ގާޒާގައި ހުންނަ އުންރުވާގެ މައި އޮފީސް.

ކެނެޑާ

މަޑުޖައްސާލާފައިވާ އެހީތައް އަންރްވާއަށް އަލުން ދޭން ފަށަން ކެނެޑާއިން ނިންމައިފި

އިޒްރޭލުގެ ތުހުމަތުތަކާ ގުޅިގެން ފަލަސްތީނަށް އެހީފޯރުކޮށްދޭ އަންރްވާއަށް ދޭ އެހީތައް 16 ގައުމަކުން ހުއްޓާލި

ފަަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީ އަންރްވާއަށް ދިނުން މަޑުޖައްސާލާފައިވާ އެހީތައް އަލުން ދޭން ފަށަން ނިންމާފައިވާ ކަމަށް ކެނެޑާއިން އިއުލާންކޮށްފި އެވެ.

ހަމާސް އިން 7 އޮކްޓޯބަރު އިޒްރޭލަށް ދިން ހަމަލާތަކުގައި އަންރްވާގެ މުވައްޒަފުންތަކެއް  ބައިވެރިވިކަމަށް އިޒްރޭލުން އުފުލި ތުހުމަތާ ގުޅިގެން އަންރްވާއަށް އެހީ ދިނުން ހުއްޓާލި 16 ގައުމުގެ ތެރޭގައި ކެނެޑާ ވެސް ހިމެނެ އެވެ.

ހަމާސްގެ ހަމަލާތަކުގައި އަންރްވާ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ހިންގަމުންދާ ތަހްގީގު އަދި ނިމިފައި ނުވި ނަމަވެސް އަންރްވާއަށް އެހީ ދިނުން ފައްޓާނެ ކަމަށް ކެނެޑާއިން ނެރެފައިވާ ބަޔާނުން ބުންޏެވެ.

މީގެ ދެ އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ބަލައިލާ އިރު، ކެނެޑާއަކީ އަންރްވާ 11 ވަނައަށް އެންމެ ގިނަ އަދަދަކަށް އެހީގެ ފައިސާ ހަދިޔާކުރި ގައުމެވެ. 

ކެނެޑާއިން އަންރްވާއަށް ދޭ އެހީ އަލުން ފަށަން ނިންމާފައިވާކަން އިއުލާންކުރީ އެ ގައުމުގެ މިނިސްޓަ އޮފް އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް އަހްމަދު ހުސެން އިއްޔެ އެވެ. މި ފިޔަވަޅު އަޅަން ނިންމީ "ފަލަސްތީނު ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މުހިންމު ކަންތައްތައް ފުއްދާ ދިނުމަށް އިތުރު މަސައްކަތްތަކެއް" ކުރުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކެނެޑާ ސަރުކާރުން ނެރުނު ބަޔާނެއްގައި، "އެހީ ދިނުން ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތް ދަނޑިވަޅުގައި އަންރްވާއަށް ދިނުމަށް ޝެޑިއުލްކޮށްފައި ހުރި އެއްވެސް ޕޭމަންޓެއް މަަދުވެގެން ގޮސްފައި ނުވާ ކަމަށް" ބުންޏެވެ.

އަންރްވާއަށް ދޭ އެހީތައް އަލުން ފަށަން އިތުރުން ގާޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ 300 ކާގޯ ޕެރަޝޫޓް ވެސް އުރުދުންއަށް ހަދިޔާކުރަން ކެނެޑާގެ އަސްކަރިއްޔާއިން ވަނީ ނިންމާފަ އެވެ.

އަންރްވާއަށް ކެެނެޑާއިން އަލުން އެހީދޭން ފެއްޓުމާ ގުޅޭ (ވީޑިއޯ/ގްލޯބަލް ނިއުސް)

ދަ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ނުވަތަ އަންރްވާއަކީ ގާޒާގައި އޮޕަރޭޓު ކުރަމުން އަންނަ އދ.ގެ އެންމެ ބޮޑު އެޖެންސީ އެވެ. މި އިދާރާއަކީ ގާޒާ، ހުޅަނގު އައްސޭރި، އުރުދުން، ލުބުނާން އަދި ސީރިއާއަށް ސިއްހީ، ތައުލީމީ އަދި އެހެނިހެން އެހީތައް ފޯރުކޮށްދޭ އެޖެންސީ އެކެވެ.

މި އެޖެންސީގެ މުވައްޒަފުންތަކެއް އިޒްރޭލަށް ދިން ހަމަލާތަކުގައި ބައިވެރިވިކަމުގެ ތުހުމަތުތައް އދ. އިން މިހާރު އަންނަނީ ތަހްގީގު ކުރަމުންނެވެ. އަދި ފްރާންސް  ކުރީގެ ހާރިޖީ ވަޒީރު ކެތެރިން ކޮލޯނާ ވެސް ގެންދަވަނީ މިކަމާ ބެހޭ މިނިވަން ތަހުގީގެއް ހިންގަވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް