ހޯމަ ދުވަހުގެ ހަމަލާތަކުގައި އިނގިރޭސިވިލާތުން ބޭނުންކޮށްފައި ވަނީ ޓައިފޫން ޖެޓުތަކެއް.

އެމެރިކާ

އެމެރިކާ އާއި އިނގިރޭސިވިލާތުން އަނެއްކާވެސް ހޫތީންނަށް ހަމަލާ ދީފި

ޔަމަނުގައި ހުންނަ ހޫތީންގެ އަމާޒުތަކަށް ހުޅަނގުން ހަމަލާ ދޭން ފަށާފައި ވަނީ ޖަނަވަރީ 11 ވަނަ ދުވަހު

ޔަމަނުގައި ހުރި ހޫތީންގެ އަމާޒުތަކަށް އަނެއްކާ ވެސް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާތަކުން ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތައް ދީފައި މިވަނީ ރެޑް ސީ ކަނޑުން ދަތުރު ކުރަމުން އަންނަ ބޯޓުތަކަށް ހޫތީން ދެމުން އަންނަ ހަމަލާތައް ހުއްޓާލާ ނުލާ ކުރިއަށް ގެންދިޔުމާ ގުޅިގެން ނެވެ.

ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލު ކުރަމުން އަންނަ ހޫތީން އަންނަނީ ހުސްވި ނޮވެމްބަރު މަހުން ފެށިގެން ރެޑް ސީ ކަނޑުން ދަތުރު ކުރަމުން އަންނަ ބޯޓުތަކަށް ހަމަލާތައް އަމާޒުކޮށް ބައިނަލްއަގްވާމީ ވިޔަފާރި އާއި އިގްތިސާދަށް ބޮޑެތި ކަންބޮޑުވުންތަކެއް ކުރިމަތި ކުރުވާފަ އެވެ.

ހޯމަ ދުވަހު އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނިގޮތުގައި ހޫތީންގެ ބިމުއަޑީގައި ހުރި ގުދަނަކަށާއި މިސައިލުތަކަށާއި އަދި ސާވެއިލެންސް ތަންތަނަށް ޖުމްލަ އަށް ހަމަލާއެއް އޮސްޓްރޭލިއާ، ބަހްރެއިން، ކެނެޑާ އަދި ނެދަލޭންޑްސްގެ އަސްކަރިއްޔާ ވެސް ގުޅިގެން ވަނީ ދެވިފަ އެވެ.

"އަމާޒު ސީދާ މި ހަމަލާތަކުގެ ބޭނުމަކީ ބައިނަލްއަގްވަމީ ވިޔަފާރި އާއި ކުށެއް ނެތް ފަޅުވެރިންގެ ފުރާނައަށް ބިރުފޯރުވުމަށް ހޫތީން ގެންގުޅޭ ގާބިލުކަން ހުއްޓުވާ އެ ގާބިލުކަން ދަށް ކުރުން،" އެމެރިކާ އަދި އިނގިރޭސިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ. 

ރެޑް ސީ ކަނޑުގައި ހިންގަމުން އަންނަ ހަރަކާތްތަކަކީ އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނަށް ތާއީދު ކުރާ ކަން ދެއްކުމަށް ހިންގާ ހަމަލާތަކެއް ކަމަށް ހޫތީން ވަނީ ބުނެފަ އެވެ.

އިނގިރޭސި ދިފާއީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ނޮވެމްބަރު މަހުގެ މެދު ތެރެއިން ފެށިގެން މިހާތަނަށް ހޫތީން ވަނީ 30 އަށް ވުރެ ގިނަ ހަމަލާ އެކި ގައުމުތަކުގެ ބޯޓުތަކަށް އަމާޒުކޮށްފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ހޫތީންގެ އަމާޒުތަކަށް އަނެއްކާ ހަމަލާތަކެއް އަމާޒުކޮށްފައި މިވަނީ ގަލްފް އޮފް އެޑެން ކަނޑުން ދަތުރުކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ ކާގޯ އުފުލާ 'އޯޝަން ޖޭޒް' ބޯޓަށް ހަމަލާތަކެއް ކާމިޔާބުކަމާ އެކު ދީފައިވާ ކަމަށް ހޫތީން ހާމަކޮށްފައި ވަނިކޮށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ހޫތީންނަށް ފުރަތަމަ ހަމަލާތައް ލޯންޗުކޮށްފައި ވަނީ ޖަނަވަރީ 11 ވަނަ ދުވަހު އެވެ. އެއީ ހޫތީން ރެޑް ސީ ކަނޑުގައި ހިންގަމުން އަންނަ ހަރަކާތްތައް އދ. އިން ކުށްވެރި ކުރިތާ އެއް ދުވަސް ފަހުން ނެވެ.

މިހާތަނަށް ހޫތީންގެ ހުރިހާ ހަމަލާތަކެއް ހިންގަމުން އަންނަނީ ރެޑް ސީ ކަނޑުގައި ހަނިކޮށް އޮންނަ ބަބް އެލް-މަންދެބް ސަރަހައްދުގަ އެވެ. ސުއޭޒް ކެނަލް އިން އަންނަ އަދި އެ ކެނަލް އަށް ދާ 50 ވަރަކަށް ބޯޓު ކޮންމެ ދުވަހަކު މިތަނުން ދަތުރު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް