ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ޔޫކްރެއިންއަށް އަރައިގަންނަން ނިންމެވި ނިންމެވުން ސާބިތުކޮށްދެއްވުމެއް ކަމަށް ސިފަކުރައްވާފައި [މެކްސިމް ޝެމެޓޮވް/ރޮއިޓާސް]

ރަޝިޔާ

ޑިމޮކްރެޓިކް ސައްހަ ކަމާ މެދު ސުވާލު އުފައްދާފައިވަނިކޮށް ޕުޓިން ކާމިޔާބީ އިއުލާންކުރައްވައިފި

18 މާރިޗު 2024

ޑިމޮކްރެޓިކް ސައްހަކަން ނެތް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ރިޔާސީ އިންތިހާބު ބޮޑު  އަގުލަބިއްޔަތަކުން ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ކާމިޔާބު ކުރައްވައި ވެރިކަމުގެ ބާރު ދަމަހައްޓަވައިފި އެވެ.

އިންތިހާބަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕުޓިން ވަނީ އެ ނަތީޖާ އަކީ ހުޅަނގަށް ނުކިޔަމަންތެރިވެ، ޔޫކްރެއިނަށް އަރައިގަންނަން ނިންމެވި ނިންމެވުން ސާބިތުކޮށްދިން އިންތިހާބެއް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ބިރު ދައްކަން ކޮންމެ މީހަކު ބޭނުން ވިޔަސް، ކިތަންމެ ވަރަކަށް ބޭނުން ވިޔަސް، ތާރީހުގައި ވެސް އެފަދަ ކަމެއްގައި އެއްވެސް މީހަކަށް ކާމިޔާބެއް ލިބިފައެއް ނުވޭ،" ޕުޓިން މިއަދު ހެނދުނު ކެމްޕެއިން ހެޑްކުއާޓަރުގައި ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

"މިހާރަކު ވެސް އެކަމެއް ނުވާނެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަމެއް ނުވާނެ. ދުވަހަކު ވެސް ނުވާނެ." އޭނާ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު އެންމެ ފަހުން ވޯޓުލުން ނިމުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ނަތީޖާ ނުކުތީ އެންމެން ވެސް ހީކުރި ގޮތަށެވެ. އެއީ ގާތްގަނޑަކަށް ގަރުނެއްގެ ހަތަރުބައިކުޅަ އެއްބައިގެ ވެރިކަމުގެ މުއްދަތު ޕޫޓިން އިތުރު ހަ އަހަރަށް ކަށަވަރު ކުރެއްވުމެވެ.

ރަޝިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި، ދާއިރާތަކުގެ ވޯޓުން މިހާތަނަށް ގުނި %60 މީހުންގެ %87  ވޯޓް ޕޫޓިން ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެ ނަތީޖާގެ މާނައަކީ  ޕޫޓިން،71، ޖޯސެފް ސްޓާލިން ފަހަތަށް ޖައްސާލައި 200 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރަޝިއާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށް ވުމެވެ.

ދެވަނައިގައި އޮތީ ކޮމިއުނިސްޓް ކެންޑިޑޭޓް ނިކޮލޭ ހަރިޓޯނޯވް %4 ވޯޓާ އެކު އެވެ. ތިން ވަނަ އަށް އަލަށް ތައާރަފްވި ވްލަޑިސްލާވް ދަވަންކޯވް އަދި ހަތަރު ވަނަ އަލްޓްރާ ނޭޝަނަލިސްޓް ލިއޮނިޑް ސްލޫޓްސްކީ އެވެ.

ވޯޓު ފޮށިތައް ބަންދު ކުރި އިރު %74.22 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންގެ އޮފިޝަލުން ވިދާޅުވެ އެވެ. އަދި އެ ނިސްބަތަކީ 2018 ވަނަ އަހަރުގެ ވޯޓުގައި މީހުން ލީ ވޯޓަށް ވުރެ އިތުރު އަދަދެކެވެ. އެ ފަހަރު ވޯޓުލުމަށް ނުކުތީ %67.5  މީހުންނެވެ.

ޕޫޓިންގެ ކާމިޔާބީއާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެއީ އޭނާއަށް ފާޑުކިޔާ މީހުން ގިނައިން ތިބީ ޖަލުގައި ތާށިވެފައި، ނުވަތަ ގައުމު ދޫކޮށް ދިއުމާއި ނުވަތަ މަރުވެފައި ވުމުން އޭނާގެ ލީޑާޝިޕަށް އާންމުންނަށް ފާޑު ކިޔުމަށް ޖާގައެއް ނެތެވެ.

ރަޝިއާގެ ލީޑަރުގެ އެންމެ ބޮޑު ވާދަވެރިޔާ އެލެކްސީ ނަވަލްނީ ވަނީ މިދިޔަ މަހު އާކްޓިކް ޖަލެއްގައި ހުންނަވަނިކޮށް އަވަހާރަވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް