އާޖެންޓީނާގެ ކުރިމަތިވި ތޫފާނުގައި ލިބިފައިވާ ގެއްލުންތަކެއް.

އާޖެންޓީނާ

އާޖެންޓީނާއަށް ބާރުގަދަ ތޫފާނެއް އަރައި 13 މީހަކު މަރުވެއްޖެ

މި ތޫފާނުގެ ސަބަބުން "ކާރިސާއެއް" ކުރިމަތިވެފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައި
18 ޑިސެމްބަރު 2023

އާޖެންޓީނާއަށް ބާރުގަދަ ތޫފާނެއް އަރާ ހުޅަނގު ދެކުނުގައި އޮންނަ ބަނދަރުމަތީ ބާހިއާ ބްލަންކާ ސިޓީއިން 13 މީހަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ފެޑެރީކޯ ސަސްބިއީލެސް އާއި ސަރަހައްދީ އިދާރާތަކުން ހާމަކޮށްފި އެވެ.

މި ތޫފާނުގައި ގަޑިއަކު 87 މޭލަށް ވައި ޖެހިފައި ވާއިރު، 300 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ޖެހުނު ކަމަށް ސަރަހައްދީ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އަދި މި ތޫފާނުގެ ސަބަބުން "ކާރިސާއެއް" ކުރިމަތިވެފައިވާ ކަމަށާއި ގިނަ ބަޔަކަށް އަނިޔާވެ ބައެއް މީހުންނަށް ލިބިފައިވާ އަނިޔާތަށް "ވަރަށް ސީރިއަސް" ކަމަށް ބާހިއާ ބްލަންކާގެ ސިޓީ ކައުންސިލުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެންމެ ސީރިއަސް ހާލަތެއް ކުރިމަތިވެފައި ވަނީ ބަހިއެންސޭ ޑެލް ނޯޓޭގައި ހުންނަ ކުޅިވަރު ކުޅޭ ކްލަބެއްގަ އެވެ. އަދި މި ކްލަބުގައި މެޑިކަލް އަދި ސިވިލް ޑިފެންސް ޓީމުތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން ނެވެ.

"މަރުވި 12 މީހުންގެ ގާތް މީހުންނާއި އާއިލާތަކާ އެކު އަހަރުމެން ސާބިތުކަމާ އެކު ތިބިކަން އަހަރެން ކަށަވަރު ކޮށްދެން. އަދި ހިތާމަފާޅު ކުރުމުގެ ތިން ދުވަސް އަހަރުމެން އިއުލާނު ކުރަން،" މޭޔަރު ސަސްބިއީލެސް ސޯޝަލް މީޑިއާ އެކްސްގައި އިއްޔެ ޕޯސްޓު ކުރައްވާފައިވެ އެވެ.

އަދި އާންމުން ރައްކާތެރިވެ ތިބުން މުހިންމު ކަމަށް ފާހަގަކުރައްވާ، "އަހަރުމެން އަދިވެސް މިތިބީ އިމަޖެންސީ ހާލަތެއްގައި. ކަރަންޓުގެ ބިރު އަދި ގަސްތަކާއި ވެއްޓޭ އިމާރާތްތަކުގެ ބިރު" އޮތް ކަމަށް ވެސް ސަސްބިއީލެސް ފާހަގަކުރައްވާފައިވެ އެވެ.

މި ތޫފާނާ ގުޅިގެން ލިބުނު ގެއްލުންތައް ރިޕޯޓު ކުރުމަށް 103،544 ކޯލު ލިބިފައިވާ ކަމަށް ބާހިއާ ބްލަންކާގެ އިމަޖެންސީ ޓީމުތަކުން ވަނީ ބުނެފަ އެވެ.

މި ތޫފާނާ ގުޅިގެން ތަންތަނަށް ލިބުނު ގެއްލުންތަކަށް ފިޔަވަޅު އަޅާ، ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރަހައްދީ ސަރުކާރުތަކާ އެކު ގައުމީ ކެބިނެޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް އާޖެންޓީނާގެ ރައީސް ހަވިއާ މިލެއީގެ އޮފީހުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް