އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާ

ޓްރަމްޕްއަށް އިންތިހާބުގައި ބައިވެރިވުން މަނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް

އިންތިހާބުގައި ޓްރަމްޕް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމުގެ ބާރު އޮންނާނީ ގާނޫނު ހަދާ މަޖިލީހަށް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވޭ

ބަގާވާތެއް ހިންގަން މަސައްކަތް ކުރިކަމަށް ބުނެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވާދަ ނުކުރެވޭނެ ކަމަށް އެމެރިކާގެ ވަކި ވަކި ސްޓޭޓުތަކުން ނިންމި ނިންމުންތަކަށް ސުޕްރީމް ކޯޓުން ގޮންޖަހައިފި އެވެ.

ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ އިއްތިފާފުން މިގޮތަށް ނިންމާފައި ވަނީ ކޮލޮރާޑޯ ސްޓޭޓުގެ މައްސަލައިގައި އެކަންޏެވެ. ނަމަވެސް އެހެން ސްޓޭޓުތަކުން ވެސް މި ނިންމުމަށް އަމަލުކުރަން މަޖުބޫރު ވާނެ އެވެ.

ޓްރަމްޕް ރިޔާސީ އިންތިހާބުގައި ބައިވެރިވުން މަނާ ކުރުމުގެ ބާރު ހަމަ އެކަނި އޮތީ ގާނޫނު ހަދާ މަޖިލީހަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

މި ނިންމުމާ އެކު ކޮލަރާޑޯގައި މާދަމާ އޮންނަ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ އެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އެންމެ ކުރީގައި އުޅުއްވަނީ ޓްރަމްޕް އެވެ. މިއާ އެކު އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޖޯ ބަައިޑަންއާ ވާދަ ކުރުމަށް ނުކުންނަވާނީ ޓްރަމްޕް ކަމަށް މިހާރު ވަނީ ގަބޫލު ކުރެވިފަ އެވެ. 

ޓްރޫތު ސޯޝަލް މީޑިއާގައި ޑޮނަލްޑް ޓްރަމްޕް ސުޕްރީމް ކޯޓުގެ ނިންމުން ސިފަކުރެއްވީ "އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބެއްގެ" ގޮތުގަ އެވެ. އަދި އެ ފަހުން ފްލޮރިޑާގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް ރަނގަޅު ކަމަށާއި "ގައުމަށް ބޭނުންވާ އެއްބައިވަންތަކަން ގެނައުމަށް" މި ނިންމުން އެހީތެރިވެދޭނެ ކަމަށެވެ.

"[ސިޔާސީ] އިދިކޮޅު މީހެއް ބޭނުންވީމަ ދެން ހުންނަ މީހާ ރޭހަކުން ބޭރެއް ނުކޮށްލެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ހިތާމަ ކުރައްވާ ކަމަށާއި "ހުވައާ ހިލާފުވެ ހިންގާ ބަގާވާތްތައް ހުއްޓުމުގެ ބާރު ކޮލޮރާޑޯއަށް ވޯޓުން އޮންނަން ޖެހޭ ކަމަށް،" ކޮލޮރާޑޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖެނަ ގްރިސްވޮލްޑް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕައަށް އިންތިހާބުގައި ބައިވެރި ވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅޭ (ވީޑިއޯ/ބީބީސީ)

ކޮލޮރާޑޯގެ އިތުރުން އިންތިހާބުގައި ޓްރަމްޕް އަށް ބައިވެރި ނުވެވޭނެ ކަމަށް ކަނޑައަޅާފައިވާ އަނެއް ދެ ސްޓޭޓަކީ މެއިން އާއި އިލިނޮއީ އެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީތައް މާދަމާ އެމެެރިކާގެ 14 ސްޓޭޓެއްގައި ކުރިއަށް ދާނެ އެވެ. ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް ޓްރަމްޕްއާ ދެކޮޅަށް މިހާރު ވާދަ ކުރައްވަމުން ގެންދަވާ ހަމަ އެކަނި ކެނޑިޑޭޓަކީ، އެމެރިކާއިން އދ. އަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު، ނިކީ ހޭލީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް