ޕައިލެޓުންނަށް ނިދުމާ ގުޅިގެން ބަޓިކް އެއާގެ މި މަތިންދާބޯޓު ވަނީ ކުޑަކޮށް މަގުން ކައްސާލާފައި ނަމަވެސް ސަލާމަތުން ލޭންޑު ކޮށްފައިވޭ.

އިންޑޮނީޝިއާ

އިންޑޮނީޝިއާގެ ފްލައިޓެއް މަތީ އެއްފަހަރާ ދެ ޕައިލެޓުންނަށް ނިދިއްޖެ

ޕައިލެޓުންނަށް ނިދުމުގެ ސަބަބުން 28 ވަރަކަށް މިނެޓު ބޯޓާ ނުގުޅުނު ކަމަށް އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނޭ

ބޯޓު ދުއްވަން އިން ދެ ޕައިލެޓުންނަށް އެއްފަހަރާ ނިދުނު ހާދިސާއެއް އިންޑޮނީޝިއާގެ އިދާރާތަކުން ތަހްގީގު ކުރަން ފަށައިފި އެވެ.

ބަޓިކް އެއާއަށް ނިސްބަތްވާ މި ދެ ޕައިލެޓުން މިހާރު ވަގުތީގޮތުން ސަސްޕެންޑު ކޮށްފައި ވާއިރު، މި ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ސުލަވެސީ އިން ވެރިރަށް ޖަކާޓާއަށް ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އޮތް ފްލައިޓެއްގަ އެވެ.

ބޯޓު ދުއްވަން އިން ދެ ޕައިލެޓުންނަށް ނިދުމާ ގުޅިގެން ވަގުތު ކޮޅަކަށް ބޯޓު މަގުން ކައްސާލި ނަމަވެސް 153 މީހުން ތިބި މި ބޯޓު ވަނީ ސަލާމަތުން ލޭންޑުކޮށްފަ އެވެ.

އިންޑޮނީޝިއާގެ ޓްރާސްންޕޯޓް މިނިސްޓްރީއިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ބޯޓު ނައްޓާލިތާ 30 މިނެޓު ފަހުން ބޯޓު ދުއްވަން އިން 32 އަހަރުގެ ޕައިލެޓު ވަނީ އޭނާގެ ކޯ ޕައިލެޓު ކައިރީ ބޯޓުގެ ކޮންޓްރޯލު ނެގުމަށް އެދިފަ އެވެ. އަދި 28 އަހަރުގެ ކޯ ޕައިލެޓް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ނަމަވެސް ކޯ ޕައިލެޓަށް ވެސް ވަނީ ބޯޓާ ހަވާލުވެ އިންދައި ނިދިފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، ކޯ ޕައިލެޓުގެ އަންހެނުން ވަނީ  އެއްމާބަނޑު ދެކުދިން ދާދި ފަހަކުން ވިހާފަ އެވެ. އަދި ކުދިން ބެލުމުގެ ކަންތައްތަކާ ކޯ ޕައިލެޓް އެހީވަމުންދާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ބަޓިކް އެއާ އޭ320 ގެ ބޯޓުން ހަބަރެއް ނުވުމުން ޖަކާޓާ އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ އެ ބޯޓާ ގުޅުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ބޯޓުގައި އިން ޕައިލެޓަށް ހޭލެވި ޖަކާޓާ ޓަވަރާ ވާހަކަ ދައްކާފައި ވަނީ ހަބަރެއް ނުވެ 28 މިނެޓު ހޭދަވި ފަހުން ނެވެ. ޕައިލެޓަށް ހޭލެވުމާ އެކު ބޯޓު ދަތުރު ކުރަން އޮތް މަގުން ކައްސާލާފައިވާކަން ވެސް އޭނާއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

އަދި ދެ ޕައިލެޓުން އެކުގައި ޓަވަރާ ވާހަކަދައްކާ ސަލާމަތުން މި ބޯޓު ވަނީ ލޭންޑުކޮށްފަ އެވެ.

ފްލައިޓް ނައްޓާލުމުގެ ކުރިން ހެދުނު މެޑިކަލް ޓެސްޓުތަކުން މި ދެ ޕައިލެޓުންގެ ސިއްހަތު ރަނގަޅު ކަމަށް ވަނީ ދައްކާފަ އެވެ. އެމީހުންގެ ލޭގެ ޕްރެޝަރާއި ހިތުގެ ހިނގުން ރަނގަޅު ކަމަށާއި މަސްތުގެ ހާލަތެއް ނެތް ކަމަސް ވެސް ޓެސްޓުތަކުން ދައްކާފައިވެ އެވެ.

ނަމަވެސް މި ޓެސްޓުތަކުން މި ދެ ޕައިލެޓުން ވަރުބަލިވެފައިވާކަން ނުވަތަ ރަނގަޅަށް ނިދިނުލިބޭކަން ދެނެގަނެވިފައި ނުވާކަމަށް އޭވިއޭޝަންގެ މާހިރު އެލްވިން ލައި ބީބީސީއަށް މައުލޫމާތު ދެއްވި އެވެ.

މި ހާދިސާއާ ގުޅިގެން ބޯޓުތަކުގައި ތިބޭ ފަޅުވެރިންނަށް އަރާމުކުރަން ލިބޭ ވަގުތާ މެދު އިތުރު ސަމާލުކަމެއް ދިނުމަށް އަންގާ އިންޑޮނީޝިއާގެ ވުޒާރާތަކުން ވަނީ ބަޓިކް އެއާއަށް "ހަރުކަށިކަމާ" އެކު ނަސޭހަތްތެރި ވެފަ އެވެ. 

ޖަވާބުގައި ބަޓިކް އެއާއިން ބުނެފައި ވަނީ، އެ އެއާލައިނުން އޮޕަރޭޓު ކުރަމުން އަންނަނީ "އެކަށީގެންވާ ރެސްޓު ޕޮލިސީ" އަކާ އެކު ކަމަށާއި، "ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ގެންދާ" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް