ޔޫއޭއީގެ ހާރިޖީ ވަޒީރު (ކ) ޕޫޓިންއަށް މަރުހަބާ ދަންނަވަނީ.
ޕޫޓިން ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެންފި
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި، ގާޒާ އާއި ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމަ އާއި ތެޔޮ އުފެއްދުމާ ބެހޭގޮތުން މި ދެ ގައުމުގެ ލީޑަރުންނާ ޕޫޓިން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޔޫއޭއީގައި މިވަގުތު އދ.ގެ މޫސުމާ ބެހޭ ސަމިޓް ކޮޕް28 ކުރިއަށްދާ އިރު މި ސަމިޓުގައި ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ކްރެމްލިން އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޕޫޓިން ހައްޔަރު ކުރުމަށް މިދިޔަ މާޗު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރެއް ނެރުމާ ގުޅިގެން، ޕޫޓިން ރަޝިޔާ އިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ވަނީ ވަރަށް ބޮޑަށް މަދު ކުރައްވާފަ އެވެ.
އެގޮތުން، އޯގަސްޓު މަހު ސައުތު އެފްރިކާގައި އޮތް ބްރިކްސް ސަމިޓުގަ އާއި ސެޕްޓެމްބަރު މަހު އިންޑިއާގައި އޮތް ޖީ20 ސަމިޓުގައި ޕޫޓިން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ޕޫޓިން ހަމައެކަނި ގައުމުން ބޭރަށް ވަޑައިގެންފައި ވަނީ އީރާނަށާއި ޗައިނާ އަށެވެ.
ރަޝިޔާ-ޔޫކްރެއިނު ހަނގުރާމައިގައި ޔޫކްރެއިނުގެ ކުޑަކުދިން ގާނޫނާ ހިލާފަށް ރަޝިޔާއަށް ގެންގޮސްފައިވާ ކަމަށް އައިސީސީ އިން ވަނީ ތުހުމަތުކޮށްފަ އެވެ.
ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އަކީ އައިސީސީގެ މެމްބަރު ގައުމުތަކެއް ނޫނެވެ.
ޕޫޓިން މެދު އިރުމަތީގެ ދެ ގައުމަކަށް ދަތުރުފުޅު ފައްޓަވާފައި މިވަނީ ހުޅަނގުން ރަޝިޔާ އެކަހެރި ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށް ކްރެމްލިން އިން ގޮތްތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޔޫއޭއީ ދަތުރުފުޅުގައި ޕޫޓިން ވަނީ އެ ގައުމުގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ބައްދަލު ކުރައްވާ "އަހަރެމެންގެ ގުޅުން ދުވަހަކު ނުވާހާ މިންވަރަކަށް ރަނގަޅުވެފައިވާ" ކަމަށް ވިދާޅުވެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ތެލާއި ވިޔަފާރީގެ ގުޅުމުގެ މަޝްވަރާތައް މި ދަތުރުގައި ކުރިއަށް ގެންދާނެ ކަމަށް ކްރެމްލިން އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.
ޔޫއޭއީއަށް ފަހު ޕޫޓިން ސައުދީ އަރަބިއްޔާއަށް ވަޑައިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިޒްރޭލް-ހަމާސްގެ ހަމަނުޖެހުން ކުޑަ ކުރެވޭނެ ގޮތަކާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.
ޕޫޓިންގެ އެސިސްޓަންޓް ޔޫރީ އުޝަކޯވް ވިދާޅުވެފައިވާ ގޮތުގައި، ޔޫއޭއީ އާއި ސައުދީގެ ލީޑަރުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި، ސީރިއާ، ޔަމަން އަދި ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ވެސް މަޝްވަރާ ކުރައްވާނެ އެވެ.
މީގެ އިތުރުން ޕޫޓިން އީރާނުގެ ރައީސް އިބްރާހިމް ރައީސީއާ މިއަދު ބައްދަލު ކުރައްވައި ގާޒާގެ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކްރެމްލިންގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.