ޓަންޒޭނިއާގެ ހަނަންގް ޑިސްޓްރިކްޓް އަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން.

ޓަންޒޭނިއާ

ޓަންޒޭނިއާއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ގޮސް 47 މީހަކު މަރުވެއްޖެ

އިރުމަތީ އެފްރިކާއަށް މިއަހަރު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކެއް އަންނަނީ ކުރިމަތިވަމުން

ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މަދުވެގެން 47 މީހަކު މަރުވެ، އިތުރު 80 މީހަކަށް އަނިޔާވެފައިވާ ކަމަށް އުތުރު ޓަންޒޭނިއާގެ ސަރަހައްދީ އޮފިޝަލުން ހާމަކޮށްފި އެވެ.

އުތުރު ޓަންޒޭނިއާގެ މައުންޓް ހަނަންގް ފަރުބަދަ ކައިރީގައި ހިނގި މި ކާރިސާގައި އާންމުންނަށް އިމަޖެންސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ޓަންޒޭނިއާގެ ރައީސް ސާމިއާ ހަސަން ވަނީ ސިފައިން ފޮނުއްވާފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ގެތަކަށާއި އުމްރާނީ ތަރައްގީގެ ގިނަ ތަންތަނަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ފެންބޮޑުވުމަކީ ޓަންޒޭނިއާއަށް ކޮންމެ އަހަރަކު ވެސް އެންމެ ގިނައިން ކުރިމަތިވާ ގުދުރަތީ ކާރިސާ އެވެ. އަދި މިފަދަ ހާދިސާތަކުގެ އަސަރު ކޮންމެ އަހަރަކު ވެސް އެތައް ހާސް އާންމުންނަށް ކުރެ އެވެ. 

ޓަންޒޭނިއާ އޮންނަ އިރުމަތީ އެފްރިކާގެ ސަރަހައްދުތަކުގައި މިއަހަރު ގިނަ އަދަދަކަށް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް އަންނަނީ ކުރިމަތިވަމުން ނެވެ. މީގެ އެއް ސަބަބު ކަމަށް ބެލެވިފައި ވަނީ ދުނިޔޭގެ މޫސުމަށް ކޮންމެ 3-7 އަހަރާ ދެމެދު އެއް ފަހަރު ކުރިމަތިވާ ގުދުރަތީ އެލް ނީނޯ އެވެ.

މިދިޔަ މަހު ޓަންޒޭނިއާއަށް ކުރި އާދަޔާ ހިލާފަށް ގަދަ ވިއްސާރާގައި ވެރިރަށް ދާރުއް ސަލާމް ކިގޯމާ، ކަގޭރާ، ގެއިޓާ އަދި އުންގުޖާ ފަދަ ސަރަހައްދުތަކުގައިވާ އާންމު ތަންތަނަށް ގެއްލުންވެ ބައެއް މީހުން މަރު ވެސް ވެފައި ވެއެވެ.

އަދި ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހުރި ދަނޑުބިންތައް ވެސް ވަނީ އެކީ ހަލާކުވެފަ އެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރަ ޑިސެމްބަރު މަހު އެކީ ކުރިއަށް ދާނެ ކަމަށް ބެެލެވޭ ކަމަށް ޓަންޒޭނިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރު ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް