ހަމަލާތައް އެރި ހޮޓަލުގައި އެއްވެސް އަސްކަރީ ހަރަކާތެއް ނުހިންގާ ކަމަށް ޔޫކްރެއިނުން ބުނޭ

ހާކީވްގެ ހޮޓަލަކަށް ރަޝިޔާއިން ހަމަލާދީފި: ހާކީވް ގަވަރުނަރު

ފާއިތުވެދިޔަ 2 ހަފްތާއެއްހާ ދުވަސް ތެރޭ ރަޝިޔާއިން ވަނީ ހަމަލާތައް ވަރުގަދަކޮށްފައި

ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ހާކީވްގައި ހުންނަ ހޮޓަލަކަށް ރަޝިޔާއިން ވައިގެ ހަމަލާތަކެއް ދީ 11 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް އެ ސިޓީގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިނުގެ ސްޓޭޓް އިމަޖެންސީ ސާވިސް އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން މި ހޮޓެލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރާއި އެ ތަނުގައި ފަޔަފައިޓަރުން ހަރަކާތްތެރިވަމުން އަންނަ މަންޒަރު ފެނިގެންދެ އެވެ.

ގަވަރުނަރު އޯލޭ ސިނެހުބޯވް ވިދާޅުވީ އެސް-300 މަރުކާގެ ދެ މިސައިލެއް މި ހޮޓަލަށް އަރާފައި ވަނީ ރޭގަނޑު 22:30 ހާއިރު ކަމަށާއި މި ހަމަލާގައި  ތުރުކީގެ ނޫސްވެރިންތަކަކަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ.

ފާއިތުވެ ދިޔަ ދެ ހަފްތާ ތެރޭ ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ. ޑްރޯން އާއި މިސައިލުތައް ބޭނުންކޮށް އަމާޒު ކުރަމުން އަންނަ މި ހަމަލާތަކުގައި ގިނަ އާންމުންތަކެއް މަރުވެފައިވާ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން މައުލޫމާތު ދެއްވަ އެވެ.

ރަޝިޔާ-ޔޫކްރެއިން ބޯޑަރާ އެންމެ 30 ކިލޯމީޓަރު ދުރުގައި އޮންނަ ހާކީވް ސިޓީއަށް މި ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި އެންމެ ފަހުގެ ހަމަލާތަކުގައި ނުވަ މީހަކު އަނިޔާވެފައިވާ އިރު، 35 އަހަރުގެ އެކަކަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމަށް ޓެލެގްރާމް މެސެޖިންގް އެޕްގައި ގަވަރުނަރު ސިނެހުބޯވް ވިދާޅުވި އެވެ.

ރަޝިޔާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔޫކްރެއިނުން ވަނީ ޑިސެމްބަރު 30 ވަނަ ދުވަހު ރަޝިޔާގެ ބެލްގަރްދް ސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދީ 25 މީހަކު މަރާލާފަ އެވެ. މިއާ އެކު ރަޝިޔާއިން ވަނީ އެ ސިޓީއިން އާންމުން ހުސްކުރަން ފައްޓާފަ އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެއްވެސް ފަރާތަކަށް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވާތާ މަސްތަކެއް ވެފައިވާ އިރު ޔޫކްރެއިނަށް ހުޅަނގުން ފޯރުކޮށްދެމުން އަންނަ އެހީތައް ވަނީ މަޑުޖެހިފަ އެވެ. އަވަށްޓެރި ލިތުއޭނިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ވަނީ ހުޅަނގުން އިތުރު ވައިގެ ދިފާއީ ހަތިޔާރުތައް ފޯރުކޮށްދިނުމަށް ބުދަ ދުވަހު ގޮވާލައްވާފަ އެވެ. ބޯލްޓިކް ސަރަހައްދަށް ނިސްބަތްވާ ލިތުއޭނިއާ އަކީ ޔޫކްރެއިނަށް ހަރުއަޑުން ތާއީދު ކުރަމުން އަންނަ އެއްގައުމެވެ. 

"އަހަރުމެންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި ވަނީ ވައިގެ ދިފާއީ ނިޒާމުތައް. ޑްރޯންތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް. ލިތުއޭނިއާ އާއި އެހެނިހެން ޕާޓްނަރުންނާ އެކު އެގްރިމަންޓުތަކެއް ހުރުމުން އަހަރެން އުފާ ކުރަން،" ވިލްނިއަސްގައި ހުންނަވާ ޒެލެންސްކީ ވިދާޅުވި އެވެ.  ލިތުއޭނިއާ އާއި އަވަށްޓެރި ލެޓްވިއާ އަދި އެސްޓޯނިއާ އަކީ ކުރީގެ ސޯވިއެޓް ރޫސީވިލާތަށް ނިސްބަތްވި އަދި މިހާރު ނޭޓޯގެ ހިމާޔަތުގައިވާ ތިން ގައުމެވެ. 

ޔޫކްރެއިން އަސްކަރީ އެހީ އެންމެ ގިނައިން ފޯރުކޮށްދީފައިވާ ގައުމުތައް

ގައުމުތަކުގެ ޖީޑީޕީއާ އަޅާ ބަލާއިރު ޔޫކްރެއިނަށް އެންމެ ބޮޑު އަސްކަރީ އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދީފައި ވަނީ ނިސްބަތުން ލިތުއޭނިއާ އިން ނެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ޔޫކްރެއިނަށް އެންމެ ގިނައިން އަސްކަރީ އެހީ ފޯރުކޮށްދީފައި ވަނީ އެމެރިކާ އިން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް