ސްވިޓްޒަލޭންޑުގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިޒްރޭލުގެ ރައީސް އިސާކް ހާޒޮގް (ވ) ބައިވެރިވެވަޑައިގަންނަވަނީ

ސްވިޓްޒަލޭންޑް

އިޒްރޭލުގެ ރައީސްއާ ދެކޮޅަށް ސްވިޓްޒަލޭންޑުގައި ޖިނާއީ ދައުވާތަކެއް އުފުލައިފި

އިޒްރޭލުގެ ރައީސްގެ މައްޗަށް ދައުވާ އުފުލީ ގާޒާގައި ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާ ގުޅިގެން

މި ހަފްތާގައި ސްވިޓްޒަލޭންޑުގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްއަށް  ވަޑައިގެންނެވި އިޒްރޭލުގެ ރައީސް އިސާކް ހާޒޮގްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާ ކަމަށް ސްވިޓްޒަލޭންޑުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.

ސްވިސް އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ ބުނީ "އާންމުކޮށް ގެންދާ އުސޫލުގެ މަތިން މި ޖިނާއީ ދައުވާތައް ވެސް ކުރިއަށް ގެންދެވޭނެ" ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުގެ މައްޗަށް މިފަދަ ދައުވާއެއް އުފުލިދާނެތޯ ސްވިޒް ފޮރިން މިނިސްޓްރީ އިން ޔަގީން ކުރާނެ ކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން ބުންޏެވެ.

ލިޔުމުގައި އޮންނަ ގޮތުން ނަމަ އެއްވެސް ގައުމެއްގެ ވެރިއެއް، ސަރުކާރެއްގެ ވެރިއެއް އަދި ހާރިޖީ ވަޒީރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ތިން ވަނަ ގައުމަކަށް ހުށައެއް ނޭޅޭނެ އެވެ.

އިޒްރޭލުގެ ރައީސް ހާޒޮގްގެ މައްޗަށް މި ދައުވާތައް އުފުލީ ކޮން ފަރާތަކުން ކަމެއް އަދި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތަކެއް ސްވިސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ހާޒޮގް ޑާވޯސްއަށް ވަޑައިގެންނެވީ ގާޒާގައި ހިނގަމުން އަންނަ ހަނގުރާމައިގައި  އިޒްރޭލްގެ ވިސްނުން ހުރި ގޮތް ހުށައެޅުއްވުމަށް ކަމަށް އޭނާގެ އޮފީހުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

"އިންސާނިއްޔަތާ ދެކޮޅު އަމަލުތަކެއް" ހިންގާ ކަމަށް ތުހުމަތުކޮށް ހާޒޮގްގެ މައްޗަށް ދައުވާ އުފުލީ ވަކިވަކި ފަރުދުންތަކެއް އެދިގެންނެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ދައުވާގެ ބަޔާނުގައި ހާމަކޮށްފައެއް ނެތެވެ.

މި ބަޔާނުން އިތުރަށް އެނގޭ ގޮތުގައި، ދައުވާ އުފުލަން ހުށައެޅި މީހުން ބޭނުންވަނީ އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށައެޅި މައްސަލައާ އެއް ހަމައެއްގައި ހާޒޮގްގެ މައްޗަށް ވެސް ޖިނާއީ މައްސަލައެއް ކުރިއަށް ގެންދިޔުމަށެވެ. 

ގާޒާގައި ގަތުލު އާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ސައުތު އެފްރިކާއިން  އައިސީޖޭއަށް ހުށައެޅި މައްސަލަަ ނިމުމަށް އަހަރުތަކެއް ނެގުން އެކަށީގެންވެ އެވެ.  އެކަމަކު އެ ހަނގުރާމަ ހުއްޓާލަން އިޒުރޭލަށް އަންގަން އެދުނު ބައި އަވަހަށް ނިންމާނެ ކަމަށް ބެލެވެ އެވެ. 

ސައުތު އެފްރިކާގެ މި ތުހުމަތުތަކުގައި އެއްވެސް 'އަސާސެއް ނެތް' ކަމަށް އިޒްރޭލުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް