އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން (ކ) އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާ

ބަހުސް ކުރެއްވުމަށް ޓްރަމްޕް ބައިޑަންއަށް ދައުވަތު ދެއްވައިފި

އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައި ވަނީ ޓްރަމްޕް އާއި ބައިޑަން

މި އަހަރު ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރިޕަބްލިކަން ޕާޓީ އިން ކުރިމަތި ލައްވާފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރައްވާ ރައީސް ޖޯ ބައިޑަން އަށް ޓީވީ ބަހުސްއަކަށް ދައުވަތު ދެއްވައިފި އެވެ.

އިންޓަނެޓު މެދުވެރިކޮށް ބައިޑަންއަށް ޓްރަމްޕް ދެއްވި ދައުވަތުގައި ވިދާޅުވެފައި ވަނީ، "ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި" ވެސް ބަހުސް ކުރެއްވުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.

ޓްރަމްޕުގެ ދައުވަތަށް ރައްދު ދެމުން ބައިޑަންގެ ކެމްޕެއިން ޓީމުން ބުނީ، "ސަމާލުކަން ހޯދުމަށް" ޓްރަމްޕް ފެންބޮވައިގެންފައިވާ ކަމަށެވެ. އަދި "މަގްބޫލުކަން ހޯދުމަށް ވެސް" ޓްރަމްޕްއަށް ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ބައިޑަންގެ ޓީމުން ބުނެ އެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އިންތިހާބުގެ ކުރިން ޓީވީ ބަހުސްތަކެއް ބޭއްވުމަށް އަދި ހަމަޖެހިފައެއް ނުވެ އެވެ.

ބަހުސް ކުރުމަށް ޓްރަމްޕް ބައިޑަންއަށް ދައުވަތު ދެއްވާފައި މިވަނީ، ރިޕަބްލިކަން ޕާޓީއިން ޓްރަމްޕްއާ ވާދަކުރަމުން ގެންދެވި ހަމައެކަނި ކެނޑިްޑޭޓް ނިކީ ހޭލީ ރޭސް ދޫކޮށްލެވިތާ މަދު ގަޑިއިރުކޮޅެއް ތެރޭގަ އެވެ.

"އެމެެރިކާއަށާއި އެމެރިކާގެ ރައްޔިތުންނަށް ކޮންމެހެން މުހިންމު ކަންތައްތަކާ ބެހޭ ގޮތުން ޖޯ ބައިޑަން އާއި އަހަރެން ބަހުސް ކުރުމަކީ އަހަރެމެންގެ ގައުމަށް ރަނގަޅު އަދި މުހިންމު ކަމެއް،" ޓްރޫތު ސޯޝަލްގައި ޓްރަމްޕް ލިއުއްވި އެވެ.

އަދި މިފަދަ ބަހުސްތައް ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީއިން ނުވަތަ ކޮމިޝަން އޮން ޕްރެެސިޑެންޝަލް ޑިބޭޓްސް އިން އިންތިޒާމުކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ފާއިތުވެދިޔަ 30 އަހަރު ރިޔާސީ ބަހުސްތައް އިންތިޒާމްކުރީ ކޮމިޝަން އޮން ޕްރެެސިޑެންޝަލް ޑިބޭޓްސް އިންނެވެ.  

އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅޭ (ވީޑިއޯ/ބީބީސީ ނިއުސް)

އުމުރުން 81 ވެފައިވާ ޖޯ ބައިޑަން މާ މުސްކުޅިވެފައި އަދި ކަންކަން ހަނދާން ނެތެމުންދާ ކަމަށް ފާހަގަކޮށް ޓްރަމްޕު ވަނީ ތަކުރާރުކޮށް ބައިޑަން އަށް ފާޑުވިދާޅުވެފަ އެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެއްވާ ބައިޑަން ވިދާޅުވީ، މުސްކުޅިވުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވެފައި ވަނީ ޓްރަމްޕްއަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް