ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ

ރަޝިޔާ

ހުޅަނގުން ޔޫކްރެއިނަށް ސިފައިން ފޮނުވުމާ މެދު ޕޫޓިންގެ އިންޒާރެއް

ޕޫޓިންގެ އިންޒާރު މިއައީ ޔޫކްރެއިންއަށް ހުޅަނގުގެ ސިފައިން ފޮނުވާފާނެ ކަމުގެ އިޝާރާތެއް ފްރާންސްގެ ރައީސް ދެއްވުމުން

ހުޅަނގުގެ އަމާޒުތަކަށް ހަމަލާ ދޭނެ ގާބިލުކަން ހުރި ހަތިޔާރު އެބަ ހުރި ކަމަށާއި،  ޔޫކްރެއިނަށް ހުޅަނގުން ސިފައިން ފޮނުވައިފި ނަމަ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެކަމަށް އިޝާރާތް ކުރައްވާ ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން އިންޒާރު ދެއްވައިފި އެވެ.

ގައުމާ މުހާތަބުކޮށް ތަގްރީރު ކުރައްވަމުން ޕޫޓިން އިއްޔެ ވިދާޅުވީ ރަޝިޔާއިން ޔޫރަޕަށް  ހަމަލާދޭން އުޅޭކަމަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކަށް ނިއުކްލިއާ ހަމަލާއެއް ރަޝިޔާއިން ދިނުމުގެ ގާބިލްކަން ހުރި ކަމަށް  އޭނާ ވިދާޅުވި އެވެ.

ޕޫޓިން މިގޮތަށް ވިދާޅުވެފައި މިވަނީ މިދިޔަ ހޯމަ ދުވަހު ފަރާންސްގެ ރައީސް އެމެނުއެލް މެކޯން ޔޫކްރެއިނަށް ހުޅަނގުގެ ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް އިޝާރާތް ކުރައްވާފައި ވަނިކޮށެވެ. 

"މުޅި ދުނިޔެ ބިރުވެރިކަމަށް ވައްޓާލާ ފަދަ ކަންކަމަށް އިޝާރާތްކޮށް އެ މީހުން މިހާރު އެ ދައްކާ ހުރިހާ ވާހަކައެއް، މި ހުރިހާ ވާހަކަތަކަކުން އަސްލު ދޭހަވެގެން ދަނީ ނިއުކްލިއާ ހަނގުރާމައެއްގެ އިންޒާރު. އޭގެ މާނައަކީ އިންސާނީ ދަރިފަސްކޮޅު ނެތިގެން ދިޔުން. އެމީހުންނަށް މިކަން ނޭނގެނީތަ؟ ނޫނީ ދެން ކިހިނެއް ވަނީ؟" ޕޫޓިން ވިދާޅުވި އެވެ.

"އެ މީހުންނަށް އެނގެން އެބަ ޖެހޭ އަހަރެމެންގެ އަތުގައި ވެސް ހަތިޔާރު ހުރިކަން. އެމީހުންނަށް އެކަން އެނގޭނެ. ދެންމެ އަހަރެން ބުނި ފަދައިން - އަހަރެމެން އަތުގައި ވެސް އެބަހުރި އެމީހުންގެ ސަރަހައްދުތަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ހަތިޔާރު."

މީގެ ދެ އަހަރު ކުރިން ޔޫކްރެއިނާ ދެކޮޅަށް އުދުވާން ފެށި ފަހުން ޕޫޓިން އަންނަނީ ދޭތެރެ ދޭތެރެއިން ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން ވާހަކަ ދައްކަވާ ހުޅަނގަށް އިންޒާރު ދެއްވަމުންނެވެ. މިދިޔަ އަހަރު ރަޝިޔާއިން ވަނީ އަވަށްޓެރި އަދި އެކުވެރި ބެލަރޫސް އަށް ޓެކްޓިކަލް (ކުދި) ނިއުކްލިއާ ހަތިޔާރުތަކެއް ވެސް ބަދަލުކޮށްފަ އެވެ. 

ޖައްވުގައި ހުރި ސެޓެލައިޓުތައް ގޮއްވާލެވޭ ފަދަ ނިއުކްލިއާ ހަތިޔާރެއް އުފައްދަން ރަޝިޔާއިން މަސައްކަތް ކުރަމުން ދާ ކަމަށް ސީއެންއެން އިން ވަނީ މިމަހު ރިޕޯޓުކޮށްފަ އެވެ.

ގައުމާ މުހާތަބްކޮށް ޕޫޓިން ދެއްވި ތަގްރީރުގެ ތެރެއިން (ވީޑިއޯ/ސްކައި ނިއުސް)

ރަޝިޔާގެ ރިޔާސީ އިންތިހާބު ބާއްވަން 17 ދުވަހަށް ވެފައި ވަނިކޮށް ގައުމާ މުހާތަބުކޮށް ޕޫޓިން ދެއްވި ތަގްރީރު ދެ ގަޑިރަށް ވެރު ގިނަ އިރަށް ދެމިގެން ދިޔަ އެވެ. 

މި ފަހަރުގެ އިންތިހާބު ވެސް ބޮޑު އަގުލަބިއްޔަތަކުން ޕޫޓިން ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް