އިންޑިއާގެ ކުރީގެ އަށް ނޭވީ އޮފިސަރުންނަށް މީގެ ކުރިން މަރުގެ ހުކުމް އިއްވާފައި ވަނީ ވަކި ގޮތެއް ކަނޑައެޅުމެއް ނެތި
އިޒުރޭލަށް ޖާސޫސުކޮށްދީގެން ގަތަރުން މަރަން ހުކުމް ކުރި އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރުން ދޫކޮށްލައިފި
އިޒުރޭލަށް ޖާސޫސުކޮށްދީގެން ގަތަރުގެ ކޯޓަކުން މީގެ ކުރިން މަރަން ހުކުމްކޮށްފައިވާ އިންޑިއާގެ ކުރީގެ އަށް ނޭވީ އޮފިސަރުން ދޫކޮށްލައިފި އެވެ.
އޭގެ ތެރެއިން ހަތް ފިރިހެނަކު މިހާރު ވަނީ އެނބުރި އިންޑިއާއަށް ގޮސްފައި ކަމަށް ދިއްލީގެ ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ މީހުންގެ މަރުގެ އަދަބު "ވަކި" ދިގު މިނެއްގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ގަތަރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ދަހްރާ ގްލޯބަލްގައި މަސައްކަތް ކުރަމުން ދިޔަ އެ އަށް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ގަތަރުން ވެސް އަދި އިންޑިއާ އިން ވެސް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ފައިނޭންޝަލް ޓައިމްސް އާއި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް އުފުލާފައިވަނީ އިސްރާއީލަށް ޖާސޫސު ކުރުމުގެ ދައުވާ އެވެ.
"ގަތަރު ދައުލަތުގެ އަމީރު އެ މީހުން މިނިވަންކޮށް ގައުމަށް އައުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ނިންމެވި ނިންމެވުމަށް ތައުރީފު ކުރަން،" ދިއްލީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ މީހުން 2022 ވަނަ އަހަރު ހައްޔަރު ކުރުމާ އެކު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ވަނީ ޖާގަ ހޯދައިފަ އެވެ.
އެ އަށް މީހުންގެ މައްޗަށް މިދިޔަ އޮކްޓޫބަރު މަހު ގަތަރު ކޯޓުން ހުކުމް ކުރުމުން އިންޑިއާއިން ވަނީ އެކަމާ ހައިރާންވާ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން އިންޑިއާގެ ހާރިޖީ ވުޒާރާއިން ވަނީ އެ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.
އިންޑިއާ އާއި ގަތަރަކީ ގާތް އެކުވެރިންނެވެ. ދާދި ފަހުން ދިއްލީއިން ވަނީ 2048 ވަނަ އަހަރުގެ ނިޔަލަށް ދޯހާއިން ލިކުއިފައިޑް ނެޗުރަލް ގޭސް އެތެރެކުރުމަށް 78 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އަށް މީހުންގެ މައްޗަށް އިއްވި ހުކުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ކުޑަ ވަގުތުކޮޅަކަށް ހީނަރުވި ނަމަވެސް ތަޖުރިބާކާރުން ބުނަނީ ދެމެހެއްޓެނިވި ޑިޕްލޮމެޓިކް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާއިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވަނީ ގަތަރުގައި ހުންނަވާ ސަފީރު ޖަލުގައި ތިބި މީހުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ މަހުގެ ފަހުކޮޅު އެ މިނިސްޓްރީން ބުނީ ގަތަރުގެ ކޯޓް އޮފް އެޕީލް އިން އެ މީހުންގެ މަރުގެ އަދަބު ލުއިކޮށްދީފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ އެ މީހުންގެ މަރުގެ އަދަބު ވަކި މުއްދަތެއްގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޖަލު ހުކުމުގެ މުއްދަތެއް އޭރަކު ވިދާޅެއް ނުވެ އެވެ.