މިއީ ނައުރޫ އިން ޓައިވާނާ ގުޅުން ކަނޑާލި ފުރަތަމަ ފަހަރެއް ނޫން.

ނައުރޫ

ނައުރޫ އިން ޓައިވާނު ދޫކޮށް ޗައިނާއާ ރަސްމީ ގުޅުން ގާއިމު ކޮށްފި

ނައުރޫ އިން ވަނީ 2002 ވަނަ އަހަރު ވެސް ޓައިވާނު ދޫކޮށް ޗައިނާ ކޮޅަށް ޖެހިފައި

ޓައިވާނާ އެކު ރަސްމީ ގުޅުން ގާއިމްކޮށްފައި އޮތް މަދު ގައުމުތަކެއްގެ ތެރޭ ހިމެނޭ ނައުރޫ އިން ޓައިޕޭއާ ގުޅުން ކަނޑާލައި ބެއިޖިންގްއާ އެކު ރަސްމީ ގުޅުން ގާއިމް ކޮށްފި އެވެ.

އޮސްޓްރޭލިއާގެ އުތުރު އިރުމަތީގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމެއް ކަމުގައިވާ ނައުރޫ އަކީ ޓައިވާނާ އެކު ރަސްމީ ގުޅުން ގާއިމުކޮށްފައި އޮތް އެންމެ 12 ގައުމުން އެއް ގައުމެވެ. 

ޓައިވާނާ އެކު ރަސްމީ ގުޅުން ބާއްވާ ގައުމުތައް ޗައިނާ ކޮޅަށް ބަދަލުކުރުމަށް ބެއިޖިންގް އިން އަންނަނީ ފާއިތުވެދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ބެއިޖިންގް އިން ދެކޭ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބަޔެކެވެ. އެހެންކަމުން ޗައިނާއާ އެކު ރަސްމީ ގުޅުން ބާއްވަން ބޭނުން ނަމަ ޓައިވާނާ އެކު އެފަދަ ގުޅުމެއް ނުބޭއްވޭނެ އެވެ. 

ނައުރޫ އިން ގުޅުން ކަނޑާލާފައި މިވަނީ ޓައިވާނުގައި މި ހަފްތާގައި އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން އެކަމާ ބެއިޖިންގް އިން ހިތްހަމަނުޖެހިގެން ކަމަށް ޓައިޕޭގެ އޮފިޝަލުން ދެކެވަޑައިގަންނަވަ އެވެ.

އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ޓައިވާނުގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ ވިލިއަމް ލާއި އެވެ. ބެއިޖިންގް އިން ލާއި ދެކެނީ "އުނދަގޫ ކުރާ" މީހެއްގެ ގޮތުގަ އެވެ.

ޓައިވާނުގެ ހާރިޖީ ވަޒީރުގެ ނާއިބު ޓިއެން ޗުންގް-ކްވާންގް އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ މިފަހުން ނައުރޫގެ ސިޔާސީ މަސްރަހަށް ކުރިމަތިވި ހަލަބޮލިކަމުގެ ފައިދާ ނަގައި ޗައިނާއިން ނައުރޫއަށް ފައިސާގެ އެހީތެރިކަން ދީފައިވާ ކަމަށެވެ.

"ޗައިނާއިން ހީކުރަނީ މިފަދަ އުކުޅުތައް ބޭނުން ކުރުމުން ޓައިވާން މައިތިރި ކުރެވޭނެ ކަމަށް. އަހަންނަށް ހީވަނީ މިއީ ގޯސް ވިސްނުމެއް ހެން. ޑިމޮކްރެޓިކް ގޮތުން ޓައިވާނުން ހޯދާފައިވާ ތަރައްގީ ދުނިޔެއަށް ވަނީ ފެނިގެން ގޮސްފައި. ޓައިވާނުގެ ރަސްމީ ގުޅުންތައް މިފަދަ ހުތުރު ގޮތަކަށް ހޯދުމަށް [ބެއިޖިންގް އިން] އިން މަސައްކަތް ކުރަމުން ދާ ނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޑިމޮކްރެޓިކް ގައުމުތަކުން މިކަން ބަލައެއް ނުގަންނާނެ،" ޓިއެން ވިދާޅުވި އެވެ.

އަދި ދުނިޔޭގެ މަސްރަހުގައި ޓައިވާނު އިތުރަށް އެކަހެރި ކުރުމަށް ޗައިނާއިން ކޮށްފާނެ ކަންކަމަށް ސަމާލުވެ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައުރޫ އިން ޗައިނާއާ އެކު ރަސްމީ ގުޅުން އަލުން ބަދަހިކުރުމާ ގުޅޭ (ވީޑިއޯ/ޑީޑަބްލިއު ނިއުސް)

ނައުރޫ އިން ޗައިނާއާ އެކު ރަސްމީ ގުޅުން އަލުން ބަދަހިކުރުމާ ގުޅޭގޮތުން ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނީ ނައުރޫގެ ނިންމުމުން ފެނިގެން މި ދިޔައީ "ވަން ޗައިނާާ" ސިޔާސަތަށް އޮތް ތަރުހީބާއި މީހުންގެ ވިސްނުން ހުރި ގޮތް ކަމަށެވެ. 

ނައުރޫ އިން 2002 ވަނަ އަހަރު ވެސް ޓައިވާނާ ގުޅުން ކަނޑާލައި ޗައިނާ ކޮޅަށް އެރި އެވެ. ނަމަވެސް 2005 ވަނަ އަހަރު އަނެއްކާވެސް ޓައިވާނު ކޮޅަށް ޖެހުނީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް