ބެލްގަރްދް ސިޓީއަށް އެހި ހަމަލާއެއް.

ހަމަލާތަކާ އެކު ރަޝިޔާގެ ބެލްގަރްދުގެ ސްކޫލުތަކާއި ފިހާރަތައް ބަންދުކޮށްފި

މި ހަމަލާތައް ދީފައި ވަނީ ރައީސް ކަމުގެ ހަވަނަ ދައުރެއް ކާމިޔާބުވިޔަ ނުދިނުމަށް ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައި

ޔޫކްރެއިނުން ދިން ކަމަށް ރަޝިޔާގެ އިދާރާތަކުން ތުހުމަތުކުރާ ހަމަލާތަކަކާ ގުޅިގެން ރަޝިޔާގެ ބެލްގަރްދް ސިޓީގެ ސްކޫލުތަކާއި ފިހާރަތައް ބަންދުކޮށްފި އެވެ.

ރަޝިޔާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހުކުރުދުވަހު ފެށިގެން މާދަމާއާ ހަމައަށް ކުރިއަށް ދާ އިރު ބެލްގަރްދު ސިޓީއަށް އަމާޒުވި މި ހަމަލާތަކުގައި ދެ މީހުން މަރުވެފައިވާ ކަމަށް އެ ސިޓީގެ ގަވަރުނަރު ވްޔަޗެސްލާވް ގްލަޑްކޯވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިގެ ދިފާއީ ނިޒާމުތަކުން ޔޫކްރެއިނުގެ އަށް މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ.

ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ތުހުމަތުކުރެއްވި ގޮތުގައި ޔޫކްރެއިނުން މި ހަމަލާތައް ދީފައި ވަނީ ރައީސް ކަމުގެ ހަވަނަ ދައުރެއް އޭނާއަށް ކާމިޔާބުވިޔަ ނުދިނުމަށެވެ. 

ޔޫކްރެއިނުގެ ބޯޑަރާ ވަރަށް ކައިރީގައި އޮންނަ ބެލްގަރްދުގެ ސިޓީގެ ސްކޫލުތައް ހޯމަ އާއި އަންގާރަ ދުވަހު ބަންދުވާނެ ކަމަށާއި ޝޮޕިން ސެންޓަރުތައް އާދިއްތަ އާއި ހޯމަ ދުވަހު ބަންދުވާނެ ކަމަށް ގަވަރުނަރު ގްލަޑްކޯވް ވަނީ ވިދާޅުވެފަ އެވެ.

ގަވަރުނަރު ވިދާޅުވީ މި ހަމަލާތަކުގައި މަރުވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެއް ކަމަށެވެ. ހަމަލާ އެރި ވަގުތު އެ އަންހެން މީހާއާ އެކު ހުރި އޭނާގެ ފިރިހެން ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ފާއިތުވެދިޔަ މަސްތަކުގައި ބެލްގަރްދު ސިޓީއަށް ގިނަ ހަމަލާތަކެއް ވަނީ އަރާފަ އެވެ. 

ބެލްގަރްދު ސިޓީ އާއި ކާސްކް ސަރަހައްދު ކައިރީގައިވާ ޔޫކްރެއިނުގެ ބޯޑަރު ސަރަހައްދުތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް މޮސްކޯގެ ދެކުނު އިރުމަތިން 850 ކިލޯމީޓަރު ދުރުގައި އޮތް ސަމާރާ ސަރަހައްދުގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ޔޫކްރެއިނުގެ ހަމަލާތަކެއް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފަ އެވެ.

ސަމާރާ ސަރަހައްދުގައި ހުރި ތިން ކާރުހާނާއަކަށް ހަމަލާތައް ދިން ކަމަށް ޔޫކްރެއިނުން ބުނެ އެވެ. ނަމަވެސް ބެލްގަރްދު ސިޓީގެ ހަމަލާތަކާ ބެހޭ އެއްވެސް ވާހަކައެއް ޔޫކްރެއިނުން ހާމަކޮށްފައެއް ނުވެ އެވެ. 

ވޯޓުލާ މޫސުމާ ދިމާކޮށް ރަޝިޔާގެ ރައްޔިތުންގެ މެދުގައި ވަތަނީ ޖޯޝު ވަރުގަދަކޮށް ވަކި ބަޔަކާ ދެކޮޅަށް އޮތް ރުޅިވެރިކަން ބޮޑުކޮށް އެ ވަގުތެއްގައި ހުންނެވި ރައީސަކަށް ވޯޓު ގިނައިން ހޯދުމަށް ރަޝިޔާ ސަރުކާރުން އަމިއްލަ ގައުމުގެ ތަންތަން ސިއްރިއްޔާތުގައި ހަމަލާތައް ދީ، އެ ހަމަލާތަކުގެ ތުހުމަތު އެހެން ފަރާތްތަކެއްގެ ބޮލުގައި އެޅުވުމަކީ މީގެ ކުރިން ވެސް ރައީސް ޕޫޓިން ވެރިކަމުގައި ވެފައި ހުރި ކަންކަން އެކި ފަރާތްތަކުން ތަހްގީގުކޮށް އެތައް ތުހުމަތެއް އުފުލި އެވެ.

ރަޝިޔާގައި މިހާރު ކުރިއަށްދާ އަންނަ އިންތިހާބުގައި މިނިވަންކަމެއް ނެތް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި މި ވޯޓުގެ ނަތީޖާ ރައީސް ޕޫޓިންއަށް 6 ވަނަ ދައުރެއް ކަށަވަރުވެގެން ނޫން ގޮތަކަށް ނުނިކުންނާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ރަޝިޔާގެ ރިޔާސީ އިންތިހާބާ ގުޅޭ (ވީޑިއޯ/ބީބީސީ)

މި އިންތިހާބުގައި ރައީސް ޕޫޓިންއާ ދެކޮޅަށް ވާދަކުރުމަށް ނުކުންނެވި ހަމައެކަނި މިނިވަން ކެންޑިޑޭޓުގެ ކެންޑިޑަސީ ވަނީ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބާތިލުކޮށްފަ އެވެ. މީގެ ކުރިން 2018ގައި އޮތް އިންތިހާބުގައި އޭރު އިދިކޮޅުން ވާދަކުރަން ނުކުންނަން މަސައްކަތް ކުރެއްވި އެލެކްސޭ ނަވާލްނީގެ ކެންޑިޑަސީ ވެސް އޭރު ވަނީ ބާތިލްކޮށްފަ އެވެ. 

ނަވާލްނީ ވަނީ މިދިޔަ މަހު ރަޝިޔާގެ ޖަލެއްގައި ހުންނަވަނިކޮށް ކުއްލިއަކަށް އަވަހާރަވެފަ އެވެ. ނަވާލްނީގެ އިތުރުން ވެސް ރައީސް ޕޫޓިންއާ ދެކޮޅަށް ނުކުންނަ ގިނަ ފަރާތްތަކެއް ވަނީ ގޮތް ނޭނގޭ ގޮތްގޮތަށް ރަޝިޔާގަ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަރުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް