ނައިޖީރިއާގެ ކުރީގެ ރައީސް މުހައްމަދު ބުހާރީ

ނައިޖީރާ

ނައިޖީރިއާގެ ކުރީގެ ރައީސް ބުހާރީގެ ވަގު ސޮއިކޮށްގެން މަރުކަޒީ ބޭންކުން 6 މިލިއަން ޑޮލަރު ވަގަށް ނަގައިފި

17 ފެބްރުއަރީ 2024

ނައިޖީރިއާގެ ކުރީގެ ރައީސް މުހައްމަދު ބުހާރީގެ ސޮއި ވެސް ހިމެނޭ ގޮތަށް ވަގު ސޮއިތަކެއް ކޮށްގެން މަރުކަޒީ ބޭންކުން 6.2 މިލިއަން ޑޮލަރު ނެގި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ހޯދައި ހައްޔަރު ކުރުމަށް އެއްބާރުލުން ހޯދުމަށް ނައިޖީރިއާ އިން އިންޓަޕޯލަށް ހުށަހަޅައިފި އެވެ.

އެ ތިން މީހުންނާއި ނައިޖީރިއާގެ ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާ ގޮޑްވިން އެމެފީލް އާ ދެމެދު ގުޅުންތަކެއް އޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ވަގަށް ނެގި ފައިސާ ނާޖާއިޒު ގޮތުގައި ލިބުމުގެ އިތުރުން 20 ދައުވާއެއްގެ ޝަރީއަތް މިހާރު ވެސް އޭނާގެ މައްޗަށް ދަނީ ހިންގަމުންނެވެ. އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އަދި އޭނާގެ ކުށެއް ނެތްކަން އޭނާ ގެންދަވަނީ ދައްކަވަމުންނެވެ.

ނައިޖީރިއާގެ މަރުކަޒީ ބޭންކުގެ ކުރީގެ ވެރިޔާ ގޮޑްވިން އެމެފީލް: ދައުވާތަކަށް އިންކާރު ކުރޭ

އެމެފީލްގެ ޝަރީއަތަކީ މިދިޔަ މެއި މަހު ފެށި ރައީސް ބޯލާ ޓިނުބޫގެ ވެރިކަމުގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގި މުހިންމު މަސައްކަތެކެވެ.

ޕްރޮސެކިއުޓަރުން ގަބޫލު ކުރަނީ މަރުކަޒީ ބޭންކުން އެ ފައިސާ ދޫކުރުމުގެ ހުއްދަ އެމެފީލް ހުއްދަ ދިނީ ގާނޫނާ ހިލާފަށް ކަމަށެވެ. ނަމަވެސް އެމެފީލް ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ އޭނާގެ އަގު ވައްޓާލުމުގެ މަގުސަދުގައި ހަދާފައިވާ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

ނައިޖީރިއާ ސަރުކާރުގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވެނީ، އާދަމު އަބޫބަކުރު، އިމާމް އަބޫބަކުރު އަދި މަރުކަޒީ ބޭންކުގެ ކުރީގެ މުވައްޒަފު އޮޑޯހް އޮކެމޭ އެވެ.

އަދި އެ މީހުން ނައިޖީރިއާ ދޫކޮށް ގޮސްފައިވާ ކަމަށް ބެލެވޭތީ، އެ މީހުން ހައްޔަރުކޮށްގެން އަނބުރާ ގައުމަށް ގެނައުމަށް އިންޓަޕޯލްގެ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެ ތިން މީހުންގެ ތެރެއިން އެއްވެސް މީހަކު އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އެ މީހުން ހައްޔަރުކުރަން ސަރުކާރުން އަމުރުކުރީ ކުރީގެ ރައީސް ބުހާރީގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ބޮސް މުސްތަފާ އެމެފީލްގެ ޝަރީއަތުގައި ހެކިބަސް ދިންތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ވެރިރަށް އަބޫޖާގެ ކޯޓުގައި މުސްތަފާ ވިދާޅުވީ އެ 6.2 މިލިއަން ޑޮލަރު ނެގުމުގެ ރުހުން ދިނުމަށް އޭނާ ވެސް އަދި ބުހާރީ ވެސް ސޮއި ކޮށްފައި ނުވާނެ ކަމަށެވެ.

އެ ފައިސާ ނެގުމަށް ބޭނުންކުރި ލިޔުން ދެއްކުމުން މުސްތަފާ ވިދާޅުވީ އެއީ "ރައީސް އޮފީހުން ފޮނުވި ލިޔުމެއް ނޫން" ކަމަށެވެ.

ނަގުދުން އެ ފައިސާ ނެގީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ބުހާރީގެ ދައުރު ނިމެން އޮތީ މަދު މަސްކޮޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް