އެމެރިކާގެ މިހާރުގެ ރައީސް ބައިޑެން (ވ) އަދި އެ މަނިކުފާނާ ވާދަކުރައްވާނެ ކަމަށް ބެލެވޭ ޓްރަމްޕް.

އެމެރިކާ

ޓްރަމްޕްގެ ނޭޓޯ ވާހަކަތައް ލަދުވެތިކަމަށް ބައިޑެން ވިދާޅުވެއްޖެ

ދިފާއުއަށް ހަރަދު ނުކުރާ ނޭޓޯގެ މެމްބަރަކާ މެދު ބޭނުން ގޮތެއް ހެދުމަށް ރަޝިޔާއަށް ހިތްވަރު ދޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި
14 ފެބްރުއަރީ 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޭޓޯއާ ބެހޭގޮތުން މި ހަފްތާ ތެރޭގައި ދެއްކެވި ވާހަކަތައް "ގަމާރު"، "ލަދުވެތި" އަދި "އެމެރިކާގެ ވިސްނުމާ ނުގުޅޭ" ކަމަށް ކަމަަށް ވިދާޅުވެ ރައީސް ޖޯ ބައިޑަން ފާޑުވިދާޅުވެއްޖެ އެވެ.

ނޭޓޯގެ މެމްބަރު ގައުމަކަށްވެ ހުރެ ކޮންމެ އަހަރަކު ދިފާއީ ކަންކަމަށް މަދުވެގެން ހަރަދު ކުރަން ޖެހޭ ޖީޑީޕީގެ %2 ހޭދަ ނުކުރާ ގައުމުތަކަށް ރަޝިޔާއިން ހަމަލާ ދިނުމަށް "ހިތްވަރު ދޭނެކަމަށް" ބުނެ ޓްރަމްޕު ވިދާޅުވި ވާހަކަތައް ބައިޑަން ވަނީ ކުށްވެރި ކުރައްވާފަ އެވެ.

އަދި ޓްރަމްޕުގެ މި ވާހަކަފުޅުގެ ސަބަބުން އެކުވެރި ގައުމުތަކަށް ފޯރުކޮށްދިނުމަށް އެމެރިކާއިން ރާވަމުން އަންނަ 95 ބިލިއަން ޑޮލަރުގެ ހިލޭ އެހީގެ ބިލުގެ ފާސް ކުރުމުގެ މުހިންމުކަން ފާހަގަވެގެންދާ ކަމަށް ބައިޑަން ވިދާޅުވި އެވެ.

މި ބިލު މިހާރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއިން ފާސްވެފައިވީ ނަމަވެސް މަޖިލީހުގެ ދަށު ގެއިން ވެސް ފާސްވާން ޖެހެ އެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްގައި ހުންނަވާ ބައިޑަން ވިދާޅުވީ މި ބިލުގައި ޔޫކްރެއިނަށް ދިނުމަށް އެހީގެ ގޮތުގައި 60 ބިލިއަން ޑޮލަރު ހިމަނާފައިވާ އިރު، މި ބިލު ފާސް ނުވުން ވެގެން ދާނީ ރަޝިޔާގެ ރައީސް ޕޫޓިން އަށް ބޮޑެތި ފައިދާތަކެއް ލިބިވަޑައިގަންނަވާނެ ކަމަކަށެވެ.

އަދި ޓްރަމްޕް ދައްކަވާފައިވާ "ނުރައްކާތެރި" ވާހަކަތަކާ ގުޅިގެން މި ބިލު ފާސް ކުރުމުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ބައިޑަން ފާހަގަ ކުރެއްވި އެވެ.

"ތާރީހުގައި ވެސް އެއްވެސް ރައީސަކު ރަޝިޔާގެ ހުދުމުހުތާރު ވެރިޔެއްގެ ދަށުވެފައެއް ނުވޭ،" ބައިޑަން ވިދާޅުވި އެވެ. 

"އަހަންނެއް ދުވަހަކު ވެސް [ދަށެއް] ނުވާނަން. އެއީ ގަމާރު ކަމެއް. ލަދުވެތި ކަމެއް. ނުރައްކާތެރި ކަމެއް. އަދި އެމެރިކާގެ ވިސްނުމާ ނުގުޅޭ ކަމެއް."

ޓްރަމްޕް ނޭޓޯގެ ގައުމުތަކަށް ފާޑުވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހު ސައުތު ކެރޮލީނާ ސްޓޭޓުގައި އޮތް ކެމްޕެއިން ރެލީއެއްގަ އެވެ.

އެ ރެލީގައި ނޭޓޯގެ ބޮޑު ގައުމެއްގެ ވެރިޔަކާ ދެމެދު ކުރިން ދެކެވިފައި ހުރި ވާހަކަތަކެއް ޓްރަމްޕު ހިއްސާ ކުރައްވާފައިވެ އެވެ.

އަސްކަރިއްޔާއަށް ކޮންމެ އަހަރަކު %2 ހޭދަ ނުކުރާ ނޭޓޯގެ މެމްބަރު ގައުމެއް އެމެރިކާއިން ދިފާއު ކޮށްފާނަންތޯ އެ ލީޑަރު ސުވާލު ކުރެއްވުމުން ހިމާޔަތެއް ނުދޭނެ ކަމަށާއި ރަޝިޔާއިން އެ ގައުމަކަށް ބޭނުން ގޮތެއް ހެދުމަށް ހިތްވަރު ދެއްވާނެ ކަމަށް ޖަވާބު ދެއްވިކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ ނޭޓޯ ވާހަކަފުޅަށް ރައީސް ބައިޑަން ރައްދު ދެއްވުމާ ގުޅޭ (ވީޑިއޯ/ސީބީއެސް އީވްނިންގް ނިއުސް)

ޓްރަމްޕަށް ފާޑުވިދާޅުވަމުން ބައިޑަން ވިދާޅުވީ، "އަހަރެން ރައީސް ކަމުގައި ހުންނަވާހާ ހިނދަކު ޕޫޓިން ނޭޓޯގެ މެމްބަރަކަށް ހަމަލާ ދީފި ނަމަ އެމެރިކާއިން ނޭޓޯގެ އެންމެ އިންޗިއެއްހާ މިންވަރު ވެސް ދިފާއު ކުރާނެ" ކަމަށެވެ.

ފައިނޭންޝަލް ޓައިމްސް ނޫހުގައި ހިމަނާފައިވާ ރިޕޯޓެއް ބުނާގޮތުން، ނޭޓޯގައި ހިމެނޭ 31 ގައުމުގެ ތެރެއިން 18 ގައުމަކުން ދިފާއުއަށް ކުރާ ހޭދަ ޖީޑީޕީގެ %2ގައި މިއަހަރު ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް