ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ޝެހެބާޒް ޝަރީފް ފުރަތަމަ ހަވާލުވެވަޑައިގަތީ 2022 ގައި އިމްރާން ހާން އެ މަގާމުން ދުރުކުރުމުން.

ޕާކިސްތާން

ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެވަނަ ދައުރަކަށް ޝެހެބާޒް ޝަރީފް ކާމިޔާބުކުރައްވައިފި

ޝެހެބާޒް އަށް ގާނޫނު ހަދާ މަޖިލީހުގެ 201 މެމްބަރަކު ވަނީ ވޯޓު ދީފައި، އިދިކޮޅުން ވާދަކުރި ކެންޑިޑޭޓަށް ލިބިފައި ވަނީ 92 ވޯޓު

އަލަށް އެކުލަވާލި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ބޮޑުވަޒީރުކަން ދެވަނަ ދައުރަކަށް ޝެހެބާޒް ޝަރީފަށް ދިނުމަށް ފާސްކޮށްފި އެވެ.

ޝެހެބާޒް މި މަގާމް ކާމިޔާބު ކުރައްވާފައި ވަނީ ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ކެންޑިޑޭޓެއްގެ މައްޗަށް ކުރި ހޯއްދަވަ އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ބޮޑުވަޒީރެއް ކަނޑައަޅާފައި މިވަނީ، ބިރުދެއްކުމާއި ވޯޓު އޮޅުވާލިކަމުގެ ތުހުމަތުތަކުގެ އަޑުތައް ގަދަވެގެން ދިޔަ އާންމު އިންތިހާބު ބޭއްވިތާ ތިން ހަފްތާ ފަހުންނެވެ.

އެ އިންތިހާބުގައި ޝެހެބާޒް ޝަރީފްގެ ޕީއެމްއެލް-އެން ގޮސްފައި ވަނީ ދެވަނަ އަށެވެ. އެންމެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އިމްރާން ހާންގެ ޕާޓީއިން ތާއީދު ކުރި މިނިވަން ކެންޑިޑޭޓުންނެވެ. ނަމަވެސް އެ ކެންޑިޑޭޓުންނަށް ވެސް މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. 

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަޔާޒް ސާދިގް މިއަދު އިއުލާނު ކުރެއްވިގޮތުގައި، ބޮޑުވަޒީރުކަމަށް ޝެހެބާޒް ހޮވުމަށް މަޖިލީހުގެ 201 މެމްބަރަކު ވަނީ ވޯޓުދީފަ އެވެ. އަދި އިދިކޮޅުން ވާދަކުރި، އިމްރާން ހާންގެ ޕާޓީގެ ތާއީދު ވެސް އޮތް އުމަރް އައްޔޫބް އަށް ލިބިވަޑައިގެންފައި ވަނީ 92 ވޯޓެވެ. 

ބޮޑުވަޒީރަކު ކަނޑައެޅުމަށް މަދުވެގެން 169 ވޯޓު ބޭނުންވެ އެވެ.

ޝެހެބާޒް ޝަރީފް މި ކާމިޔާބީއާ އެކު ތަގްރީރް ކުރައްވަމުން ވިދާޅުވީ، އެއްވެސް ފަރާތަކުން ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބުކޮށްފައި ނެތްކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. އަދި މި ސަބަބާ ހުރެ، އެއް ވިސްނުމެއް ގެންގުޅޭ ޕާޓީތަކުން ކޯލިޝަން ސަރުކާރެއް ގާއިމް ކުރުމަށް މަސައްކަތް ކުރުމަކީ "ޑިމޮކްރެޓިކް ގޮތް" ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން ޝެހެބާޒް ޝަރީފް ކާމިޔާބު ކުރެއްވުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މިދިޔަ މަހު އޮތް އާންމު އިންތިހާބަށް ފަހު ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިން ވަނީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އާ އެކު ކޯލިޝަން އެއްބަސްވުމެއް ހަދާފަ އެވެ. ޕީއެމްއެލް-އެން ހިންގަވަނީ ކުރީގެ ބޮޑުވަޒީރު އަދި ޝެހެބާޒް ޝަރީފްގެ ބޭބޭފުޅު ނަވާޒް ޝަރީފް އެވެ. 

ޒަމާނުއްސުރެ ދެކޮޅުވެރިކަން އޮތް މި ދެ ޕާޓީއިން އަތުގުޅާލާފައި ވަނީ 2022 ވަނަ އަހަރު ބޮޑުވަޒީރު ކަމުގައި ހުންނެވި އިމްރާން ހާން އެ މަގާމުން ދުރުކޮށް ޝެހެބާޒް ޝަރީފް އެ މަގާމަށް އައްޔަން ކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް