އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތައް އިސްތިއުމާރުކޮށްފައި އޮތުމާ ގުޅޭ އަޑުއެހުންތައް އައިސީޖޭގައި ފެށީ މިދިޔަ ހޯމަ ދުވަހު

ފަލަސްތީން

ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ދެ ގޮތެއް ގެންގުޅޭތީ ގަތަރުން އައިސީޖޭގައި ފާޑުކިޔައިފި

އައިސީޖޭގެ އަޑުއެހުންތަކުގައި ގިނަ ގައުމުތަކަކުން އަންނަނީ އިޒްރޭލަށް ފާޑުކިޔަމުން
24 ފެބްރުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތައް އިސްތިއުމާރު ކޮށްފައި އޮތް މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި، ބައެއް ގައުމުތަކުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކޮށްފައި އެހެން ގައުމުތަކުގެ މައްޗަށް މި ގާނޫނުތައް ތަންފީޒުނުކުރާ ކަމަށް ބުނެ ގަތަރުން ފާޑުކިޔައިފި އެވެ.

"ބައެއް ކުޑަކުދިންނަށް ރައްކާތެރިކަން ދޭން ހައްގު، ދެން ތިބި ކުދިން ހާހުން މަރުވަމުން ދިޔަސް،" ގަތަރުގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ މުތުލަގް އަލް-ގަހްތާނީ އިއްޔެ ވިދާޅުވި އެވެ.

"މި ދެފުށްދެގޮތްކަން ގަތަރުން ކުށްވެރިކުރަން. ހުރިހާ ހާލަތްތަކެއްގައި ވެސް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކުރެވެން ޖެހޭ. އެންމެންގެ މައްޗަށް ތަންފީޒު ކުރަން ޖެހޭ އަދި ޖަވާބުދާރީ ކުރެވެން ޖެހޭ."

ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ ކޯޓުގައި އަލް-ގަހްތާނީ ވިދާޅުވީ "ފަލަސްތީނު ރައްޔިތުންގެ މައްޗަށް ޔަހޫދީ އިޒްރޭލުގެ ބާރު ހިންގުމަށް" އިޒްރޭލުން ނަސްލީ ތަފާތު ކުރުމުގެ ވެރިކަމެއް ތަންފީޒު ކުރަމުންދާ ކަމަށެވެ.

އަދި އިޒްރޭލުގެ މި އިސްތިއުމާރު ކުރުމަކީ، ފަލަސްތީނު ރައްޔިތުންނަށް އޮންނަން ޖެހޭ ހައްގުތަކަށް ހުރަސް އެޅޭތީ، ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަތަރުގެ ސަފީރު އިތުރަށް ވިދާޅުވީ "ބަލައިނުގަނެވޭނެ މި ހާލަތު ރަނގަޅު ކުރުމުގެ ޒިންމާ އާއި ބާރު" އައިސީޖޭއަށް އޮތް ކަމަށެވެ. އަދި "ބައިނަލްއަގްވާމީ ގާނޫނުތައް ނެގެހެއްޓުމުގެ އިތުބާރު ބިނާވެފައި އޮތީ ތިޔަ ބޭފުޅުންގެ ވިސްނުމުގެ މައްޗަށް އަދި މިކަމުގެ މުހިންމުކަން އިތުރަށް ދެން ބޮޑެއް ނުވާނެ" ކަމަށް ވެސް އަލް-ގަހްތާނީ ވިދާޅުވި އެވެ.

ގަތަރާއި އެމެރިކާ އަދި މިސުރުން އަންނަނީ ހަމާސް-އިޒްރޭލު ހަނގުރާމަ ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތައް އިސްތިއުމާރު ކޮށްފައި އޮތުމާ ދެކޮޅަށް އައިސީޖޭއަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހޯމަ ދުވަހު ފަށައި 50 އަށް ވުރެ ގިނަ ގައުމުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަތަރެކޭ އެއްގޮތަށް ސައުތު އެފްރިކާއިން ވެސް ވަނީ އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ މައްޗަށް ނަސްލީ ތަފާތު ކުރުމުގެ އިސްތިއުމާރު ކުރުމެއް އިޒްރޭލުން މަތިކޮށްފައިވާ ކަމަށް ވެސް ސައުތު އެފްރިކާއިން ތުހުމަތުކޮށްފައި ވެ އެވެ.

މި އަޑުއެހުންތަކުގައި ޕާކިސްތާނުގެ ފަރާތުން ވާހަކަ ދެއްކެވި އެ ގައުމުގެ ގާނޫނާއި އިންސާފާ ބެހޭ ވަޒީރު އަހްމަދު އިރްފާން އަސްލަމް ވިދާޅުވީ، ފަލަސްތީނުގެ ސަރަހައްދުތައް އަނބުރާ ނުނެގޭނެ ގޮތަށް އިޒްރޭލުން ހިފަމުން ދިޔަ ނަމަވެސް ތާރީހުން މިކަން ބަދަލުވެދާނެކަން ފެންނަން އޮތް ކަމަށެވެ. މިކަމުގެ މިސާލެއް ގޮތަށް އަސްލަމް ނެންގެވީ އަލްޖީރިއާގެ ސަރަހައްދުތަކުން ފަރަންސޭސި މީހުން 1962 ގައި ފޭބި ފޭބުމެވެ.

މި އަޑުއެހުންތަކުގައި ވާހަކަދެއްކެވި ނޯވޭގެ ސަފީރު ވަނީ އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތައް އިސްތިއުމާރު ކޮށްފައި އޮތް އޮތުން ދާއިމީ ކަމަކަށް ނުވާނެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެހެން ކަމުގައިވާ ނަމަ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ އަޑުއެހުމުގައި ދެން ވާހަކަ ދެއްކެވި އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަަރްސޫޑީ ވިދާޅުވީ "އަޅުގަނޑު ތިބޭފުޅުންގެ ކުރިމަތީގައި މިހުރީ އިޒްރޭލުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުވަމުންދާ ދިޔުމަށް އިންސާފު ހޯދުމަށް" ކަމަށެވެ. 

އަދި އިޒްރޭލުން "ގާނޫނީ އިމުން ބޭރުން [ފަލަސްތީނުގެ ސަރަހައްދުތައް] އިސްތިއުމާރު" ކޮށްފައި އޮތް އޮތުން އާދައިގެ ކަމަކަށް ހަދައި ނުވަތަ އެކަން ބަލައިގަނެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ އަޑުއެހުމުގައި ތަފާތު މޭރުމަކުން ވާހަކަ ދައްކަވާފައި ވަނީ އިނގިރޭސިވިލާތުގެ ސަފީރެވެ. މި މައްސަލައިގައި ކުރިން ވާހަކަ ދައްކަވާފައިވާ އެމެރިކާގެ ސަފީރެކޭ އެއްގޮތަށް އިނގިރޭސި ސަފީރު ވެސް އެދިވަޑައިގެންނެވީ ކޯޓުން ވަކި ކޮޅަކަށް މި މައްސަލަ ނުނިންމުމަށެވެ.

އައިސީޖޭގައި މިހާރު ކުރިއަށްދާ ފަލަސްތީނު މައްސަލައާ ގުޅޭ (ވީޑިއޯ/އަލް ޖަޒީރާ އިންގްލިޝް)

އައިސީޖޭގައި ކުރިއަށްދާ މި މައްސަލަ އަކީ، ގާޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތައް އެތައް ޒަމާނެއް ވަންދެން ހިފާފައި އޮތް އޮތުން ބައިނަލްއަގްވާމީ މުއައްސަސާތަކުން ތަހްގީގު ކުރުވުމަށް ފަލަސްތީނުގެ އޮފިޝަލުން ހުށައަޅާފައިވާ މައްސަލަ އެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް