ގާޒާގައި ހުންނަ އުންރުވާގެ މައި އޮފީސް

ފަލަސްތީން

އެހީތައް ހުއްޓުމާ އެކު އޮޕަރޭޝަންތަކަށް ހުރަސް އެޅެމުން ދާކަމަށް އުންރުވާއިން ބުނެފި

އުންރުވާއާ ދެކޮޅަށް އިޒްރޭލުން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ފަށާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ
16 ފެބްރުއަރީ 2024

މުއްސަނދި ބައެއް ގައުމުތަކުން އެހީ ދިނުން ހުއްޓާލުމާ ގުޅިގެން ގާޒާގައި  އޮޕަރޭޝަންތައް ހިންގަން ދަތިވަމުން ދާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ އދ.ގެ އެޖެންސީ އުންރުވާގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ހުޅަނގުގެ ގިނަ ގައުމުތަކަކުން އުންރުވާއަށް އެހީ ދިނުން މަޑުޖައްސާލީ 7 އޮކްޓޯބަރުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.

"ފަނަރަ ގައުމަކުން އުންރުވާއަށް ދެމުން އަންނަ އެހީތައް މަޑުޖައްސާލުމަށް ނިންމުމުން ހުއްޓުނު ފައިސާގެ އަދަދު 450 މިލިއަން ޑޮލަރަށް އަރާ،" އަޔަލެންޑްގެ ޑަބްލިންގައި  ހުންނަވާ އުންރުވާގެ ވެރިޔާ ފިލީޕޭ ލައްޒަރީނީ ވިދާޅުވި އެވެ.

"މިގޮތަށް މިކަން އޮންނަން ވެއްޖެ ނަމަ އަހަރެމެންނަށް އޮޕަރޭޓު ކުރުމަށް ޔަގީނުން ވެސް ދަތިވާނެ."

ލައްޒަރީނީގެ ކަންބޮޑުވުންތައް ހިއްސާކުރައްވާ އަޔަލެންޑުގެ ބޮޑުވަޒީރުގެ ނައިބު މައިކަލް މާޓިން ވަނީ އެހީ ދިނުން މަޑުޖައްސާލި ގައުމުތަކުން އެ ނިންމުން ބަދަލުކުރަން އެދިވަޑައިގެން، އަޔަލެންޑުން އުންރުވާއަށް 20 މިލިއަން ޔޫރޯގެ އެހީ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އުންރުވާއާ ދެކޮޅަށް އިޒްރޭލުން ވަނީ ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ފަށާފައި. ގާޒާގައި ތިބި އާންމުންނަށް ބޭނުންވާ ވަރަށް އެހީ ފޯރަމުންނެއް ނުދޭ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މާޓިން ވިދާޅުވި އެވެ.

އުންރުވާގެ ވެރިޔާ ފިލިޕޭ ލައްޒަރީނީ ދެއްވި ބަސްދީގަތުން (ވީޑިއޯ/ރޮއިޓާސް)

އިނގިރޭސިވިލާތުން އުންރުވާއަށް ދިނުން މަޑުޖައްސާލާފައިވާ އެހީ އަލުން ފެށުމުގެ ކުރިން އެ ޖަމިއްޔާގެ އެއްވެސް މުވައްޒަފެއް އިޒްރޭލަށް ހަމަލާ ދިނުމަށް ބޭނުންނުވާ ކަމުގެ "ޔަގީންކަން" ލިބެން ޖެހޭނެ ކަމަށް އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމެރޮން ވަނީ ބުދަދުވަހު ވިދާޅުވެފަ އެވެ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް