ތަކްސިން ޝިނަވަތުރާ.

ތައިލެންޑް

ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން މިނިވަން ކުރަން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި

އަހަރުތަކަކަށް ފަހު ތަކްސިން އެނބުރި ތައިލެންޑަށް ވަޑައިގަތީ މިދިޔަ އޯގަސްޓު މަހު
13 ފެބްރުއަރީ 2024

ޖަލަށް ހުކުމް ކޮށްފައި ހުރި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ މިނިވަން ކުރަން އުޅޭ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގައި އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނު ތަކްސިން އަށް ޝާހީ މައާފެއް ދީ ހުކުމް އެއް އަހަރު ދުވަހަށް ވަނީ މީގެ ކުރިން ދަށް ކުރެވިފަ އެވެ.

އަދި ތަކްސިން މިނިވަން ކުރުމަށް ނިންމީ އުމަރާއި ސިއްހީ ހާލުކޮޅަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ޖަސްޓިސް މިނިސްޓަރު ތަވާއީ ސޮޑްސޮންގްއާ ހަވާލާދީ ތައިލެންޑުގެ މީޑިއާތަކުން މިއަދު ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ.

ސިއްހީ ހާލުކޮޅާ ގުޅިގެން ތަކްސިން ޖަލުގައި އެއް ރޭ ހޭދަ ކުރެއްވުމަށް ފަހު ވަނީ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އަދި މިހާތަނަށް އޭނާ ހުންނެވީ ހޮސްޕިޓަލުގަ އެވެ.

ވަޒީރު ތަވާއީ ރިޕޯޓަރުންނަށް މައުލޫމާތު ދެއްވިގޮތުގައި ޕެރޯލްގެ ދަށުން މިއަދު މައާފު ދެވެނު 930 މީހުންގެ ތެރޭގައި ތަކްސިން ހިމެނިވަޑައިގަންނަވަ އެވެ. އަދި ފެބްރުއަރީ 17ގެ ފަހުން އޭނާ މިނިވަން ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ގައުމުން ބޭރުގައި 14 އަހަރަށް ވުރެ ގިނަ މުއްދަތެއް ވަންދެން އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު ތަކްސިން އެނބުރި ތައިލެންޑަށް ވަޑައިގަތީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. 

ތަކްސިން ތައިލެންޑުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތީ 2001 ގަ އެވެ. އަދި އޭގެ ފަސް އަހަރު ފަހުން އޮތް އިންތިހާބު ވެސް އޭނާ ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ތައިލެންޑުގެ އަސްކަރިއްޔާއިން ބަގާވާތްކޮށް އޭނާ މަގާމުން ދުރުކޮށްފައި ވަނީ ސެޕްޓެމްބަރު 2006 ގަ އެވެ.

ތައިލެންޑުގެ ދެކުނުގައިވާ މުސްލިމުން ގިނަ ޕްރޮވިންސުތަކުގައި ހިނގި ހަމަނުޖެހުންތަކާއި، "ޑްރަގާ ދެކޮޅަށް ހިންގި ހަނގުރާމަައިގައި" އިންސާނީ ހައްގުތަލާ ހިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ވެސް ތަކްސިންގެ މައްޗަަށް ގިނަ ފަރާތްތަކަކުން ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް އޭނާގެ މައްޗަށް ދައުވާކޮށް ހުކުމް އިއްވާފައި ވަނީ މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް