ޗެންނާއީގައި ހުންނަ ބީޖޭޕީ އިންތިހާބީ އޮފީހެއްގެ ފާރުގައި ބީޖޭޕީގެ ނިޝާން އަންހެނަކު ހަރުކުރަނީ.

އިންޑިއާ

އިންސާނީ ތާރީހުގައި ބާއްވާ އެންމެ ބޮޑު ޑެމޮކްރެޓިކް އިންތިހާބު އޮންނަ ތާރީހު ކަނޑައަޅައިފި

އިންޑިއާގެ އާންމު އިންތިހާބުގައި 1 ބިލިއަނާ ގާތްކުރާ އަދަދެއްގެ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިއާގައި އޮންނަ އާންމު އިންތިހާބުގެ ވޯޓުލުން ފެށޭނީ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނަރު އިއްޔެ އިއުލާނު ކުރައްވައިފި އެވެ. 

މިއާ އެކު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ނަރެންދުރަ މޯދީ ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރެވިފައިވާ އިންތިހާބް ފެށޭނެ ތާރީހެއް މިވަނީ ކަށަވަރުވެގެން ގޮސްފަ އެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އިންތިހާބުގައި އިންޑިއާގެ ޖުމުލަ އާބާާދީގެ 1.4 ބިލިއަން މީހުންގެ ތެރެއިން 960 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު އޮންނާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. 

ދީނީ ހަމަނުޖެހުންތައް އިތުރުވަމުން އައިސްފައިވާ އިންޑިއާގެ ވެރިކަން މޯދީގެ ބާރަތިޔާ ޖަނަޓާ ޕާޓީ (ބީޖޭޕީ) އިން އިތުރު 5 އަހަރަށް ކާމިޔާބު ކުރާނެކަމަށް ވަނީ ބެލެވިފަ އެވެ.

ހަތް މަރުހަލާއަކަށް ބަހާލެވިފައިވާ މި އިންތިހާބުގެ ވޯޓުލުން ޖޫން މަހުގެ 1 ވަނަ ދުވަހު ނިމުމަށް ހަމަޖެހިފައި ވާއިރު، އިންޑިއާ ރައްޔިތުން ވޯޓުލަމުން ގެންދާނީ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ 543 މެމްބަރުން ހޮވުމަށެވެ. މި މަޖިލީހުގައި ޖުމްލަ 545 މެމްބަރުން ތިއްބަވާ އިރު ބާކީ ތިބި ދެ މެމްބަރުންނަކީ ރައީސް އައްޔަން ކުރައްވާ ދެ ބޭފުޅެކެވެ.

އިންޑިއާގެ 28 ސްޓޭޓަކާއި 8 ޔޫނިއަން ސަރަހައްދުން ލާ ވޯޓުތައް ގުނުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 4 ވަނަ ދުވަހު ކަމަށް އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ.

މޯދީގެ ޒައާމަތުގައި އިންޑިއާ 21 ވަނަ ގަރުނުގެ އިގްތިސާދީ ބާރަކަށް ހެދުމަށް ގިނަ މަސައްކަތްކެއް އަންނަނީ ކުރަމުން ނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މޯދީގެ ވެރިކަމުގައި ގައުމުގެ ދިމުގްރާތީ މުއައްސަަސާތަކުގެ ބާރު ދަށްކޮށް، ހިންދޫ ނޫން އެހެން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ދަނީ ހިންގަމުން ނެވެ.

މޯދީގެ ބީޖޭޕީ ޕާޓީއާ ދެކޮޅަށް މި އިންތިހާބުގައި ވާދަކުރާނީ ނެޝަނަލް ކޮންގްރެސް ޕާޓީއިން ނެވެ. އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން މިވީ 77 އަހަރު ދުވަހުގެ ތެރޭ އެގައުމުގެ ވެރިކަން އެންމެ ދިގު މުއްދަތަކަށް ކޮށްފައިވާ ކޮންގްރެސް ޕާޓީއިން ވަނީ ދެން ތިބި ޕާޓީތަކާ އެކު ކޯލިޝަނެއް ހަދާފަ އެވެ. 'ދަ އިންޑިއަން ނެޝަނަލް ޑެވެލޮޕްމެންޓަލް އިންކްލޫސިވް އެލަޔަންސް' ނުވަތަ 'އިންޑިއާ'ގެ ނަންދީފައިވާ މި ކޯލިޝަނާ އެކު މަޝްހޫރު ނޫން ކުދި ސިޔާސީ ޕާޓީތަކަށް ސިޔާސީ މައިދާނުގައި އިތުރު ހަރުފަތެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް މި ކޯލިޝަނުގައި ރެނދުލާފައިވާ ކަމުގެ ނިޝާންތަކެއް މިހާރު ވަނީ ފެންނަން ފަށާފަ އެވެ. އަދި މޯދީހާ އާންމުންގެ ތެރޭ މަގުބޫލު ބޭފުޅަކު މި ކޯލިޝަނުގައި ނެތް ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ.

މޯދީ ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާ އަށާއި އެމެރިކާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާ ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާއިން ކުޅެމުންދާ ރޯލު އިތުރަށް ވަރުގަދަ ކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް މިދިޔަ އަހަރުގެ އޯގަސްޓު މަހު އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ ކާމިޔާބުކަމާ އެކު ހަނދަށް ޖައްވީ އުޅަނދެއް ފޮނުވާ މިކަން ކުރި ހަތަރު ވަނަ ގައުމަށް ވެފަ އެވެ.  އޭގެ މަދު ހަފްތާތަކެއް ފަހުން އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ އިރު ދިރާސާ ކުރުމަށް ވެސް މިޝަންއެއް ލޯންޗުކޮށްފަ އެވެ. 

އަދި އިންޑިއާގެ އެތެރޭ އޮތް ސިޔާސީ ކޯޅުންތައް އިތުރުވަމުން އައި ނަމަވެސް  މޯދީގެ ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޖީ 20 ސަމިޓެއް ދިއްލީގައި ބާއްވާ އިންޑިއާގެ ލީޑަޝިޕު ވަރުގަދަކަން ދައްކުވައިދީފަ އެވެ.

އެންމެ ފަހުން 2019 ވަނަ އޮތް އިންޑިއާގެ އާންމު އިންތިހާބުގައި މޯދީގެ ބީޖޭޕީ ޕާޓީއިން ކާމިޔާބު ކޮށްފައި ވަނީ 303 ގޮނޑި އެވެ. މަޖިލީހުގެ މެޖޯރިޓީއެއް ހޯދުމަށް ބޭނުންވަނީ 272 ގޮނޑި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް