އިޒްރޭލުން ގިވާތު ޒިއީވްގައި ކުރިއަށް ގެންދަމުން އަންނަ ގެދޮރުގެ މަޝްރޫއުއެއް.

އިޒްރޭލް

އިޒްރޭލުން ހެދި ހުޅަނގު އައްސޭރީގެ ޕްލޭން ގިނަ ގައުމުތަކަކުން ކުށްވެރިކޮށްފި

މިދިޔަ އަހަރު ވެސް ފަލަސްތީނުގެ ބިންތަކުގައި 18،000 އަށް ވުރެ ގިނަ ހައުސިންގް ޔުނިޓު އަޅަން އިޒްރޭލުން ނިންމާފައިވޭ

ހިފާފައި އޮތް ހުޅަނގު އައްސޭރީގެ ބިންތަކުގައި އެތައް ހާސް ގެތަކެއް އަޅަން އިޒްރޭލުން ނިންމި ނިންމުމަށް ގިނަ ގައުމުތަކަކުން ފާޑުކިޔައިފި އެވެ.

އިޒްރޭލުން އަތްގަދަކޮށްފައި އޮތް ފަލަސްތީނުގެ ސަރަހައްދުތަކެއްގައި ގާތްގަނޑަކަށް 3،500 ހައުސިންގް ޔުނިޓް އަޅަން އިޒްރޭލުގެ ޕްލޭނިން އޮތޯރިޓީއިން ހުއްދަ ދީފައި ވަނީ އިއްޔެ އެވެ. މިއީ ހަމާސް-އިޒްރޭލު ހަނގުރާމަ މިދިޔަ 7 އޮކްޓޯބަރުގައި ފެށުނު ފަހުން އެ އިދާރާއިން މިފަދަ ހުއްދައެއް ދޫކުރި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން އެ ގައުމުގެ މީހުން ވަޒަންވެރިކުރަން ޒަމާނުއްސުރެއް ހިންގަމުން އަންނަ މިފަދަ މަޝްރޫއުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަން ހުރަސްއެޅޭ ކަމެއް ކަމަށް ގިނަ ގައުމުތަކަކުން ދެކެ އެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނީ މިފަހަރު މީހުން އާބާދުކުރަން ނިންމީ އެފަދަ ބިންތަކުގައި ތިބި އިޒްރޭލުގެ ވަޒަންވެރިންނަށް އަމާޒުކޮށް މިދިޔަ މަހު ދިން ހަމަލާތަކާ ގުޅިގެން ކަމަށެވެ. މިފަހަރު އިޒްރޭލުން އާބާދު ކުރުމަށް ނިންމި ސަރަހައްދުތަކަކީ މާލެ އަދުމިމް، ކެދާރް އަދި އިފްރާތުގަ އެވެ.

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގެތައް އެޅުމަށް ނިންމުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އިޒްރޭލުގެ މި ނިންމުން ގާނޫނާ ހިލާފު ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ނަފުރަތުގެ ހުޅުގަނޑު ދެމިއޮތުމަށް މަގުފަހިކުރުވާ ކަމަށް ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން ބުނެ އެވެ.

"މީހުން އާބާދުކުރުމަށް އިޒްރޭލުން ކުރާ މަސައްކަތްތައް ހުއްޓުވަން ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އަޅާ، މީގެ ތެރޭގައި [އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު] ބެން-ގްވީރް އަދި ސްމޮތުރިޗް އަދި ގާނޫނާ ހިލާފަށް މީހުން އާބާދު ކުރުމަށް މަސައްކަތް ކުރާ އަދި ފަންޑު ކުރާ އިޒްރޭލުގެ އެހެން އޮފިޝަލުން ވެސް ހިމެނުމަށް މިނިސްޓްރީން ގޮވާލަން،" ފަލަސްތީނުގެ ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުންޏެވެ.

ގާޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް އިން ބުނީ އިޒްރޭލުގެ މި ނިންމުމުގެ ސަބަބުން "އަހަރެމެންގެ ބިންތަކާއި، އަހަރެމެންގެ މީހުންގެ މައްޗަށް ހުރަސްތައް ކުރިމަތި ކުރުވާ، އެ މީހުން އެކަހެރި ކުރުމަށް ޒަޔަނިސްޓުން ގެންގުޅޭ ޕްލޭން ކަށަވަރު ވެގެންދާ" ކަމަށެވެ.

އިޒްރޭލުގެ ނިންމުން ކުށްވެރިކޮށް އުރުދުންގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، ސުލްހަ ދެމެހެއްޓުމަށް ހުރަސް އެޅޭ އަދި ފަލަސްތީންގެ ދައުލަތެއް ގާއިމްކުރަން ވެސް ގޮންޖެހުމެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން ބުނީ 'އެރަބް ޕީސް އިނީޝިއޭޓިވް' އާއި ބައިނަލްއަގްވާމީ ގަރާރުތަކުގެ ދަށުން 1967ގައި ފަލަސްތީނުގެ ބޯޑަރުތައް  ކުރެހުނު ގޮތަށް އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަދާ، ފަލަސްތީނަށް ދައުލަތެއް ގާއިމުކޮށްދީ، ފަލަސްތީނު ރައްޔިތުންނަށް އުއްމީދާއި ރައްކާތެރިކަމާއި  ސުހްލަމަސަލަސްކަމުގައި ދިރިއުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ޖަރުމަނުން ވަނީ އިޒްރޭލުގެ މި ޕްލޭން އަނބުރާ ގެންދިޔުމަށް ގޮވާލައި މިއީ  "ބައިނަލްއަގްވާމީ ގާނޫނުތަކާ ސީރިއަސްކޮށް ހިލާފުވުން" ކަމަށް ބުނެފަ އެވެ.

"ހުޅަނގު އައްސޭރީގައި މީހުން އާބާދުކުރަން އިތުރު ގެތަކެއް އެޅުމަށް ނިންމި ނިންމުން ހަރުއަޑުން ކުށްވެރި ކުރަން،" ޖަރުމަނުގެ ފެޑެރަލް ފޮރިން އޮފީސްގެ ބަޔާންގައި ބުންޏެވެ. 

އިޒްރޭލާ އެންމެ އެކުވެރި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވެސް ވިދާޅުވީ މިއީ ގާނޫނާ ހިލާފު، ހިިތާމަހުރި އަދި ސުލްހައިގެ މަސައްކަތަށް ހުރަސް އެޅޭ ނިންމުމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް