަށެވެ. މިކަމުގެ ވަރަށް ކުޑަ އެއް މިސާލަކީ ރަޝިޔާއިން މިދިޔަ އަހަރު ހަނދަށް ޖައްވީ އުޅަނދެއް ފޮނުވަން މަސައްކަތް ކުރި މިޝަން އެވެ. އެ މިޝަން ރަޝިޔާއަށް ފޭލުވި އިރު، އެއޮތް ބާރު ކުޑަ އިންޑިއާއިން ވަނީ ހަަމަ އެ ހަފްތާގައި ކާމިޔާބުކަމާ އެކު ހަނދަށް އުޅަނދެއް ތިރިކޮށްފަ އެވެ. އަދި ޖަޕާނުން ވަނީ އެކަން މި އަހަރު ކާމިޔާބުކޮށްފަ އެވެ. 

ރަޝިޔާއިން 2023 ގައި ހަނދަށް އުދުއްސާލި ރޮކެޓު: މިއީ 50 އަހަރު ފަހުން ރަޝިޔާއިން ހަނދަށް ފޮނުވަން މަސައްކަތް ކުރި ފުރަތަމަ މިޝަން. މި މިޝަން ވަނީ ލަދުވެތި ގޮތަކަށް ފޭލުވެފައި.

މި މިސާލުން ލިބޭ ފިލާވަޅު ވަރަށް ސާފެވެ. ގައުމެއް ކުރިއަރާނީ އެ ގައުމެއްގައި ތިބި އެންމެ ތައުލީމީ އުފެއްދުންތެރި އަދި ވިސްނުންތެރި މީހުން ކުރިއަރުވައިގެންނެވެ. އެފަދަ މީހުންނަކީ އާންމުކޮށް ސަރުކާރުތަކާ ދެކޮޅަށް އަޑު އުފުލާ މީހުންނެވެ. އެކަމަކު ވެސް އެފަދަ މީހުންނަށް ހިޔާލު ފާޅުކުރުމާއި ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ގޮވާލުމުގެ އިހްތިޔާރު އޮންނަން ޖެހެ އެވެ. ރަޝިޔާގައި ނަމަ ކިޔަވައިގެން ހުރި ދުރު ވިސްނޭ ހުޝިޔާރު މީހަކު ވެއްޖެޔާ އުޅެނީ ގައުމުން ނުކުމެވޭތޯ އެވެ. 

ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ތަރައްގީގެ ގޮތުން ހުރި ތަފާތުތައް މީގެ މަދު އަހަރުތަކެއް ފަހުން އަންތަރީސްވާހާ ބޮޑުވާނެކަމީ ކަށަވަރު ކަމެކެވެ. މިއޮތް ފަދަ ކުޑަ ރާއްޖޭގައި ވެސް އަހަރަކު ބޮލަކަށް ޖެހޭ އާމްދަނީ މިހާރު އުޅެނީ ރަޝިޔާއަށް ވުރެ އެންމެ %20 ދަށުގަ އެވެ. ގުދުރަތީ ގޮތުން އެހާ މުއްސަނދި އެއޮތް ބޮޑު ރަޝިޔާއާ އަޅާ ބަލާއިރު އެވެ. 

ރަޝިޔާގެ ޒުވާނުންނަށް ވުރެ، މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން ޕޫޓިންއަށް ތާއީދު ކުރާލެއް ބޮޑެވެ. މި އުމުރު ފުރައިގެ ގިނަ މީހުންނަކީ ގައުމުގައި ހިނގަމުންދާ ކަންކަމާ މެދު ސުވާލު އުފައްދާ ބައެއް ނޫނެވެ. ސަރުކާރުން ދައްކާ ޗެނަލްތައް ބަލާ އަޑު އަހާ، ސަރުކާރުން މަހެއްގެ މައްޗަށް ދޭ 'ސަތޭކައެއްހާ ޑޮލަރުގެ' ޕެންޝަން ފައިސާއިން ހިތްހަމަޖެހިގެން އުޅޭ ބަޔެކެވެ. ސަރުކާރު ކިހާ ހެޔޮ ހެއްޔެވެ؟

އާންމުންގެ އަތުން ސަރުކާރުން ވަގަށް ނަގަމުންދަނީ ކިހާ މިންވަރެއްތޯ ބަލާ ހޯދާ ޒުވާނުންނާ ހިލާފަށް މި އުމުރުގެ މީހުން ގައުމުގައި ހަމަޖެހުން ގާއިމުވެފައި އޮތުން މާ ބޮޑަށް ބޭނުން ވެ އެވެ. އަދި ޕޫޓިން އެމީހުން ކުރާ ކަންކަމަށް ދައްކާ އިހްތިރާމް ވެސް އެމީހުންނަށް ކަމުދެ އެވެ. ގައުމުގެ ދޮށީ އުމުރުފުރައިގެ މީހުންގެ ތާއީދު ހޯދުމަށް ކްރެމްލިން އިން ވަރަށް ހުޝިޔާރު ކަމާ އެކު ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ 'ދަޅަ ދެއްކުމުގެ' އެތައް އޮޕަރޭޝަންތަކެއް ހިންގާފަ އެވެ. 

ދޮށީ އުމުރުގެ މީހުންގެ ތާއީދު އޮވެއްޖެ ނަމަ އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންގެ ކިޔަމަންތެރިކަން ވެސް ލިބޭނެކަން ކްރެމްލިން އަށް ރަނގަޅަށް އެނގެ އެވެ. މައިންބަފައިންނާއި މާމަ އާއި ކާފައާ ދެކޮޅަށް ބަސް ބުނަން ކެރޭނީ މަދު ކުއްޖަކަށް ނޫން ހެއްޔެވެ؟

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރެއްވި ލިޔުޑްމިލާ އަލެކްސެޔޭވާގެ 90 ވަނަ އުފަން ދުވަހު ޕޫޓިން އޭނާއާ 2017 ވަނަ އަހަރު ބައްދަލުކުރައްވަނީ: އުމުރުން ދުވަސްވީ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ޕޫޓިން ގިނަ މަސައްކަތްތަކެއް ކުރައްވާ.

ދެން މިވަރުން ވެސް މައިތިރިނުވެ ނުކުންނަ މީހަކަށް ވާނޭ ގޮތް ވަރަށް ސާފުކޮށް ސަރީހަކޮށް މެސެޖެއް ގޮތުގައި ކްރެމްލިން އިން އެ ދަނީ ދައްކަމުންނެވެ. މިދިޔަ މަހު އުމުރުން 47 އަހަރުގައި އަވަހާރަވި އެލެކްސޭ ނަވާލްނީ އަކީ އޭގެ ރަނގަޅު މިސާލެކެވެ. 

ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލައި ޕޫޓިންއަށް ފާޑުވިދާޅުވަމުން ނަވާލްނީ ގެންދަވާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. މިއާ އެކު 2018ގެ އިންތިހާބުގައި އޭނާއަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލުނެވެ. އަދި 2020 ވަނަ އަހަރު އޭނާ އަވަހާރަކޮށްލުމަށް ރަޝިޔާގައި ހުއްޓާ އޭނާއަށް ޒަހަރުދީފައި ވެސް ވެ އެވެ. އެފަހަރު ނަވާލްނީގެ ފުރާނަ ސަލާމަތްވެފައި ވަނީ ޖަރުމަނުވިލާތަށް ގެންގޮސް ފަރުވާ ދިނުމުންނެވެ. 

ނަވާލްނީއަށް ދިން ޒަހަރާއި އޭގެ ދެ އަހަރު ކުރިން 2018ގައި އިނގިރޭސިވިލާތުގައި ހިމާޔަތް ހޯދައިގެން ހުރި ރަޝިޔާގެ ކުރީގެ ޖާސޫސީ އޭޖެންޓަކު މަރާލުމަށް ދިން ޒަހަރާ ހަމަ އެކައްޗެކެވެ. އެ ޒަހަރަކީ ރަޝިޔާގެ ޖާސޫސީ އިދާރާއިން ރޫސީވިލާތުގެ ދުވަސްވަރު ބޭނުން ކުރަމުން ދިޔަ އަޑު ކަނޑުވާލުމުގެ ވަރުގަދަ ހަތިޔާރެކެވެ. 

ފާއިތުވެދިޔަ އަހަރުތަކުގައި ޕޫޓިންއާ ދެކޮޅަށް އެންމެ ހަރުއަޑުން ފާޑުވިދާޅުވި ނަވާލްނީ މުޒާހަރާއެއްގައި. އޭނާ ވަނީ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް މިދިޔަ މަހު ކުއްލި ގޮތަކަށް އަވަހާރަވެފައި.

ކޮންމެއަކަސް ނަވާލްނީ އެ ވަނީ ޖަލުގައި ބޮޑެތި ހުކުމްތަކެއް ފުރިހަމަ ކުރައްވަމުން ދަނިކޮށް އަވަހާރަވެފަ އެވެ. މި ނިމުނު ރިޔާސީ އިންތިހާބުގައި ވާދަކުރަން އުޅުނު ހަމައެކަނި މިނިވަން ކެނޑިޑޭޓަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އިންތިހާބީ ކޮމިޝަނުން ފަހިކޮށްދީފައެއް ވެސް ނުވެ އެވެ. މިއާ އެކު ޕޫޓިން އެ ވަނީ ރަޝިޔާގެ ރައީސް ކަމުގައި ދެމިހުންނެވުމަށް ފަސްވަނަ ދައުރެއް ކާމިޔާބު ކުރައްވާފަ އެވެ. ނަމަވެސް ރަޝިޔާގެ މި އިންތިހާބު މިނިވަން ނުވަތަ ސައްހަ ނޫންކަމަށް ބުނެ ހުޅަނގުގެ ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. 

މި އިންތިހާބު ކޮންމެ ގޮތަކަށް ކުރިއަށް ގޮސްފައިވީ ނަމަވެސް ދިވެހިރާއްޖެ ފަދަ ދުނިޔޭގެ މަސްރަހުގައި މާ ބޮޑު ބާރެއް ނެތް ގިނަ ގައުމުތަކަކަށް ރަޝިޔާގެ ރައީސްކަަމަށް ޕޫޓިން ހޮވިވަޑައިގަތުމުން ލިބޭ ހިތްހަމަޖެހުމެއް އެބައޮތެވެ. އެއީ ދުނިޔޭގައި ހިނގަމުންދާ މުހިންމު ގިނަ ކަންތައްތަކާ މެދު ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ސިޔާސަތުތަކަށް ގޮންޖަހާލެވޭ ވަރުގެ ބާރުގަދަ ގައުމެއް އޮތުމުންނެވެ. ޗައިނާ އާއި އިންޑިއާއަކީ ވެސް އެފަދަ ދެ މިސާލެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ އުދުވާނާ ދެކޮޅަށް ޗައިނާ އާއި ރަޝިޔާއިން ކަންބޮޑުވުން ފާޅޫކޮށްފައިވެ އެވެ. ނަމަވެސް މީގައި ވިސްނާލަން މުހިންމު ކަމަކީ މިއިން އެއްވެސް ގައުމަކީ ހުރިހާ ގޮތަކުން ފަސްބައި ރީތި ގައުމުތަކެއް ނޫނެވެ. މުސްލިމުންނާ މެދު އިންޑިއާ، ޗައިނާ އަދި ރަޝިޔާގައި ވެސް އޮތް ސިޔާސަތުތައް ވަކި ރަނގަޅެއް ނޫނެވެ. ނަމަވެސް ވަކި ބާރަކުން ބޭނުންވާހާ ހިތުހުރި ގޮތެއް މުސްލިމުންނާ މެދު ވިޔަސް ހަދާލަން ޖެހިލުންވާ ފަދަ އެހެން ބާރުތަކެއް ވެސް ދުނިޔޭގައި އޮތީތީ އެގޮތުން ފާހަގަކުރެވެނީ އެވެ. 

ކުރިއަށް އޮތް ރިޔާސީ ދައުރުގައި ވެސް ޕޫޓިންގެ ފަރާތްޕުޅުން ފެނިގެން ދާނީ މި ނިމިގެންދާ ދައުރުގައި ވެސް ފެނިގެން ދިޔަ ކަންތައްތަކެވެ. ބިޔަކަމާއި ފުރިހަމަ އާރާއި ބާރާ އެކު ދުނިޔޭގެ މަސްރަހުގައި ރަޝިޔާއަކީ މުހިންމު ގައުމެއްކަން ދެއްކުމުގެ ކަންތައްތަކެވެ. ނިއުކްލިއާ ހަތިޔާރު ހުރީތީވެ ހުޅަނގުގެ ގައުމުތައް ފަދައިން މަދުން ނަމަވެސް ރަތް ރޮނގު ހުރަސް ކުރަމުންދާ އަމަލުތައް ވެސް ފެންނާނެ އެވެ. ނަމަވެސް ހުޅަނގުގެ އިދިކޮޅު ފަރާތްތަކަށް ވެސް ކެތް ކުރެވޭނެ މިންވަރަށެވެ. 

މިދިޔަ ގަރުނުގައި ދުނިޔޭގައި އުފެދުނު އެންމެ މަޝްހޫރު އަދި އެންމެ ވިސްނުން ތޫނު އެއް އިލްމުވެރިޔާ ކަމުގައިވާ އަލްބަޓް އެއިންސްޓެއިން ވިދާޅުވެފައިވެ އެވެ: "ތިންވަނަ ބޮޑު ހަނގުރާމައެއް ކުރާނީ ކޮން ހަތިޔާރުތަކަކުން ކަމެއް އަހަންނަކަށް ނޭނގެ، އެކަމަކު ހަތަރުވަނަ ބޮޑު ހަނގުރާމަ ކުރާނީ އޮށްގަލުންނާއި ދަނޑިބުރިތަކުން."

ޕޫޓިން ފަދަ ހުޅަނގުގެ ވިސްނުމާ ބޮޑު ފަރަގެއް ހުރި ވެރިޔަކު ނިއުކްލިއާ ބާރު ލިބިފައި އޮތް ރަޝިޔާގެ މޭސްތިރި ކަމުގައި ދެމިހުންނަވާތީ އެހެން ގިނަ ގައުމުތަކަކުން ޝުކުރުވެރިވާން ޖެހޭ ސަބަބުތައް މި އިބާރާތްކޮޅުން ވަރަށް ފުރިހަމައަށް ދޭހަވެގެން ދެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް