އުންރުވާގެ އެހީގައި ގާޒާއަށް ތެޔޮ ބައުޒަރެއް ވަންނަނީ

އދ.ގެ ފަލަސްތީން އެޖެންސީއަށް އެހީދިނުން އިނގިރޭސިވިލާތުން ވެސް މަޑުޖައްސާލައިފި

ޖުމްލަ 9 ގައުމަކުން ވަނީ އުންރުވާއަށް އެހީދިނުން މަޑުޖައްސާލާފައި

އދ. އިން ފަލަސްތީނަށް އެހީ ދިނުމަށް ކަނޑައަޅާފައިވާ ޔޫއެންއާރްޑަބްލިއުއޭ (އުންރުވާ) އެޖެންސީއަށް އެހީ ދިނުން މެދުކަނޑާލި އެންމެ ފަހުގެ ގައުމަކަށް އިނގިރޭސިވިލާތުން ވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، އޮސްޓްރޭލިއާ، އިޓަލީ، ކެނެޑާ، ޖަރުމަނު، ސްވިޓްޒަލޭންޑް އަދި ފިންލެންޑް އަދި ނެދަލޭންޑްސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ ގައުމަކުން ވަނީ އުންރުވާއަށް އިތުރު އެހީތައް ފޯރުކޮށްދިނުން ވަގުތީ ގޮތުން މެދު ކަނޑާލާފަ އެވެ.

ހުޅަނގުގެ ގައުމުތަކުން އދ.ގެ މި އެޖެންސީއަށް އެހީތައް މެދުކަނޑާލަމުން މިދަނީ 7 އޮކްޓޯބަރު ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އުންރުވާގެ މުވައްޒަފުންގެ ބައިވެރިވުމެއް އޮތް ކަމަށް ޝައްކު ކުރެވި އެ އެޖެންސީއިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފައި ވަނިކޮށެވެ.

އަދި ހަމާސް ހަމަލާގައި އުންރުވާގެ މުވައްޒަފުންގެ އަތެއް އޮތް ކަމަށް އިޒްރޭލުން ކުރާ ތުހުމަތުތައް ތަހްގީގު ކުރަމުން އަންނަ ކަމަށް އުންރުވާއިން ވަނީ ބުނެފަ އެވެ.

ޔަހޫންދީންނާ ދެކޮޅު އެޖެންޑާއެއް ގެންގުޅޭ ކަމަށް ބުނެ އަދި ވަކި ކޮޅަކަށް ބުރަވަމުންދާ ކަމަށް ބުނެ އިޒްރޭލުން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު އދ.ގެ އެކި އިދާރާތަކަށް ފާޑުކިޔާފަ އެވެ.

މީގެ 75 އަހަރު ކުރިން 1949 ވަނަ އަހަރު ގާއިމް ކުރި އުންރުވާ އެޖެންސީގެ މަގްސަދަކީ ގާޒާ އާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީން ރައްޔިތުންނަށާއި އުރުދުން، ލުބުނާން އަދި ސީރިއާގެ ރައްޔިތުންނަށް ސިއްހީ، ތައުލީމީ އަދި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހަމާސް-އިޒްރޭލް ހަނގުރާމަ ފެށުނު ފަހުން ގާޒާގައި ހުންނަ އުންރުވާގެ މަރުކަޒުތަކުގައި އެތައް ސަތޭކަ ހާސް އާންމުންނަށް އެ އިދާރާއިން އަންނަނީ ހިޔާވަހިކަން ފޯރުކޮށްދެމުން ނެވެ.

ގިނަ ގައުމުތަކަކުން އުންރުވާއަށް އެހީ ދިނުން މަޑުޖައްސާލުމަށް ނިންމި "ހައިރާން ކުރުވަނިވި" ނިންމުން އަލުން މުރާޖައާ ކުރުމަށް އެ އިދާރާގެ ވެރިޔާ ވަނީ ގޮވާލައްވާފަ އެވެ.

"ދިރިހުރުމަށް ދެ މިލިއަނަށް ވުރެ ގިނަ ބަޔަކު ބަރޯސާވަމުން އަންނަ އުންރުވާ އަކީ ގާޒާގައި ހަރަކާތްތެރިވާ މައި އިންސާނީ އެހީގެ އެޖެންސީ،" ފިލީޕޭ ލައްޒަރީނީ ވިދާޅުވި އެވެ.

އދ.ގެ ފަލަސްތީން އެޖެންސީއަށް އެހީދިނުން އިނގިރޭސިވިލާތުން ވެސް މަޑުޖައްސާލުމާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

ބީބީސީއާ ވާހަކަ ދެއްކި އުންރުވާގެ ކުރީގެ ތަރުޖަމާނު ކްރިސްޓޮފާ ގަނަސް ވިދާޅުވި ގޮތުގައި އުންރުވާއަށް ދޭ އެހީތައް ހުއްޓާލުމަކީ މާ ބޮޑަށް ވެސް ހަރުކަށި ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ގާޒާގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށާއި ފެންމަތިވެފައިވާ ތުހުމަތުތަކުގައި ޝައްކު ކުރެވޭ މުވައްޒަފުން ކަނޑާލުމުން އުންރުވާއިން ޒީ ޓޮލަރެންސް ސިޔާސަތެއް ގެންގުޅޭކަން ފެނިގެންދާ ކަމަށެވެ. އަދި އެ ހިސާބުން މި ތަހްގީގް ނިމުނީ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އުންރުވާގެ އިމާރާތްތަކުގައި ގެދޮރުން ނުކުންނަށް ޖެހިފައިވާ އެއް މިލިއަން މީހުން ދަނީ ހިޔާވަހިކަން ހޯދަމުން. މި ނިންމުމުގެ ސަބަބުން އިތުރު ވޭނާ ކުރިމަތި ވާނީ އެމީހުންނަށް." ގަނަސް ވިދާޅުވި އެވެ.

އުންރުވާއަށް އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެމެރިކާ، ޖަރުމަނު އަދި އީޔޫ އިން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް