މޮރިޝަސްގައި ފެންބޮޑުވެފައި. (ފޮޓޯ/ރޮއިޓާސް)

މޮރިޝަސް

މޮރިޝަސްއަށް ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމު މޮރިޝަސްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ސަރުކާރުގެ ރަސްމީ ފަރާތްތަކުން ގެންދަނީ އެ ގެއްލުންތައް ވަޒަން ކުރަމުންނެވެ.

އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ގައުމުގެ އިރުމަތީ ފަރާތަށް ކަމަށާއި، ނަމަވެސް ތިމާވެށީގެ އެހެން ނުރައްކާތައް އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ.

އެ ހާދިސާގައި އެކަކު މަރުވެފައި ވާއިރު، ރިޔޫނިއަނުން ވެސް އެެކަކު ވަނީ މަރުވެފަ އެވެ.

ތޫފާނުގެ އިންޒާރު ކުޑަ ވަގުތުކޮޅަކަށް އެންމެ މަތީ ދަރަޖައަށް މަތި ކުރި ނަމަވެސް، އެންމެ ނުރައްކާތެރިކަން މިހާރު ފާއިތުވެފައިވާ ކަމަށް މޮރިޝަސް އިން ވަނީ ބުނެފަ އެވެ.

ވެރިރަށް ޕޯޓް ލުއީގައި މިދިޔަ ހޯމަ ދުވަހު ފެންބޮޑުވުމުގެ ސަބަބުން 100އެއްހާ ވެހިކަލް ހަލާކުވެ، އެ އުޅަނދުތަކުގެ ވެރިފަރާތުން ވަނީ އެ އުޅަނދުތައް ދޫކޮށްލައިފަ އެވެ.

ނަމަވެސް، އަންގާރަ ދުވަހު ފެންބޮޑުވުމުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ކަމާ ބެހޭ ފަރާތްތަކުން ވަނީ މަގުތަކުގައި ހުރި ކުނިތައް ނައްތާލައިފަ އެވެ.

ޕޯޓް ލުއީީގެ މަލަމަތީގެ މަންޒަރުތަކުން ފެންނަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ މައި މަގުތަކާއި ހައްސާސް އިންފްރާސްޓްރަކްޗަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށެވެ.

މޮރިޝަސް މީޓިއޮރޮލޮޖިކަލް ސާވިސަސް (އެމްއެމްއެސް) އިން ބުނީ ތޫފާން މޮރިޝަސްއާ ދުރަށް ދާތީ މިހާރު "ސޭފްޓީ ބުލެޓިން"އެއް ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.

ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ހުޅަނގު އުތުރުން، އިންޑިއާ ކަނޑާ ދިމާލަށް، ގަޑިއަކު ގާތްގަނޑަކަށް 11 މޭލުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.

"މޮރިޝަސްގެ މައްޗަށް ތޫފާނުގެ ނުރައްކާ މިހާރު ނެތް ނަމަވެސް، ތިމާވެށީގެ އެހެނިހެން ނުރައްކާތައް އެބަހުރި،" ތޫފާން އެރުމުގެ ފުރުސަތު އޮތުމުން ރައްކާތެރި ތަންތަނުގައި ތިބުމަށާއި މޫދަށް ނޭރުމަށާއި ގޮނޑުދޮށުގައި ހިނގާފައި ނުދިއުމަށް އިލްތިމާސްކުރަމުން އެ އިދާރާއިން ބުންޏެވެ.

ހޯމަ ދުވަހު ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގްނައުތު ވަނީ އެކަކު މަރުވިކަން ކަށަވަރުކޮށްދެއްވައި ތޫފާނާ ގުޅިގެން އެމްއެމްއެސްއިން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއާ އެކު، އެމްއެމްއެސްގެ ޑިރެކްޓަރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

"މޮރިޝަސްގެ ރައްޔިތުންގެ ރުޅިވެރިކަން މި ދަނޑިވަޅުގައި ހިއްސާކުރަން. މި ހާލަތުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް އެ މީހުންގެ ޒިންމާ އުފުލަން ޖެހޭނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މޮރިޝަސްގެ މައި ބައިނަލްއަގުވާމީ އެއާޕޯޓު ވެސް އިއްޔެ ވަނީ ބަންދުކޮށްފަ އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ޕޯޓް ލުއީގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ކާރުތައް އަޑިއަށް ގޮސްފައިވެ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެފްރިކާއިން ބުނީ 1،000އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި، މޮރިޝަސްގެ ގާތްގަނޑަކަށް 8،400 މީހުންނަށް ކަރަންޓު ނުލިބޭ ކަމަށެވެ.

ރިޔޫނިއަންއަށް ތޫފާނުގެ އެންމެ ނުރައްކާތެރި ކަމުން ސަލާމަތްވެފައިވާ ކަމަށް ފެނުނީ ތޫފާނުގެ ކޮޅިގަނޑު އުތުރަށް ދިއުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް