މަދިރި ހެދޭ ތަންތަން ނައްތާލުމަށް ބްރެޒިލްގެ ސިއްހަތާ ބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުން.

ބްރެޒިލް

ޑެންގީ ހުމާ އެކު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އިމަޖެންސީ އިއުލާނުކޮށްފި

ބްރެޒިލްގެ އިތުރުން އަވަށްޓެރި އާޖެންޓީނާގައި ވެސް ޑެންގީ ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުން ދިޔުމުގެ ސަބަބުން އިމަޖެންސީ އިއުލާނުކޮށްފި އެވެ.

ރިއޯގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ހުސްވި ޖަނަވަރީ މަހު ވަނީ އޭގެ ކުރީ އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ރިއޯއިން ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު 10،000 އަށް އަރަ އެވެ. މި އަދަދު މުޅި މިދިޔަ އަހަރަށް ހުރީ 23،000ގަ އެވެ.

ޑެންގީއާ އެކު ހުން އައިސް، ބޮލުގައި ރިއްސާ، ލޮލަށް ތަދުވެ، ހަށިގަނޑުގެ މަސްތަކާއި ހުޅުތަކުގައި ރިއްސާ އަދި ފިތްގަނޑު ނެގުން ފަދަ އުނދަގޫތައް ކުރިމަތި ވެ އެވެ.

ޖަޕާނުގެ ޓަކޭޑާ ކުންފުނިން އުފެއްދި ޑެންގީ ހުމުގެ ވެކްސިނަކަށް ބްރެޒިލްގައި ވަނީ މިދިޔަ އަހަރު ހުއްދަ ދީފަ އެވެ. ނަމަވެސް މި ވެކްސިން ބްރެޒިލްްގައި އަދި މާ ބޮޑަކަށް ބޭނުން ކުރަމުންނެއް ނުދެ އެވެ.

ބްރެޒިލްގެ ސިއްހަތާ ބެހޭ ވުޒާރާގެ އިޑާ ގައްޓީ ވިދާޅުވިގޮތުގައި ޖަޕާނުގެ ޓަކޭޑާ ލެބޯޓްރީ އިން ލިބިފައިވާ ވެކްސިންގެ އަދަދު އަދި ވަރަށް މަދެވެ. އެހެންކަމުން ޑެންގީ ހަލުވިކަމާ އެކު ފެތުރުމުންދާ ބޮޑެތި އާބާދީތައް ދިރިއުޅެމުންދާ ސަރަހައްދުތަކަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެންގީ ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް 10 މަރުކަޒެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ރިއޯގެ ސިޓީ ހޯލުން ވަނީ އިއުލާނުކޮށްފަ އެވެ. މި ފިޔަވަޅު އެޅުމުގެ  މަގުސަދަކީ ސީރިއަސް ކޭސްތައް މަދުކޮށް މި ބަލީގައި މަރުވާ މީހުން މަދުކުރުން ކަމަށް ރިއޯގެ ސިއްހަތާ ބެހޭ ސެކްރެޓަރީ ޑެނީލް ސޮރަންޒް ވިދާޅުވި އެވެ. 

ޑެންގީ ހުން ފެތުރުން މަދުކުރުމަށް މަދިރި ހެފުން ހުއްޓުވާ ފަދަ ކްރީމްތައް ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އިދާރާތަކުން އަންނަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

އަދި ގޭތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރިތޯ ބަލައި އެފަދަ ތަންތަން ނައްތާލުމަށް ވެސް ބްރެޒިލްގެ ސިއްހަތާ ބެހޭ ވަޒީރު ނިސިއާ ޓްރިންޑާޑޭ ވަނީ އެދިވަޑައިގެންފަ އެވެ.

ޑެންގީ ހުން ފެތުރެމުން ދިޔުމުގެ ސަބަބުން ރިއޯގެ އިތުރުން ބްރެޒިލްގެ މައިނާސް ޖެރައިސް، އޭކްރަ އަދި ގޮއިއާސްގައި ވެސް ފާއިތުވެދިޔަ ހަފްތާތަކުގައި އިމަޖެންސީ އިއުލާނު ކޮށްފައި ވެ އެވެ.

ޑެންގީ ހުން މިހާ ހަލުވިކަމާ އެކު ފެތުރެމުން މިދަނީ ބްރެޒިލްގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން ކަމަށް މައިނާސް ޖެރައިސް ސްޓޭޓުގެ ހެލްތު ސެކްރެޓަރީ ފަބިއޯ ބަޗެރެއްޓި ވަނީ ވިދާޅުވެފަ އެވެ.

ބްރެޒިލްގެ އިތުރުން އަވަށްޓެރި އާޖެންޓީނާގައި ވެސް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް