އެސްޓޯނިއާގެ ބޮޑުވަޒީރު ކަޔާ ކަލާސް ޔޫރަޕިއަން ޔޫނިއަންގެ ސަމިޓެއްގައި 1 ފެބްރުއަރީ 2024 ގައި ވާހަކަ ދައްކަވަނީ.

ރަޝިޔާ

ބޯލްޓިކް ގައުމުތަކާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ގޯސްވަނީ

ނޭޓޯއާ ދެކޮޅަށް ހަނގުރާމައެއް ކުރަން ޖެހޭ ކަމަށް ރަޝިޔާ އިން ދެކޭ ކަމަށް އެސްޓޯނިއާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވަނީ ވިދާޅުވެފައި
14 ފެބްރުއަރީ 2024

ރަޝިޔާ އާއި ބޯލްޓިކް ގައުމުތަކުގެ ގުޅުން ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ގޯސްވެފައިވާ ދަނޑިވަޅެއްގައި، ރަޝިޔާގެ "ވޯންޓަޑް" (ބޭނުންވެގެން ހޯދާ) ލިސްޓުގައި ބޯލްޓިކް ގައުމުތަކުގެ އިސް އޮފިޝަލުންތަކެއް ހިމަނައިފި އެވެ.

ރަޝިޔާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ އިއްޔެ ވިދާޅުވިގޮތުގައި އެ ލިސްޓުގައި އެސްޓޯނިއާގެ ބޮޑުވަޒީރު ކަޔާ ކަލާސް އާއި ބޯލްޓިކްގެ އިތުރު ދެ އޮފިޝަލަކު ހިމެނެ އެވެ.

ރަޝިޔާގެ މި ނިންމުން އައިސްފައި މިވަނީ ހުޅަނގާ ދެކޮޅަށް ކުރިއަށް އޮތް 10 އަހަރު ތެރޭ ރަޝިޔާއިން ހަނގުރާމަައެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ އެސްޓޯނިއާ އިން ޖާސޫސީ ރިޕޯޓެއް ނެރެފައި ވަނިކޮށެވެ.

އެސްޓޯނިއާގެ ބޮޑުވަޒީރު ކަލާސްގެ އިތުރުން ރަޝިޔާގެ ލިސްޓުގައި ދެން ހިމަނާފައި ވަނީ އެސްޓޯނިއާގެ ސްޓޭޓް ސެކްރެޓަރީ ތައިމާރް ޕީޓާކޮޕް އަދި ލިތުއޭނިއާގެ ސަގާފަތާ ބެހޭ ވަޒީރު ސިމޯނާސް ކައިރީސް އެވެ. މި ތިން ބޭފުޅުން ލިސްޓަށް ލާފައި ވަނީ ސޯވިއެޓް ޒަމާނުގެ ސިފައިންގެ ހަނދާނުގައި އެ ގައުމުތަކުގައި ހަދާފައިވާ ބިނާތައް ނައްތާލުމުގެ ކުށުގައި ކަމަށް ބުނެ އެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަނަށް ނިސްބަތްވި އަދި ބޯލްޓިކް ސަރަހައްދުގައި އޮންނަ އެސްޓޯނިއާ، ލިތުއޭނިއާ އަދި ލެޓްވިއާ އިން ވަނީ 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެ ގައުމުތަކުގައި ހުރި ސޯވިއެޓް ޒަމާނުގެ ގިނަ ބިނާތަކެއް ނައްތާލާފަ އެވެ.

އެސްޓޯނިއާގެ ބޮޑުވަޒީރު ކަލާސް ރަޝިޔާއާ ދެކޮޅަށް ހަރުކަށި ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ރަޝިޔާގެ ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެސްޓޯނިއާ އާއި ލެޓްވިއާ އަދި ލިތުއޭނިއާ އަކީ ޔޫރަޕުގައި ވަރުގަދައަށް ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނަށް ތާއީދު ކުރަމުން އަންނަ ގައުމުތަކެކެވެ.

'ރަޝިޔާ-ނޭޓޯ ހަނގުރާމަ'

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ނޭޓޯއާ ދެކޮޅަށް ހަނގުރާމައެއް ކުރަން ޖެހޭނެ ކަމަށް ރަޝިޔާއިން ދެކޭ ކަމަށް އެސްޓޯނިއާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ކޮންމެ އަހަރަކު ނެރެމުން އަންނަ ގައުމީ ސަލާމަތާ ބެހޭ ރިޕޯޓު މި އަހަރަށް ނެރުއްވާ ދެއްވަމުން ކައުޕޯ ރޮސިން ވިދާޅުވީ ރަޝިޔާ އިން ނޭޓޯއާ އެކު ހިއްސާ ކުރާ ބޯޑަރުތަކުގައި ތިބި ސިފައިންގެ އަދަދު ދެގުނަ އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. 

ރަޝިޔާ އާއި ބޯލްޓިކް ގައުމުތަކާ ދެމެދު އޮތް ގުޅުން ގޯސްވުމާ ގުޅޭ (ވީޑިއޯ/ކަނާލް 13)

ރަޝިޔާއާ އެކު ބޯޑަރު ހިއްސާ ކުރާ ނޭޓޯގެ ގައުމުތަކުގެ ތެެރޭގައި ބޯލްޓިކްގެ ތިން ގައުމާއި ފިންލެންޑް ހިމެނެ އެވެ.

ރަޝިޔާ އިން ދައްކަމުންދާ ހަރުކަށިކަމާ ގުޅިގެން ބޯލްޓިކް ސަރަހައްދުގެ ގައުމުތަކާއި އަދި ނޭޓޯގެ އެހެން ބައެއް ގައުމުތަކުން ވަނީ ދިފާއުއަށް ކުރާ ހަރަދު އިތުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް