އީޔޫއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމި މި އެހީ އެތައް މަހެއް ލަސްވީ ޖަރުމަނާއި ފަރަންސޭސިވިލާތުގެ ހިޔާލުތަފާތުވުންތަކާ ހެދި

އީޔޫ

ޔޫކްރެއިނަށް 5 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ދިނުމަށް އީޔޫއިން ނިންމައިފި

އީޔޫގެ މި ނިންމުން އައިސްފައި މިވަނީ އެމެރިކާއިން ވެސް މި ހަފްތާގައި ޔޫކްރެއިނަށް އެހީގެ ޕެކޭޖެއް އިއުލާނުކޮށްފައި ވަނިކޮށް

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން ޔޫކްރެއިނަށް 5 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އީޔޫއިން ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައި މިވަނީ ޔޫކްރެއިން ހަނގުރާމައިގައި ކީވްގެ ފައުޖުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދުވަސްވަރެއްގަ އެވެ.

އިއްޔެ ބެލްޖިއަމްގެ ބްރަސަލްސްގައި އީޔޫ 27 މެމްބަރު ގައުމަކުން ބައިވެރިވި ބައްދަލުވުމުގައި ޔޫރަޕިއަން ޕީސް ފެސިލިޓީ (އީޕީއެފް) ފަންޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މެމްބަރުން ވަނީ ފާސްކޮށްފަ އެވެ. މި ފަންޑަށް ބަދަލުތައް ގެނައުމުގެ މަޝްވަރާތައް ކުރިއަށްދާތާ މަސްތަކެއް ވަނީ ވެފަ އެވެ.
"މެސެޖު ވަރަށް ސާފު: ކާމިޔާބު ހޯދުމަށް ކުރަން ޖެހިއްޖެ ކޮންމެ ކަމަކާ އެކު އަހަރުމެން ޔޫކްރެއިނަށް އެހީތެރިވަމުން ގެންދާނަން،" އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލް ސޯޝަލް މީޑިއާ އެކްސްގައި ލިޔުއްވި އެވެ.

އީޕީއެފް ފަންޑު އޮޕަރޭޓު ކުރަމުން އަންނަނީ އީޔޫއިން ބޭރު ގައުމުތަކަށް ފޯރުކޮށްދޭ ހަތިޔާރުތަކަށްވާ އަގު އަނބުރާ އެ ފޮނުވި ގައުމުކަށް ލިބޭ  ގޮތަށެވެ.

މި ފަންޑަށް ބަދަލުތައް ގެނައުމަށް ކުރިއަށް ދިޔަ މަޝްވަރާތަކުގައި ފްރާންސް އިން ވަކާލާތު ކޮށްފައި ވަނީ ބޭރު ގައުމުތަކަށް ފޯރުކޮށްދޭ ހަތިޔާރު އީޔޫގެ އެތެރެއިން ހޯދުމަށެވެ. ނަމަވެސް މިކަމާ ދެކޮޅު މެމްބަރު ގައުމުތަކުން ބުނީ އެގޮތަށް ހަދައިފި ނަމަ ޔޫކްރެއިނަށް އަވަހަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހަނިވެގެންދާނެ ކަމަށެވެ.

އަދި ޔޫރަޕުން މިހާތަނަށް ޔޫކްރެއިނަށް އެންމެ ގިނަ އަދަދަކަށް އަސްކަރީ އެހީ ފޯރުކޮށްދިން ޖަރުމަނުން ބުނެފައި ވަނީ، މި ފަންޑުން ފައިސާ ބޭރު ކުރާ އިރު ވަކި ވަކި ގައުމުތަކުން ފަންޑަށް ހަދިޔާކޮށްފައިވާ ފައިސާގެ ނިސްބަތަށް ބެލުމަށެވެ. 

އީޔޫގެ ނިންމުމަށް މަރުހަބާ ކިޔާ ޔޫކްރެއިނުގެ ހާރިޖީ ވަޒީރު ޑިމީތުރޯ ކުލެބާ ވިދާޅުވީ މިއީ އާންމު ލަނޑުދަނޑިއެއް ހާސިލުކުރުމަށް ޔޫރަޕުގެ އެއްބައިވަންތަކަން ފެނިގެން ދިޔަ ބާރުގަދަ މިސާލެއް ކަމަށެވެ.

"ދެން އޮންނަ އީޔޫ ފޮރިން އެފެއާސް ކައުންސިލް ބައްދަލުވުމުގައި އެންމެ ފަހުގެ ނިންމުން ފާސްވެގެން ދާނެކަމަށް އަހަރުމެން އުއްމީދުކުރަން،" ކުލެބާ ވިދާޅުވެފައިވެ އެވެ.

އީޔޫއިން މައުލޫމާތު ދޭ ގޮތުގައި އީޕީއެފް ފަންޑު މެދުވެރިކޮށް މިހާތަނަށް 6.1 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޮނުވިފައިވެ އެވެ.

"ޔޫކްރެއިނަށް އިތުރު ހަތިޔާރާއި އިކުއިޕްމަންޓް ބޭނުންވޭ. އަހަރުމެން އެ ސާމާނު ހެޔޮ މިންވަރަކަށް ގުޅިގެން ފޯރުކޮށްދެމުން ގެންދާނަން،" އީޔޫގެ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ބެލްޖިއަމްގެ ހާރިޖީ ވަޒީރު ހައްޖާ ލަހްބީބް ވިދާޅުވި އެވެ.

"ޔޫރަޕުން ވައުދުތަކަށް އިހްތިރާމް ކުރަން. އަހަރުމެންގެ މިނިވަންކަަމަށް ހިޔަނި ވަނީ އެޅިފައި."

އެމެރިކާއިން ވެސް ވަނީ މި ހަފްތާގައި ޔޫކްރެއިނަށް 300 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން އިއުލާނުކޮށްފަ އެވެ. ނަމަވެސް ވޮޝިންޓަނުން ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ 60 ބިލިއަން ޑޮލަރުގެ ޕެކޭޖު އަދިވެސް އޮތީ އެމެރިކާގެ މަޖިލީހުގައި ތާށިވެފަ އެވެ.

އަނެއްކޮޅުން ބަލާއިރު ރަޝިޔާއިން ވަނީ އެގައުމުގައި ހަތިޔާރު އުފައްދާ މިންވަރު އިތުރުކޮށްފަ އެވެ. އަދި އީރާނާއި އުތުރު ކޮރެއާއިން އަންނަނީ ރަޝިޔާއަށް އަަސްކަރީ އެހީ ފޯރުކޮށްދެމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް