ބްރެޒިލްގެ ކުރީގެ ރައީސް ޖައާ ބޮލްސޮނާރޯ.

ބްރެޒިލް

ބަގާވާތެއްގެ ރޭވުން ބޮލްސަނާރޯ އަސްކަރީ ލީޑަރުންނަށް ހުށައެޅިކަމަށް ތުހުމަތުކޮށްފި

ގިނަ ތުހުމަތުތަކާ އެކު ވެސް ބްރެޒިލްގެ އާންމުންގެ މެދުގައި ބޮލްސޮނާރޯއަށް ތާއީދު ވަރުގަދަ

ބްރެޒިލްގައި 2022ގައި ބޭއްވި ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ ގުޅިގެން  ބަގާވާތެއް ހިންގުމަށް ރާވާ އެކަމާ ބެހޭ ތަފްްސީލުތައް އަސްކަރީ ލީޑަރުންނާ ކުރީގެ ރައީސް ޖައާ ބޮލްސޮނާރޯ ހިއްސާ ކުރެއްވިކަމަށް ކޯޓަށް ހުށައެޅި ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ފެޑެރަލް ފުލުހުންނަށް ދޫކުރި ލިޔުންތަކުގައި،  ކުރިން އާމީ ކޮމާންޑަރަކަށް މަސައްކަތް ކުރެއްވި އެންޓޯނިއޯ ފްރެއިރޭ ގޯމޭސް އާއި އެއާފޯސްގައި ކުރިން މަސައްކަތް ކުރެއްވި ކޮމާންޑަރު ކާލޮސް ޑި އަލްމެއިޑާ ބަޕްޓިސްޓާ ކޯޓަށް ދީފައިވާ ބަޔާންތައް ހިމެނެ އެވެ.

ބަގާވާތެއް ހިންގުމުގެ ރޭވުން ބޮލްސޮނާރޯ ހުށައަޅުއްވާފައި ވަނީ ވެރިރަށް ބްރެސީލިއާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި 7 ޑިސެމްބަރު 2022ގައި އޮތް ބައްދަލުވުމެއްގައި ކަމަށް ކޯޓު ލިޔެކިޔުންތަކުން އެނގެ އެވެ.

ބޮލްސޮނާރޯގެ މި ހުށައެޅުމަށް ދެކޮޅުހަދާ އޭނާ ހައްޔަރުކުރަން އިންޒާރު ދިން ކަމަށް ގޯމޭސް އާއި ބަޕްޓިސްޓާގެ ބަޔާންތަކުގައި ވެ އެވެ.

ބްރެޒިލްގެ ފުލުހުން މި މައްސަލަ ތަހްގީގު ކުރަމުން އަންނަ އިރު ބޮލްސޮނާރޯގެ ޕާސްޕޯޓު ވަނީ ފެބްރުއަރީ މަހު ހިފަހައްޓައިފަ އެވެ. 

ބޮލްސޮނާރޯގެ މައްޗަށް އުފުލާފައިވާ މި ތުހުމަތުތައް އޭނާ ދޮގުކުރައްވަ އެވެ. އޭނާ ވަނީ ބްރެޒިލްގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ސައޮ ޕައޮލޯގައި މިފަހުން ސަޕޯޓަރުންނާ އެކު ބޮޑު އެއްވުމެއް ބާއްވާފަ އެވެ. މިއީ "ގާނޫނު ނެގެހެއްޓުމުގެ ދިމުގްރާތީ އުސޫލުތަކުގެ ދިފާއުގައި" ބޭއްވި އެއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު ނަހަމަ ގޮތުގައި ބާރު ބޭނުންކޮށް، ސަރުކާރުގެ މީޑިއާތައް ވެސް ނަހަމަ ގޮތުގައި ކެމްޕެއިން ކުރުމަށް ބޭނުންކުރި ކަމުގެ ތުހުމަތުގައި 2030އާ ހަމައަށް އެއްވެސް އިންތިހާބަކަށް ބޮލްސޮނާރޯ ކުރިމަތިލެއްވުން ބްރެޒިލްގެ އިންތިހާބުތަކާ ކޯޓުން ވަނީ މިދިޔަ އަހަރު މަނާކޮށްފަ އެވެ.

ބޮލްސޮނާރޯއަށް ތާއީދުކޮށް މިމަހުގެ ކުރީ ކޮޅު ބޭއްވުނު އެއްވުން (ވީޑިއޯ/އަލް ޖަޒީރާ އިންގްލިޝް)

ބޮލްސޮނާރޯއާ ވާދަކޮށް ހަނި ގޮތަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ލުއީޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އެވެ. ލޫލާ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވިތާ އަށް ވަނަ އަށް ވީ ދުވަހު ބޮލްސޮނާރޯއަށް ތާއީދުކުރާ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ ވެރިރަށް ބްރެސީލިއާގައި ހުންނަ ސަރުކާރުގެ މުހިންމު ގިނަ އިމާރާތްތަކަށް ވަދެގަނެ ގިނަ ގެއްލުންތަކެއް ދީފަ އެވެ.

ސަޕޯޓަރުންގެ މި ހަރަކާތްތައް ހިންގަން ހިތްވަރު ދެއްވިކަމަށް ކުރެވޭ ތުހުމަތުތައް ވެސް ބޮލްސޮނާރޯ ވަނީ ދޮގުކުރައްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް