އިމްރާން ހާނާއި އަނބިކަނބަލުން ބުޝްރާ ބީބީ މިދިޔަ ޖުލައި މަހު

އިމްރާންގެ ކައިވެނި ވެސް ސައްހަ ނޫން ކަމަށް ހުކުމްކޮށްފި

އިއްދާގައި އިން މީހަކާ ކައިވެނި ކުރިކަން ކޯޓުން ސާބިތުކޮށް އިތުރު 7 އަހަރުޖެ ޖަލު ހުކުމެއްް އެ ދެމަފިރިންގެ މައްޗަށް އިއްވި
4 ފެބްރުއަރީ 2024

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އަނބިކަނބަލުންގެ ކައިވެނި ސައްްހަ ނޫން ކަމަށް ކަނޑައަޅައި އެ ދެމަފިރިން އިތުރު ހަތް އަހަރަށް ޖަލަށް ލުމަށް ކޯޓަކުން ހުކުމްކޮށްފި އެވެ.

ކޯޓުން ނިންމީ 2018 ވަނަ އަހަރު އިމްރާން އާއި ބުޝްރާ ބީބީގެ ކައިވެންޏަކީ އިސްލާމް ދީނާ ހިލާފު އަދި ގާނޫނާ ހިލާފު ކައިވެންޏެއް ކަމަށެވެ.

އިމްރާން މިހާރު ވެސް ހުންނެވީ ކޮރަޕްޝަންގެ ކުށުގައި ޖަލުގަ އެވެ. މިދިޔަ ބުދަ ދުވަހު އެ ދެމަފިރިންގެ މައްޗަށް ކުށް ސާބިތުވީ ދައުލަތަށް ލިބިފައި ހުރި ހަދިޔާތައް ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ދައުވާ އެވެ. އެ ހުކުމް، އެންމެ ބޮޑު އިދިކޮޅު ލީޑަރުގެ މައްޗަށް ކުރި އިރު އާންމު އިންތިހާބު ބޭއްވުމަށް އޮތީ ހަފުތާއެއްހާ ދުވަހެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވޯޓުލުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އިމްރާން،71، ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ފަހުން އެ ގައުމުގެ ބޮޑުވަޒީރު މަގާމުން ދުރުކުރީ 2022 ވަނަ އަހަރު އެވެ.

އިމްރާންގެ މައްޗަށް އެންމެ ފަހުގެ ހުކުމް ވެސް ކޮށްފައިވަނީ އޭނާ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ރާވަލްޕިންޑީގެ ޖަލެއްގައި ގާއިމު ކުރި ކޯޓަކުންނެވެ.

އިމްރާނާއި ބީބީގެ ކައިވެނީގެ މައްސަލަ ހުށަހެޅީ ބީބީގެ ކުރީގެ ފިރިމީހާ އެވެ. އޭނާ ބުނީ ބީބީ އިމްރާންއާ ކައިވެނި ކުރީ އޮޅުވާލައިގެން ކަމަށެވެ.

އިސްލާމް ދީންގައިވާ ގޮތުން މުސްލިމު އަންހެނަކަށް، އޭނާގެ ފިރިމީހާ މަރުވުމުން ނުވަތަ ވަރިވުމަށް ފަހު، އެހެން މީހަކާ ކައިވެނި ކުރެވޭނީ ތިން މަހުގެ އިއްދައިގެ މުއްދަތު ހަމަވުމަށް ފަހު އެވެ. ނަމަވެސް ކޯޓުން ބުނަނީ ބީބީ އިމްރާނާ ކައިވެނި ކުރީ އެ މުއްދަތު ނުނިމެނީސް ކަމަށެވެ.

އެ ހަތް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިމްރާން އާއި ބީބީ ވަނީ 1،800 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އިމްރާން ބޮޑުވަޒީރު ކަމަށް އިންތިހާބުވުމުގެ މަހެއްހާ ދުވަސް ކުރިން 2018 ވަނަ އަހަރު އެ ދެ ބޭފުޅުން ކައިވެނި ކުރި އެވެ.

ބީބީއަކީ އިމްރާންގެ ތިން ވަނަ ކައިވެންޏެވެ. އަދި ބީބީއަކީ އަބަދު ވެސް އާންމުކޮށް ބުރުގާ އަޅައިގެން އުޅޭ ބޭފުޅެކެވެ. އޭނާގެ އުމުރު އުޅޭނީ 40ގެ ތެރޭގަ އެވެ.

އިމްރާން ކުރިކެޓް ތަރިއެއްގެ ގޮތުގައި މަޝްހޫރު އިރު އޭނާ ފުރަތަމަ ކައިވެނި ބައްލަވައިގަތީ އިނގިރޭސި ވިލާތުގެ ޖެމީމާ ގޯލްޑްސްމިތުއާ 1995 ވަނަ އަހަރު އެވެ. އެ ކައިވެނި ނުވަ އަހަރު ދެމިގެން ދިޔައިރު ދެ ފިރިހެން ބޭފުޅުން ލިބިފައިވެ އެވެ.

ދެވަނައަށް އޭނާ ކައިވެނި ބައްލަވައިގަތީ، ނޫސްވެރިޔާ އަދި ބީބީސީގެ ކުރީގެ މޫސުމާ ބެހޭ ޕްރެޒެންޓަރު ރެހާމް ހާންއާ 2015 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް އަހަރެއް ނުވަނީ ވަނީ ރޫޅިފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ހައްޔަރު ކުރި ފަހުން އޭނާ ހުންނަވަނީ ޖަލުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް