ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން.

ރަޝިޔާ

ފިންލެންޑާ އެކު މައްސަލަތައް ޖެހޭނެކަމަށް ޕޫޓިން އިންޒާރު ދެއްވައިފި

ނޭޓޯ ފުޅާ ނުކުރުމަށް ޕޫޓިން އިންޒާރު ދެއްވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ
18 ޑިސެމްބަރު 2023

ނޭޓޯއާ ގުޅުމުގެ ސަބަބުން ފިންލެންޑާ އެކު "މައްސަލަތައް" ޖެހޭނެ ކަމަށް ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ފިންލެންޑް އިން މިއަހަރު ނޭޓޯއާ ގުޅުމުން އުތުރު ޔޫރަޕުގެ ސަލާމަތީ މަލަމަތި ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

އަދި ރަޝިޔާއާ އެކު ނޭޓޯގެ ގައުމުތަކުން ހިއްސާކުރާ ބޯޑަރުގެ ދިގުމިނަށް 1،300 ކިލޯމީޓަރު އިތުރުވެފައި ވާއިރު، ފިންލެންޑުގެ މި ފިޔަވަޅު ވެގެން ދިޔައީ ނޭޓޯ އިތުރަށް ފުޅާ ނުކުރުމަށް އިންޒާރު ދެމުން އައި ޕޫޓިން އަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ނާކާމިޔާބީ އަކަށެވެ.

"އެމީހުން (ހުޅަނގުން) ވަނީ ފިންލެންޑު ނަގާ ނޭޓޯއަށް ދަމާ ގެނެސް ވައްދާފައި. ކީއްވެ އަހަރުމެން ފިންލެންޑާ އެކު މައްސަލައެއް އޮތްތަ؟ ވިހި ވަނަ ގަރުނުގެ މެދުތެރޭ އުފެދުނު ސަރަހައްދީ މައްސަލަތައް ފަދަ ހުރިހާ މައްސަލައެއް އޮތީ އެތައް ޒަމާނެއް ކުރިން ހައްލު ކުރެވިފައި،" އާދިއްތަ ދުވަހު ޝާއިއުކޮށްފައިވާ ޕޫޓިންގެ ބަސްދީގަތުމެއްގައިވެ އެވެ.

"އެއްވެސް މައްސަލައެއް ނެތް ކުރިއަކުން. އެކަމު މިހާރު އޮންނާނެ. ސަބަބަކީ މިހާރު އަހަރުމެން އެތަނުގައި ލެނިންގްރެޑް އަސްކަރީ ޑިސްޓްރިކްޓެއް ގާއިމުކޮށް އެތަނަށް އަސްކަރީ ޔުނިތައް ޖަމާކުރާނަން،" ރަޝިޔާ ސަރުކާރުގެ ރަޝިޔާ 1 ބްރޯޑްކާސްޓަރަށް ދެއްވި ބަސްދީގަތުމުގައި ޕޫޓިން ވިދާޅުވެފައިވެ އެވެ.

ޔޫކްރެެއިނު ހަނގުރާމަ ރަޝިޔާއަށް ކާމިޔާބު ވެއްޖެނަމަ މޮސްކޯއިން ހުއްޓުމެއް ނެތި އިސްތިއުމާރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް މިމަހު ކުރީކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވި އިންޒާރަށް ވެސް ޕޫޓިން ވަނީ މި ބަސްދީގަތުމުގައި ރައްދު ދެއްވާފަ އެވެ.

ބައިޑަންގެ ބަސްފުޅުތައް "އެއްގޮތަކަށް ވެސް ހަމަނުޖެހޭ" ކަމަށާއި، "ނޭޓޯގެ ގައުމުތަކާ އެކު ހަނގުރާ ހަނގުރާމައަށް ދިޔުމަށް އެއްވެސް ސަބަބެއް، އެއްވެސް ޝައުގުވެރިކަމެއް، އެއްވެސް ސަރަހައްދީ ޝައުގުވެރިކަމެއް، އިގްތިސާދީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ނުވަތަ އަސްކަރީ ގޮތުން ވެސް ނެތް" ކަމަށް ޕޫޓިން ވިދާޅުވެފައިވެ އެވެ.

"އެމީހުންނާ (ނޭޓޯ)އާ އެކު އޮތް ގުޅުން އިތުރަށް ގޯސް ކުރަން އެއްވެސް ވިސްނުމެއް ނެތް، އަހަރުމެންގެ ޝައުގުވެރިކަން ހުރީ ގުޅުންތައް ތަރައްގީކުރަން."

ނޭޓޯގެ 31 މެމްބަރު ގައުމަކަށް ފިންލެންޑު ވެގެން ގޮސްފައި ވަނީ މިއަހަރުގެ އޭޕްރިލް މަހު އެވެ. ޔޫކްރެއިނުގެ އުދުވާން ފެށުމުގެ ކުރިން ވެސް ނެޓޯ ފުޅާ ނުކުރުމަށް ޕޫޓިން ވަނީ ޑިމާންޑު ކުރައްވާފަ އެވެ. ނަމަވެސް ޔޫކްރެއިނުގެ އުދުވާން ފެށުނުތާ މަދު މަސްތަކެއް ތެރޭ ޒަމާނުއްސުރެ ވަކި ކޮޅަކަށް ނުޖެހި އޮތް ފިންލެންޑާއި ސްވީޑެން އިން ވަނީ ނޭޓޯއާ ގުޅުމަށް ހުށައަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް