ބްރެޒިލްގެ ރައީސް ލޫލާ ގެންދަވަނީ ގާޒާ ހަނގުރާމަ ފެށުނު ފަހުން ތަކުރާރުކޮށް އިޒްރޭލަށް ފާޑު ކިޔަމުން.

އިޒްރޭލް

ބްރެޒިލް ރައީސް ލޫލާގެ ވާހަކަތައް އިޒްރޭލުން ކުށްވެރިކޮށްފި

ލޫލާގެ ވާހަކަތަކަކީ 'ރަތް ރޮނގެއް ހުރަސް ކުރުން ކަމަށް' އިޒްރޭލުން ބުނެފައިވޭ
19 ފެބްރުއަރީ 2024

އިޒްރޭލުން ގާޒާގައި ގަތުލު އާންމެއް ހިންގަމުންދާ ކަމަށާއި، އިޒްރޭލުގެ އަމަލުތައް ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫދީންނާ ދެކޮޅަށް ޖަރުމަނުގެ ނާޒީން ހިންގި ލާއިންސާނިއްޔަތުކަން (ހޮލޮކޯސްޓާ) އެއްގޮތް ކަމަށް ސިފަކޮށް ބްރެޒިލްގެ ރައީސް ދެއްކެވި ވާހަކަތައް  އިޒްރޭލުން ކުށްވެރިކޮށްފި އެވެ.

ބްރެޒިލްގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ސިފަކުރެއްވި ގޮތުގައި ގާޒާ ހަނގުރާމައަކީ "ފުރިހަމައަށް ތައްޔާރުވެފައިވާ ލަޝްކަރަކާއި އަންހެނުންނާއި ކުޑަކުދިންނާ ދެމެދު" ހިންގާ އަސްކަރީ ކެމްޕެއިނެކެވެ.

ލޫލާގެ ވާހަކަތަކުން ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫންދީންނަށް ލިބުނު އަނިޔާތަކަށް މަލާމަތް ރައްދުވާ ކަމަށާއި ގާޒާގައި ހަނގުރަމާ ކުރަމުން އަންނަނީ ހަމާސް ނައްތާލައި، ރަހީނުކޮށްފައިވާ މީހުން މިނިވަންކުރަން ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުގެ އިތުރުން ބްރެޒިލްގެ އެންމެ ބޮޑު ޔަހޫދީ އިދާރާއިން ވެސް ވަނީ ލޫލާގެ  ވާހަކަތައް ކުށްވެރިކޮށްފަ އެވެ.

އިތިއޮޕިއާގައި އޮތް އެފްރިކަން ޔޫނިއަން ސަމިޓުގައި ބައިވެރިވެވަޑައިގެން  ލޫލާ ވިދާޅުވީ ގާޒާގައި ހިންގާ ކަންތައްތަކާ އެއްގޮތް ކަމެއް ތާރީހުން ފެންނަން ނެތް ކަމަށެވެ. އެއާ ކިރިޔާ ވެސް އެއްގޮތް ކަމަކަށް ފެންނަނީ ޔަހޫންދީން މަރަން ހިޓްލަރު ނިންމި ނިންމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ސިފައިންނާއި ސިފައިންގެ މެދުގައި ކުރެވޭ ހަނގުރާމައެއް ނޫން. މިއީ ފުރިހަމައަށް ތައްޔާރުވެފައިވާ ލަޝްކަރަކާއި އަންހެނުންނާއި ކުޑަކުދިންނާ ދެމެދު ކުރާ ހަނގުރާމައެއް،" ލޫލާ ވިދާޅުވި އެވެ.

ހަމާސްއިން 7 އޮކްޓޯބަރުގައި އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީ މަދުވެގެން 1،200 އެއްހާ މީހުން މަރާލުމާ ގުޅިގެން ހަމާސްގެ އަމަލުތައް އޭރު ލޫލާ ކުށްވެރިކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން އިޒްރޭލުން ގާޒާއަށް ކުރިމަތިކުރަމުން ދާ ހާލަތު ލޫލާ ގެންދަވަނީ ތަކުރާރުކޮށް ކުށްވެރިކުރައްވަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ގާޒާ ހަނގުރާމައާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅޭ (ވީޑިއޯ/އެންބީސީ ނިއުސް)

އެފްރިކަން ސަމިޓުގައި ލޫލާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ "ނާޒީންގެ ހޮލޮކޯސްޓާއި ހިޓްލަރާއި، އިޒްރޭލާ އަޅާބެލުމަކީ ރަތް ރޮނގެއް ހުރަސް ކުރުން" ކަމަށެވެ.

ނާޒީން ހިންގި ހޮލޮކޯސްޓުގައި 1930 އާއި 1940ގެ އަހަރުތަކުގައި 6 މިލިއަނެއްހާ ޔަހޫދީން ނިޒާމީ ގޮތެއްގައި ހިންގި އަމަލްތަކުގައި މަރާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް