އުތުރު ގާޒާ ވަނީ ގާތްގަނޑަކަށްހެން އެކީ ސުންނާފަތިކޮށްލާފައި

ހަމަލާތައް ހުއްޓާލުމާ ބެހޭ ހުށައެޅުމަށް ހަމާސް އިން ޖަވާބުދީފި

ހަމާސްގެ ޖަވާބު ދިރާސާ ކުރަމުންދާ ކަމަށް އިޒްރޭލާއި އެމެރިކާއިން ވަނީ ބުނެފައި

ގާޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް އިޒްރޭލުން ހުށައަޅާފައިވާ ޕްރޮޕޯސަލާ މެދު ވިސްނުން ހުރި ގޮތް ހިއްސާކޮށްފައިވާ ކަމަށް ހަމާސް އިން ބުނެފި އެވެ.

އިޒްރޭލް، އެމެރިކާ، ގަތަރު އަދި މިސުރުން ބައިވެރިވެގެން ތައްޔާރުކޮށްފައިވާ މި ޑީލުގެ ތަފްސީލުތަކެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހަމަލާތައް ބަދަލުކުރުން ހަ ހަފްތާ ވަންދެން ހުއްޓާލައި، އިޒްރޭލުގެ ރަހީނުންނާއި އިޒްރޭލު ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުން މިނިވަން ކުރުމަށް މި ޑީލުގައި ހިމަނާފައިވާ ކަމަށް ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ހަމާސް އިން ދީފައިވާ ޖަވާބު ދިރާސާ ކުރަމުން އަންނަ ކަމަށް އިޒްރޭލާއި އެމެރިކާ އިން ވަނީ ބުނެފަ އެވެ. 

މިވަގުތު މެދު އިރުމައްޗަށް ވަޑައިގެން ހުންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވެސް ވަނީ ހަމާސްގެ ރައްދު އިޒްރޭލުގެ އޮފިޝަލުންނާ އެކު ބުދަ ދުވަހު މަޝްވަރާ ކުރާނެކަމަށް ވިދާޅުވެފަ އެވެ.

ހަމާސް އިން ދީފައިވާ ޖަވާބާ މެދު ބްލިންކެން ވަކި އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހަމާސްގެ ޝަރުތުތައް "ތަންކޮޅެއް ބޮޑު" ކަމަށް ވިދާޅުވެފަ އެވެ.

ބީބީސީއާ ވާހަކަ ދެއްކެވި ހަމާސްގެ މަތީ އޮފިޝަލެއް ވިދާޅުވިގޮތުގައި މި ޕްރޮޕޯސަލަށް ހަމާސް އިން ޖަވާބު ދީފައި ވަނީ 'ޕޮސިޓިވް' ވިސްނުމަކުން ނެވެ. އަދި މި ޕްރޮޕޯސަލަށް އިތުރު ކުރި ޝަރުތުތަކުގެ ތެރޭގައި ގާޒާ އަލުން ބިނާ ކުރުމާ ބެހޭ ޝަރުތުތަކާއި ރައްޔިތުން އެނބުރި ގެއަށް ދެވޭނެ ފުރުސަތު ދިނުމާއ އަދި ގެދޮރުން ނުކުންނަން ޖެހިފައިވާ އާންމުންނަށް ގޮތްތަކެއް ފަހިކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ވެސް އަނިޔާވެފައިވާ ފަރާތްތަކަށް ފަރުވާ ދޭނެ ގޮތާ މެދު ޕްރޮޕޯސަލުގައި ހިމަނާފައިވާ މާއްދާތައް ބަދަލުކޮށް އެފަދަ މީހުންނަށް އެނބުރި ގެއަށް ދެވޭނެ ގޮތް ފަހިކޮށް، ބޭރުގެ ހޮސްޕިޓަލުތަކުން ފަރުވާ ލިބޭނެ ގޮތް ފަހިކުރުން ހިމެނޭ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ހަމަލާތައް ހުއްޓާލުމާ ބެހޭ ހުށައެޅުމަށް ހަމާސް އިން ޖަވާބު ދިނުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މި ޕްރޮޕޯސަލް ހަމާސް އަށް ފޮނުވާފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނެވެ. ނަމަވެސް ޖަވާބު ދިނުމަށް ލަސްވީ ޕްރޮޕޯސަލްގެ ބައެއް ނުކުތާތަށް "ސާފު ނުވުމުގެ" ސަބަބުން ކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކެވި ސަފީރެއް ވިދާޅުވި އެވެ.

ހަމާސް އިން މި ޕްރޮޕޯސަލަށް ދީފައިވާ ޖަވާބު އާންމު ގޮތެއްގައި "ޕޮސިޓިވް" ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވަނީ ވިދާޅުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް