ވެރިރަށް ބެންކޮކްގައި ހުންނަ ފުލުހުންގެ ހޮސްޕިޓަލަކުން ތަކްސިން ޝިނަވަތުރާ ކާރުގައި ގެއަށް ވަޑައިގަންނަވަނީ

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން މިނިވަންކޮށްފި

18 ފެބްރުއަރީ 2024

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ ޕެރޯލްގެ ދަށުން މިނިވަންވުމަށް ފަހު ވެރިރަށް ބެންކޮކްގައި ހުންނަ އޭނާގެ ގަނޑުވަރަށް ވަޑައިގެންފި އެވެ.

ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އެއް އަހަރުގެ ޖަލު ހުކުމެއް އޭނާ ގެންދެވީ ތަންފީޒު ކުރައްވަމުންނެވެ. ބިލިއަނަރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ ފުލުހުންގެ ހޮސްޕިޓަލެއްގަ އެވެ.

ތަކްސިން،74، ގައުމުން ބޭރުގައި 15 އަހަރު ވަންދެން އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ތައިލެންޑަށް ވަޑައިގަތީ މިދިޔަ އޯގަސްޓް މަހު އެވެ. އަދި އޭނާ އެނބުރި ގައުމަށް ވަޑައިގަތުމާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސިއްހީ މައްސަލަތަކެއް ދިމާވެ، އެންމެ ރެއަކު ވެސް އޭނާ ޖަލުގައި ހޭދަކުރައްވާފައެއް ނުވެ އެވެ.

ތަކްސިންގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް، ރަސްގެފާނު އެއް އަހަރަށް ބަދަލުކުރެއްވީ އޭނާ އެނބުރި ގައުމަށް ވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުންނެވެ.

އޭނާގެ ޖަލު ހުކުމަށް ލުއި ދިން މައްސަލައާ މެދު ތައިލެންޑުގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ މީހުން ބުނަނީ މުއްސަނދިންނާއި ފަގީރުން އަބަދު ވެސް ތަފާތު ކުރާ ކަމަށާއި މުއްސަނދިންނަށް އަބަދު ވެސް ލުއި ގޮތްތައް ލިބޭ ކަމަށެވެ.

ތަކްސިންއަކީ ކޮން ބޭފުޅެއް؟

 ހަ މަސް ދުވަހު ފުލުހުންގެ ހޮސްޕިޓަލުގައި ހޭދަ ކުރެއްވުމަށް ފަހު ތަކްސިން މިއަދު އެ ހޮސްޕިޓަލުން ކާރުގައި ނުކުންނެވި ތަން ފެނުނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ އޭނާގެ އުމުރާއި ސިއްހީ މައްސަލަތަކުގެ ސަބަބުން އޭނާއަށް ޕެރޯލްގެ ހައްގު ލިބޭ ކަމަށެވެ.

ނަމަވެސް އޭނާ ދޫކޮށްލީ މޮނިޓަރިން ނުވަތަ ދަތުރުފަތުރު ކުރުން މަނާކުރުން ފަދަ ބައެއް ހާލަތްތަކުގައި ކަމެއް އެ މީހުން ނުބުނެ އެވެ.

ތަކްސިންނަކީ ތައިލޭންޑްގެ އެންމެ ކާމިޔާބު އިންތިހާބީ ލީޑަރެވެ. އޭނާ ދެކެ ކޮންޒަވޭޓިވް ރޯޔަލިސްޓުންނާއި އަސްކަރީ ފަރާތްތަކުން ބިރުގަނެވެ.

ބަގާވާތަކުން އޭނާ މަގާމުން ދުރުކުރިތާ ދެ އަހަރު ފަހުން، 2008 ވަނަ އަހަރު އޭނާ ވަނީ ގައުމު ދޫކޮށް ވަޑައިގެންފަ އެވެ.

އޭނާގެ އާއިލާގެ ފީއު ތައި ޕާޓީ މިހާރު އޮތީ ތައިލެންޑުގެ ވެރިކަމުގަ އެވެ.

ކުރީގެ ޓެލެކޮމް މެގްނެޓް އަދި ވެސް ހުންނެވީ ބެންކޮކްގެ މުއްސަނދިންގެ ތެރެއިން ގިނަ ބަޔަކު ނުރުހުންފާޅުކުރި ނަމަވެސް، އޭނާގެ މަގުބޫލު ސިޔާސަތުތަކުގެ ސަބަބުން އެތައް މިލިއަން ފަގީރު ރަށްރަށުގެ މީހުންގެ ލޯބި ލިބިފައިވާ އާންމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ތަކްސިން އަކީ ތައިލެންޑްގެ ތާރީހުގައި ވެރިކަމުގެ ފުރިހަމަ ދައުރެއް ހިންގެވި އިންތިހާބުކުރި ފުރަތަމަ ބޮޑުވަޒީރެވެ. އޭނާ ބޮޑުވަޒީރުކަން ކުރެއްވީ 2001 އިން 2006 އާ ހަމައަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް