ޑާކާގައި ހުންނަ އޮފީސް އިމާރާތުގައި ހިފާފައިވާ ހުޅުގަނޑު މައިތިރި ކުރުމަށް ފަޔަފައިޓަރުން މަސައްކަތް ކުރަނީ.

ބަންގްލަދޭޝް

ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 43 މީހަކު މަރުވެއްޖެ

ރައްކާތެރިކަމާއި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިމާރާތްކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެއް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ވިޔަފާރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 43 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

ސަރަހައްދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލިފާން ފުރަތަމަ ރޯވެފައި ވަނީ މި އިމާރާތުގައި ހުރި ރެސްޓޯރަންޓެއްގައި ރޭ 10 ޖަހާކަން ހާއިރު އެވެ.

މި ހާދިސާގައި އިމާރާތުގައި ތާށިވެފައި ތިބި 75 މީހަކު ސަލާމަތް ކުރެވުނު އިރު އިތުރު ގިނަ ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ޑާކާގެ ފަޔަފައިޓަރުން ބުނީ މި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ދެ ގަޑިއިރުގެ މަސައްކަތުން ކަމަށެވެ. އަލިފާން ރޯވަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ވަޒީރު ސަމަންޓާ ލާލް ސެން ވިދާޅުވީ މި ހާދިސާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 33 މީހަކު މަރުވެފައިވާ ކަމަށް ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އިތުރު 22 މީހެއްގެ ހާލު ކްރިޓިކަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި އިތުރު ރެސްޓޯރަންޓުތަކާއި ހެދުން ވިއްކާ ފިހާރަތަކާއި މޯބައިލް ފޯނު ފިހާރަތައް ވެސް ހުރެ އެވެ.

ބަންގްލަދޭޝްގެ ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް  މައިން އުއްދިން ވިދާޅުވީ އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކަށް ގޭސް ލީކެއްވުން އެކަށީގެންވާ ކަމަށެވެ.

"ވަރަށް ނުރައްކާތެރި އިމާރާތެއް އެއީ، ކޮންމެ ފްލޯއެއްގައި ގޭސް ސިލިންޑަރުތައް ހުރޭ، ސިޑިތައް މަތީގައި ވެސް،" އުއްދިން ވިދާޅުވި އެވެ.

ޑާކާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ (ވީޑިއޯ/ވިއޯން)

ސަލާމަތީ ފިޔަވަޅުތައް ތަންފީޒު ކުރަމުން ނުދިޔުމާއި އާންމުންގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ބަންގްލަދޭޝްގެ އާންމު އަދި ވިޔަފާރި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން އާންމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް